Advertisement

ދޮގުވެރިން ތެދުވެރިންކަމުގައި ވެގަންނައިރު، ފާޅުވާ ނަބިއްޔާގެ މުއުޖިޒާތް

11 އޮކްޓޯބަރު 2024 - 07:01 2

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ދޮގުވެރިން ތެދުވެރިންކަމުގައި ވެގަންނައިރު، ފާޅުވާ ނަބިއްޔާގެ މުއުޖިޒާތް

11 އޮކްޓޯބަރު 2024 - 07:01 2

ނަވާރަސަތޭކައިގެ ތެރޭގައި ފަރަންސޭސީން ދުށް އެންމެ ބޮޑު އެއް އިލްމުވެރިޔާ ގުސްޓާވް ލެބޮން ވިދާޅުވެފައިވެއެވެ. "ގިނަ މީހުންނަށް އޮޅުވާލުމުގެ ކުޅަދާނަކަން ލިބިއްޖެ މީހަކީ އެބަޔެއްގެ ބޮޑެއް ކަމުގައިވެއެވެ. އަދި އެބަޔަކަށް އަރާފައިވާ އޮޅުން ފިލުވައިދޭން އުޅެފި މީހަކީ އެބަޔެއްގެ ގުރުބާންކަންބަޅިއަށް ވެދެއެވެ." މިގޮތަށް އޭނާ ވިދާޅުވެފައި ވަނީ އޭނާގެ ފޮތް "ގިނަމީހުންގެ ސައިކޮލޮޖީ" އޭ ކިޔުނު ފޮތުގައެވެ. ޝައްކެތް ނެތެވެ. ފޮތުގައި އޭނާ ދިރާސާކޮށްފައި އެޔޮތީ އިންސާނުންގެ ނަފްސާނީ ހާލަތާއި ވިސްނުމުގެ ވައްޓަފާޅިއެވެ. ނިޔާކަނޑައަޅައި ގޮތް ނިންމަވާފައި އެވަނީ، އުޅުއްވި ދުވަސްވަރަށްކަމާމެދަކަށް ޝައްކެތް ނެތެވެ.

އޭނާގެ ކުރިން ޖަރުމަނުވިލާތުގެ ފިލޯސަފަރު ފްރެޑްރިކް ނިޗަރ ހަމަ މި މައުލޫގައި ވިދާޅުވެފައި އޮވެއެވެ. "ހަގީގަތް ހާމަކުރުމަކީ މީސްތަކުންނާ ކައިރިވެވޭނެ އެމީހުންގެ ލޯބި ލިބޭނެ ކަމެއްކަމުގައި ހީނުކުރާށެވެ. މީސްތަކުން ލޯބިކުރަނީ އަދި އަގުވަޒަންކުރަނީ އެބައިމީހުންގެ ކުށްހީތަކުގައި އެބައިމީހުން މަސްތުކުރުވުމުގެ ކުޅަދާނަކަން ހުރި މީހާއަށެވެ. އިހުއެވޭލާ ޒަމާނުއްސުރެ ތެދުބަހުން ވާހަކަދައްކާ މީހާއަށް ނޫނީ މީހުން އުގޫބާތްދައްކައި ނޫޅެއެވެ. މީސްތަކުންނާއެކު އުޅެން ގަސްދުކުރާނަމަ، އެބައިމީހުންގެ އޮޅުންތަކާއި ކުށްހީތަކުގައި އެބައިމީހުންނާ ބައިވެރިވާށެވެ. އިންސާނުންނަށް މުހިންމުވަނީ ހަގީގަތްތަކެއް ނޫނެވެ. އެމީހުން އޭގެ ތެރޭގައި ދިރިއުޅެމުންދާ ކުށްހީތަކެވެ."

އިނގިރޭސިންގެ އަދީބު ޖޯޖްއޯރވެލް ހަމަ މި މައުލޫގައި ވިދާޅުވެފައިވެއެވެ. "ފުރިހަމަ މަކަރުވެރިކަމުގެ މިޒަމާނުގައި ހަގީގަތް ހާމަކުރުމަކީ ބަގާވާތްކުރުންކަމުގައިވެއްޖެއެވެ."

