Advertisement

ޕެޓިޝަން ހުށަހެޅުމުން އެކަހެރިކޮށް އުނދަގޫކުރާތީ ރައީސްއާ ބައްދަލުކުރަން ގައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުން އެދިއްޖެ

13 އޮކްޓޯބަރު 2024 - 11:53 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު: ގައުމިއްޔަތު މިނިސްޓްރީ މުވައްޒަފުންގެ ކަންބޮޑުވުން ހިއްސާކުރަން ރައީސްއާ ބައްދަލުކުރަން ވަނީ އެދިފައި -- ފޮޓޯ: ރައީސް އޮފީސް


ޕެޓިޝަން ހުށަހެޅުމުން އެކަހެރިކޮށް އުނދަގޫކުރާތީ ރައީސްއާ ބައްދަލުކުރަން ގައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުން އެދިއްޖެ

13 އޮކްޓޯބަރު 2024 - 11:53 2

ގައުމިއްޔަތު މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުން ހުށަހެޅި ޕެޓިޝަންގެ ސަބަބުން މަސްލަހަތު ގޯސްވެ، ހުރި ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކުރަން ބައްދަލުވުމަކަށް އެދި އެމަނިކުފާނަށް ސިޓީއެއް ފޮނުވައިފި އެވެ.

އެ ސިޓީގައި މުވައްޒަފުން ބުނީ އެ މިނިސްޓްރީގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން ޕެޓިޝަން ހުށަހެޅި މުވައްޒަފުން އެކަހެރިކޮށް، އެކި އުނދަގޫތައް ކުރިމަތި ކުރުވަމުންދާ ކަމަށާއި މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ބައްދަލު ކޮށްދިނުމަށް އެދޭ ކަމަށެވެ.

"ދައުލަތެއްގެ ވުޒާރާއެއް އެއްވެސް ހިންގުމުގެ ހަމަތަކެއް ނެތި، ދިރުބާއެއް ނެތް އޮޑިއެއް ދުއްވާ އުސޫލުން ކަންކަން ހިނގަމުންދާތީ، މިކަންކަން އިސްލާހުކޮށް، މި ވުޒާރާ މަތިކޮށްފައިވާ ޒިންމާތައް އިތުރަށް ހަރުދަނާކޮށް ކަންކަން ކުރުމަށް ބޭނުންވާ މުވައްޒަފުންތަކެއް [ސިވިލް] ތިބި ވުޒާރާއެއްކަން ފާހަގަ ކުރަން،" ސިޓީގައި ބުންޏެވެ.

ސިޓީގައި ބުނީ އެ މިނިސްޓްރީއަކީ ހާއްސަ މަގްސަދެއްގައި ރައީސް އުފެއްދެވި މިނިސްޓްރީއަކަށްވާއިރު، ހަމައެކަނި ދުވަސްތައް ފާހަގަކުރާ މިނިސްޓްރީއަކަށް އެތަން ވެފައިވާ ކަމަށެވެ.

އޭގެއިތުރުން އެ ސިޓީއާއެކު ސިވިލް މުވައްޒަފުންނަށް ދިމާވާ ދަތިތައް ވެސް ވަނީ ހިއްސާކޮށް، މިނިސްޓްރީ ތެރޭގައި އުސޫލާއި ހިލާފަށް ހިނގަމުންދާ ކަންކަން ފާހަގަކޮށްފަ އެވެ.

މިގޮތުން، މިނިސްޓްރީގެ ހަރަދުތައް ކުޑަ ކުރަން ސަރުކާރުން އަންގާފައި ވަނިކޮށް އެއާ އިދިކޮޅަށް އަމަލުކޮށް، އޮފީސްތަކުގެ ތަޅުދަނޑި ވެސް އުސޫލާ ހިލާފަށް މުވައްޒަފުންގެ ގޭގައި ބަހައްޓާ ކަމަށެވެ.

ރައީސް އޮފީހުގައި ސެޕްޓެމްބަރު 16، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ އެ ވުޒާރާގެ މުވައްޒަފުންތަކެއް ސިވިލް ސާވިސްއަށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ހުރި ޝަކުވާތައް ހިފައިގެން އޭނާއާ ހަމައަށް ރަސްމީކޮށް އެއްވެސް މުވައްޒަފަކު ނުދާ ކަމަށެވެ.

ނަމަވެސް ޕެޓިޝަނުގައި ނަން ފާހަގަކޮށްފައިވާ މުވައްޒަފަކީ ވަރަށް ފަރުވާތެރި ކަމާއެކު ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ނަސީރު ވިދާޅުވި އެވެ.

ގައުމިއްޔަތު މިނިސްޓްރީގެ މުވައްޒަފުން ރައީސްއާ ބައްދަލު ކުރުމަށް އެދި ސެޕްޓެމްބަރު 25، ގައި ސިޓީ ހުށަހެޅި ނަމަވެސް، މިހާތަނަށް ރައީސް އޮފީހުން އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

މިނިސްޓްރީގެ ސިވިލް މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅި މައްސަލައިގައި މިހާތަނަށް ހަތަރު މުވައްޒަފުންގެ ބަޔާން ވަނީ ނަގާފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވަނީ ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށް އެދުމުން އެ މިނިސްޓްރީގައި ތިބީ 35 ސިޔާސީ މުވައްޒަފުން ކަމަށް ވަނީ ބުނެފަ އެވެ.