about 3 hours 1
އަމަން ހަލީމް
ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
about 3 hours 1
ބިންވެރިޔާ ލިސްޓުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތިތަކެއް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.
ޝާމިލް މިހެން ވިދާޅުވި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި ގޯތިތައް ދިން މައްސަލަ ބަލަމުންދޭތޯ "އަދަދު" އިން ސުވާލުކުރުމުންނެވެ. މިއީ ބަލަމުންދާ މައްސަލައަކަށް ވާތީ އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
އޭސީސީން މި މައްސަލަ ބަލަން ފެށިއިރު، ގޯތިތައް ވިއްކި މައްސަލައިގައި ޖިނާއީ ކުށްތަކެއް އެކުލެވޭތީ ފުލުހުން ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އެޗްޑީސީއަށް ވަދެފަ އެވެ. މިހާރު ވެސް އެ އިމާރާތުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ސަރަހައްދުގައި ތިބި މި ނޫހުގެ ނޫސްވެރިން މައުލޫމާތު ދީފައި ވެ އެވެ.
ގޯތި މައްސަލައިގައި މިހާތަނަށް ލިބުނުު މައުލޫމާތުން އެނގޭ ގޮތުގައި މި ވައްކަމުގެ ތެރެއިން 50 އާ ގާތްކުރާ އަދަދަކަށް ގޯތިތައް ދޫކޮށްފައި ވެއެވެ.
މިހާރު ހުޅުމާލެއިން ބިން ވިއްކަމުންދާ އެވަރެޖު ރޭޓުގައި މި ބިންތައް އަގުކުރާއިރު ވިއްކާލި ބިންތަކުގެ އަގު 400 މިލިއަނަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިއީ މި ހުރިހާ ގޯތިތަކަކީ 1250 އަކަފޫޓުގެ ގޯތިކަމުގައި ބަލައިގެން ހިސާބުކުރުމުން ޖެހޭ އަގެވެ.
މިކަން ތިލަވީއިރު، މިތަނުން އެއް ގޯތީގެ ރަޖިސްޓްރީ ހައްދާފައިވާ އެކަކަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދެވެ. އާންމުވެފައިވާ ލިޔެކިޔުންތަކުގައި ވަނީ އޭނާގެ ނަން މަތީގައި ރަޖިސްޓްރީކޮށްދީފައިވާ ބިމެއްގެ ވަށާ ފާރު ރާނަން ހައުސިންގެ ހުއްދައަށް އެދިފަ އެވެ.
ނަމަވެސް ހައުސިންއިން ބުނީ އެއީ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހެއް ނޫން ކަމަށާއި އަދި އެ ލޮޓް ނަމްބަރަކީ އެ ސްކީމުން ދޫކުރި ލިސްޓުގައި ހިމެނޭ ލޮޓެއް ނޫން ކަމަށެވެ.
މިކަން ކުރަން މަސައްކަތްކޮށްފައި ވަނީ ފޯޖުކޮށްފައިވާ އެއްބަސްވުންތަކެއް ބޭނުންކޮށްގެންނެވެ. މި އެއްބަސްވުންތަކަކީ ބިންވެރިޔާ ސްކީމުގައި އޮންނަ އުސޫލުގެ ތެރެއިން ނޮޓަރައިޒްކޮށްފައިވާ އެއްބަސްވުންތަކެއް ވެސް ނޫނެވެ. މި ތަނުން ބައެއް ގޯތި ދެ މީހުންގެ ނަން މައްޗަށް ރަޖިސްޓްރީ ހައްދާފައި ހުރި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
Comment