މިދެންނެވުނު ފިލޯސަފަރުން އެބައިމީހުންނަށް ދިރިއުޅެން ލިބުނު މަކަރުވެރި ޒަމާނާއި އެބައިމީހުންގެ ވަށައިގެން އުޅުނު މުޖުތަމައު ދިރާސާކޮށް ހާމަކުރެއްވި ފަލްސަފީ ހަގީގަތްތަކުގެ ކުރިޔަށް އޭގެ ބާރަ ގަރުނުކުރިން އަހަރެމެންގެ މާތް ނަބިއްޔާ ގެންނެވި ރިސާލަތުގެ ފުރިހަމަކަމާއެވެ. އިތުރު އެކަލޭގެފާނު މި އުންމަތަށް ދެއްކެވި މުޢުޖިޒާތުގެ ތެދުވެރިކަމާއެވެ.

އިމާމް އަޙްމަދު އަދި އިބްނު މާޖާ އަދި އެނޫންވެސް ޙަދީޘް ޢިލްމުވެރިން ރިވާކުރައްވާފައިވެއެވެ. ލޮބުވެތި ނަބިއްޔާގެ އަރިހުން މާތް ޞަޙާބީ އަބޫހުރައިރާއާއި އަނަސްގެފާނާ އަދި އެނޫންވެސް ބޭކަލުން ރިވާކުރައްވައެވެ. ކައުއިތުރު ރަސޫލާ ޙަދީޘްކުރެއްވިއެވެ. މީސްތަކުންގެ މައްޗަށް ކެހިވެރި އަހަރުތަކެއް އަންނާނެއެވެ. އެދުވަސްވަރު ދޮގުވެރިޔާގެ ބަސް ތެދުކުރެވޭނެއެވެ. ތެދުވެރިޔާގެ ބަސް ދޮގުކުރެވޭނެއެވެ. ޚިޔާނާތްތެރިޔާ އަމާނާތްތެރިކަމުގައި ބެލެވޭނެއެވެ. އަމާނާތްތެރިޔާ ހިޔާނާތްތެރިކަމުގައި ބެލެވޭނެއެވެ. އަދި ގޮފަޅުން ކަމުވޮށިގެންވާ ކަންކަމުގައި ބަސްކިޔާނެއެވެ.

ޝައްކެތް ނެތެވެ. މިއީ މާތް ނަބިއްޔާގެ ބަސްފުޅުގައި އިތުރު އެކަލޭގެފާނު ސިފަކުރެއްވި ދުވަސްވަރާ އަކުރުން އަކުރަށް އެއްގޮތް ދުވަސްވަރެކެވެ. ދިވެހިރާއްޖޭގެ މަސްރަހުން ފެންނަ މަންޒަރުތަކުން ކުލަކޮށް ތަސްވީރުކުރަމުންދަނީ ކެހިވެރިކަމާއި ހީލަތްތެރިކަމުގެ ސާފު މަންޒަރުތަކެވެ.

ޒަމާނެކެވެ. ކޮންމެ ތަނަކާއި ކަނެއްގައި ފަސާދަވެރިއެކެވެ. ކަމަކަށް ވާ ކަހަލަ ކަމެއްގައި ނަމަ އާންމުން ތަބާވާންޖެހިފައި އޮތީ ކޮންމެވެސް ގޮފަޅަކަށެވެ. ކަމުގެ އިލްމެއް ނެތް، އިލްމުހުރެއްޖެނަމަ ހިލްމެއް ނެތް މީހަކަށެވެ. ކޮންމެ ކަމެއްގައި މަކަރާއި ހީލަތެވެ. ދޮގާއި އިޔަހޫދިކަމެވެ. ރުޅިވެރިކަމާއި ހަސަދައެވެ. ބޮޑާކަމާއި ދެއްކުންތެރިކަމެވެ. ސޭކުކަމާއި ތާކުންތާކު ނުޖެހޭ ސިފަތެކެވެ. ޚިޔާނާތާއި ފަސާދައެވެ.

