Advertisement

ވަގަށް ބިން ވިއްކި މައްސަލައިގައި ފިޔަވަޅު އަޅައި، ފަޒުލް ވަކިކުރަން އެމްޑީޕީން ގޮވާލައިފި

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަަޒުލް ރަޝީދު: މި މައްސަލައިގައި ހިމެނޭ އެހެން މީހުންނަށް ފިޔަވަޅު އަޅަން އެމްޑީޕީން ގޮވާލި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ވަގަށް ބިން ވިއްކި މައްސަލައިގައި ފިޔަވަޅު އަޅައި، ފަޒުލް ވަކިކުރަން އެމްޑީޕީން ގޮވާލައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރެއިން ބިންވެރިޔާ ސްކީމުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުގެ ތެރެއިން ގޯތި ލިބުނު ކަމަށް ބުނެ ވަގަށް ބިންތަކެއް ވިއްކި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ތަހުގީގުކޮށް އަވަސް ފިޔަވަޅު އަޅަން އިދިކޮޅު އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.

އެޗްޑީސީން ވަގަށް ބިންތަކެއް ވިއްކި މައްސަލައިގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަނުވާ އެތައް ބަޔަކަށް އެޗްޑީސީން ދޮގު ލިޔުން ތައްޔާރުކޮށް މަކަރާއި ހީލަތުން ބިންތައް ދީފައިވާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

އެމްޑީޕީން އިތުރަށް ބުނީ މިއީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި މި މައްސަލަ ފެންމަތިވުމުން މިހާތަނަށް ވެސް އެޗްޑީސީގެ ވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކޮރަޕްޝަނާއި ވައްކަމަށް މި ސަރުކާރުން ހިތްވަރު ދެމުންދާކަން ހާމަވެގެންދާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

މިހެން ބުނުމަށް ފަހު އެމްޑީޕީން ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މަގާމުން ވަކިކުރަން ގޮވާލާފަ އެވެ.

"ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާ އެޗްޑީސީ ހިންގުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރެއްގެ ފެންވަރުގައި ހަވާލުކުރެއްވި އިބްރާހިމް ފަޒުލް ރަޝީދު އެ މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ފަޒުލްގެ އިތުރުން، މިއީ އެކަކަށް ހިންގޭނެ މުއާމަލާތަކަށް ނުވާތީ މި މުއާމަލާތްތަކުގައި ބައިވެރިވި އެންމެނަށް ހަރުކަށި އަދަބު ދިނުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ. އަދި އޮޅުވާލައިގެން ދިން ބިންތައް އަނބުރާ ނަގައި، އެ ބިމުގެ ހައްގުވެރިންނާ ބިންތައް ހަވާލުކުރަން ވެސް ސަރުކާރަށް ގޮވާލާފައިވެ އެވެ.

އެމްޑީޕީގެ ބަޔާން ނިންމާލަމުން ތަހުގީގީ އިދާރާތަކާއި މިނިވަން މުއައްސަސާތަކުން ކުންފުނިތަކުން ހިންގާ ހިޔާނާތުގެ މައްސަލަތަކުގައި ކަމެއް ނުކުރާތީ ހިތާމަ ފާޅުކުރާ ކަމަށް ބުނެފައިވެ އެވެ. އަދި މިފަދަ މައްސަލަތައް ވީހާ ވެސް އަވަހަށް ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ކިބައިން އެދިފައި ވެ އެވެ.

ވަގަށް ގޯތިތައް ދިން މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެޗްޑީސީއަށް ވަދެފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ވަނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.