Advertisement

ރަސްމާލެއިން މޯހަން މުތާއަށް ހިއްކަން ހަވާލުކުރި ސައިޓެއްގައި ބަންޑް ވޯލް ޖަހަން ފަށައިފި

13 އޮކްޓޯބަރު 2024 - 13:48 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރަސްމާލެއިން އަލަށް ހިއްކަން ފަށާ ސައިޓު ޑީގެ ބަންޑްވޯލް ޖަހަން ފަށަނީ --- ފޮޓޯ: ސޯޝަލް މީޑިއާ


ރަސްމާލެއިން މޯހަން މުތާއަށް ހިއްކަން ހަވާލުކުރި ސައިޓެއްގައި ބަންޑް ވޯލް ޖަހަން ފަށައިފި

13 އޮކްޓޯބަރު 2024 - 13:48 0

މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ ފުރަތަމަ ޕްލޭން ފެއިލްވެ ދެވަނައަށް އެކުލަވާލި ޕްލޭނުގެ ދަށުން ބިން ހިއްކަން ހަވާލުކުރި ދެ ކުންފުނީގެ ތެރެއިން، އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އާ ހަވާލުކުރި ސައިޓެއް ހިއްކަން ފެށުމަށް ބަންޑް ވޯލް ޖަހަން ފަށައިފި އެވެ.

ދައުލަތުން ހަރަދު ނުކޮށް ކުރިއަށް ގެންދަން ރޭވި ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުމަށް ބޭނުންވާ ފައިސާ، މަޝްރޫއު ހިންގާ ސަރުކާރުގެ ކުންފުނި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބޮޑު ލޯނެއް ނަގައި ބިން ހިއްކުން އެމްއެމްއީ އަދި ޗައިނާގެ ޗައިނާ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އާ ހަވާލުކުރީ އޮގަސްޓު މަހުގެ ތެރޭގަ އެވެ.

މަޝްރޫއުގެ އީއައިއޭ އާންމުކުރިތާ މަސްދުވަހަށް ވުރެ ގިނަ ދުވަސް ފަހުން ބިން ހިއްކުން ފެށުމަށް ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ފަށާފައިވަނީ އެމްއެމްއީ އާ ހަވާލުކުރި ސައިޓު ޑީ ގެ އެވެ. 264 ހެކްޓަރުގެ މި ސައިޓަކީ ރަސްމާލޭގެ އެންމެ ބޮޑު ސަރަހައްދެވެ. ޑީ ގެ އިތުރުން މޯހަން މުތާއަށް ހިއްކަން ހަވާލުކުރީ އެފް، ޖީ، އަދި އެލް، އެވެ.

އެތަނުގައި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ތެރޭގައިކަން ސެޓްލައިޓު ފޮޓޯތަކުން ފެނެ އެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުންވެސް ބަންޑްވޯލް ޖެހުމަށް ފުށިދިއްގަރުފަޅުގައި އެކަމަށް ބޭނުންވާ އުޅަނދުތައް މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ. ނަމަވެސް ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރެއް އެ ސަރަހައްދަކު ނެތެވެ.

ރަސްމާލެއިން އަލަށް ހިއްކަން ފަށަން މަސައްކަތްކުރާ ސައިޓު ޑީ ސަރަހައްދުގައި ބަންޑް ވޯލް ޖަހަނީ ---- ފޮޓޯ: ސެންޓިނަލް-2


މި މަސައްކަތުގެ ތެރެއިން ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރީ ޖުލައި 29، ގަ އެވެ. އެއީ ޑިސެމްބަރު 18، 2023 ގައި ހިއްކަން ފެށި ސައިޓު ޖޭ ގައި ހިމެނޭ 29 ހެކްޓަރު ނިންމާލުމަށް ކުރި މަސައްކަތެވެ. އެ މަސައްކަތް ކުރީ މި މަޝްރޫއު ފުރަތަމަ ހަވާލުކުރި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އިންނެވެ.

ރަސްމާލޭގެ ބާކީ ނުވަ ސައިޓު ހިއްކުމަށް އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހުއްދަ ދީފައިވަނީ ހަ މަހުގެ މުއްދަތަކެވެ. އެ މުއްދަތު ހަމަވާނީ މާޗު މަހަށެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފުރަތަމަ ހަވާލުކުރީ ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުކުރާ ގޮތަށް ބިން ހިއްކުމުގެ މުގާބިލުގައި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދޫކުރާ ގޮތަށެވެ. އޭރު ބުނީ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫއަށް ބޭނުންވާ ބިން ހިއްކާ ނިމޭނެ ކަމަށެވެ.

ނަމަވެސް މިކަން މިގޮތަށް ކުރިއަށް ނުގޮސްގެން ސީއެމްސީއާ އެކީ ހެދި އެއްބަސްވުން ބާތިލުކޮށް، އެ ކުންފުނިން ހިއްކި ތަންކޮޅަށް ވަނީ 77 މިލިއަން ރުފިޔާ ދީފަ އެވެ. މިހާރު މަޝްރޫއު ކުރިއަށް ގެންދަނީ އެޗްޑީސީން ލޯނު ނަގައިގެންނެވެ. މި ލޯނާ ގުޅޭ އެއްވެސް ތަފުސީލެއް ސަރުކާރުން ނުވަތަ އެޗްޑީސީން ވެސް ހާމައެއް ނުކުރެ އެވެ.