ގައުމު ދަރާ ވިކިފައި އޮތަސް ވަރިހަމައެވެ. ތިމާގެ ޖީބަށް ބޮޑުކޮށްލެވޭނީ ކޮން ގޮތަކަށްތޯ ބަލާމީހުން ވަނީ ގިނައެވެ. އިމާމް ބުޚާރީ ޞައްޙަ ސަނަދުން ރިވާކުރައްވާފައިވެއެވެ. "މީސްތަކުންނަށް ޒަމާނެއް އަންނާނެއެވެ. މީހާ އޭނާ ހޯދައިގަންނަ އެއްޗެއްގެ ހަރާން ހަލާލު ބެލުމަށް ފަރުވާތެރިކަމެއް ނުބަހައްޓާނެއެވެ." މާތް ނަބިއްޔާގެ ބަސްފުޅުގެ ތެދުވެރިކަމާއެވެ. އަންނަޖުމު ސޫރަތުގެ ހަތަރުވަނަ އާޔަތާ ހަމައަށް ވިދާޅުވާށެވެ. "އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި ވަޙީކުރައްވަމެވެ.(1) ތިޔަބައިމީހުންގެ އެކުވެރިޔާ މުޙައްމަދުގެފާނު ޙައްޤުގެ މަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި ބާތިލުކަމެއް ގަބޫލުނުކުރައްވައެވެ.(2) އަދި އެކަލޭގެފާނު ހިތްޕުޅަށް އެރިހާ ގޮތަކަށް ވާހަކަފުޅުދައްކަވާ ނުހައްދަވައެވެ.(3) އެކަލޭގެފާނުގެ ބަސްފުޅުތައް އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީކަމުގައި ނޫނީ ނުވެއެވެ.(4)"

އާދޭހެވެ! މިއީ އެޒަމާނެވެ. ޒަމާނުގެ ކެހިވެރިކަމުންވެސް ފާޅުވަމުންދަނީ މާތް ނަބިއްޔާގެ ނަބީކަމުގެ މުއުޖިޒާތެވެ. އިތުރު އެކަލޭގެފާނު އެވަނީ މީގެ އެތައް ގަރުނެއް ކުރިން މިދުވަސްވަރުގެ ޚަބަރުކުރައްވާފައެވެ. މިދުވަސްވަރު ދުނިޔެ ދެކެފި މީހާއަށް އޮތީ، މިކަން ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.

ދޮގަކީ ދޮގެވެ. ދޮގަކީ ކޮންމެ ނުބަޔެއްގެ ވަސްމުޑިއެވެ. މާތް ނަބިއްޔާގެ މަތިވެރި ބަސްފުޅެއްގައި އައިސްފައިވެއެވެ. ދޮގުހަދާ މީހާއަކީ ﷲ ގެ ހަޒުރަތުގައި ދޮގުވެރިއެއްގެ ގޮތުގައި ލިޔުއްވައިފުމަށް ދާންދެން ދޮގުވެރިޔާ ދޮގުހަދަމުން ގެންދެއެވެ. މިއީ ވަރަށް ފުންކޮށް ނަޒަރު ހިންގާލަންޖެހޭ ހަދީސެކެވެ. ދޮގުވެރިޔެއްގެ ގޮތުގައި ﷲ ގެ ހަޒުރަތުގައި އެމީހަކު ލިޔުއްވުމުގެ މާނައަކީ ކޮބައިކަމާއި އެކަމުގެ ނަތީޖާއަށެވެ.

އެހެން މިސާލަކުން މިކަމުގެ ދަލީލު ނެގިދާނެއެވެ. މިސާލަކަށް ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވާފައިވެއެވެ. ހަމަކަށަވަރުން ﷲ ގެ ހަޒުރަތުގައި ދީނަކީ އިސްލާމްދީނެވެ. އޭގެ މާނައަކީ ﷲ ގެ ހަޒުރަތުގައި އެހެން ދީނެއް އެއީ ގަބޫލުކުރެވިގެންވާނެ ފަލްސަފާއެއް ނޫން ވާހަކައެވެ.

ހަމަ މިގޮތަށެވެ. ދޮގުވެރިއެއްގެ ގޮތުގައި ﷲ ގެ ހަޒުރަތުގައި އެމީހަކު ލިޔުއްވިއްޖެނަމަ، ދެން އެކަލާނގެ ހަޒުރަތުގައި އެމީހަކީ ތެދުވެރިއަކަށްވާނެ ގޮތެއް ނޯންނާނެއެވެ. އޭގެ ނަތީޖާއަކަށްވެގެންދަނީ އޭނާގެ ދޫ އެކީ ދޮގުވުމެވެ. ގުނަންތައް ދޮގުވުމެވެ. ވިސްނުންތައް ދޮގުވުމެވެ. އޭނާއަށް ސީދަލަށް ކުރެވޭނެ ހަމަ އެއްކަމެއް ވެސް ނޯންނާނެއެވެ. ތިމާ މިހަދަނީ ދޮގެއްކަން ތިމާއަށް ވެސް އިހުސާސް ނުވެ ދޮގުހަދާ އުޅޭ މީހުން އެބަފެނޭހެއްޔެވެ؟

ދޮގުވެރިޔާ ދޮގު ހަދަން ފަށާއިރު، ތިމާ މިހަދަނީ އަނެކުންނަށް ދޮގުކަން އެނގޭނެއެވެ. އަނެކުންނާ ވާހަކަ ދެއްކުމުގައި ދޮގާއި ތެދު އެކުލެވިފައިވާނަމަ، މިތަނުން ދޮގަކީ ކޮބައިކަން ތެދަކީ ކޮބައިކަން އޭނާއަށް އެނގޭނެއެވެ. އެކަމަކު އެއީ ދޮގުހަދަން ފަށާއިރުއެވެ. ދޮގުހެދުން އާންމުކުރުމުން ނުވަތަ ދޮގުވެރިއެއްކަމުގައިވުމުން ވާ ގޮތަކީ، އަނެކުންނަށް ދޮގުހަދާއިރު، ތިމާގެ އަމިއްލަ ދުލުން ބުނި ތެދާއި ދޮގު އަމިއްލަ ނަފުސަށްވެސް ވަކިކޮށްދޭން ނޭނގޭ ވަރަށް ދޮގުވެރިއަކަށްވެވެނީ އެވެ. އެހިސާބުން އެހެރީ ﷲ ގެ ހަޒުރަތުގައި އެމީހަކީ ދޮގުވެރިއެއްގެ ގޮތުގައި ލިޔުއްވި ކަނޑައެޅިފައެވެ.

ﷲ ގެ ހަޒުރަތުގައި ދޮގުވެރިއެއްގެ ގޮތުގައި ލިޔުއްވިއްޖެނަމަ، އެއީ ހިތާމަހުރި ކަމެކެވެ. އޭގެ ހިތާމަވެރިކަމުގެ ބޮޑުކަމަކީ ތިމާއަށް ތެދު ނުފެނުމެވެ. އެއިން ގެއްލުން ލިބެނީ ހަމައެކަނި ޤިޔާމަތްދުވަހަކުން ނޫނެވެ. ދުނިޔޭގައިވެސް އެކަމުގައި ހުރީ ގެއްލުމެވެ. އެފަދަ މީހަކު ކޮންމެ ޕްރޮފެޝަނެއް އިހްތިޔާރުކުރިޔަސް ނާކާމިޔާބާ ކުރިމަތިލާނެއެވެ. ސަބަބަކީ އޭނާއަށް އޭނާ ކުރިޔަށް އަރަން ބަލަންޖެހޭ ސީދާ ތެދު މަގެއް ނުފެންނާނެއެވެ. އޭނާގެ އަމާޒުފަތްގަނޑަށް ދަތުރުކުރަމުންދާނީ ދޮގު މަގަކުންނެވެ. ކިތަންމެ ވިސްނާފައި މިއީ ރަނގަޅު ޑިޒިޝަންކަމަށް ހިތާ އަޅާ ފިޔަވަޅުންވެސް ނުކުންނާނީ ހުސް ގޯސް ނަތީޖާއެވެ. އެހެނީ އޭނާއަށް ތެދުކަމުގައި ފެންނާނީ ދޮގެވެ. އެހެނީ އޭނާގެ ލޯ މާތް ﷲ ވަނީ ތެދު ނުފެންނާނެހެން ކަނުކުރައްވައި، އޭނާއީ ދޮގުވެރިއެއްގެ ގޮތުގައި ލިޔުއްވާފައެވެ. ރައްކާތެރިވާށެވެ! މިއީ ދެދުނިޔޭގެ ސުންޕާލިބޭނެ ކަމެކެވެ. ދޮގުނަހަދާށެވެ. ދޮގުވެރިއަކަށް ނުވާށެވެ! ﷲ ގެ ހަޒުރަތުގައި ތިމާއީ ދޮގުވެރިއެއްގެ ގޮތުގައި ކަނޑައެޅިގެން ހިނގައިދާނެއެވެ.

މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެއެވެ. "އެމީހެއްގެ ހިތް ސީދާވެއްޖައުމަށް ދާންދެން އަޅަކުގެ އީމާންކަން ސީދާ ނުވާނެއެވެ. އެމީހެއްގެ ދޫ ސީދާ ވެއްޖައުމަށް ދާންދެން އެމީހެއްގެ ހިތް ސީދާ ނުވާނެއެވެ."