Advertisement

ސައުތުގޭޓް ޓީމަކާ ހަވާލުވާނީ އަހަރެއްހާ ދުވަހުގެ ބްރޭކަކަށް ފަހު

11 އޮކްޓޯބަރު 2024 - 10:04 0


ސައުތުގޭޓް ޓީމަކާ ހަވާލުވާނީ އަހަރެއްހާ ދުވަހުގެ ބްރޭކަކަށް ފަހު

11 އޮކްޓޯބަރު 2024 - 10:04 0

ލަންޑަން (އޮކްޓޫބަރު 11) - އިންގްލެންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ދާދި ފަހުން އިސްތިއުފާދިން ގަރެތު ސައުތުގޭޓް، ދެން ޓީމަކާ ހަވާލުވާނީ އަހަރެއްހާ ދުވަހުގެ ބްރޭކަކަށް ފަހު ކަމަށް ބުނެފި އެވެ.

ސައުތުގޭޓް، 54، އިންގްލެންޑްގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވީ، ޖެހިޖެހިގެން ދެ ވަނަ ޔޫރޯގެ ފައިނަލުން އިންގްލެންޑް ގޮވައިގެން ބަލިވުމުންނެވެ.

އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗުކަން އަށް އަހަރު ކުރި ސައުތުގޭޓް ވަނީ ބައިނަލްއަޤްވާމީ ހަތަރު މުބާރާތުގައި އެ ޓީމަށް އިރުޝާދު ދީފަ އެވެ. ޖުމްލަ 102 މެޗުގައި އޭނާ ވަނީ އިންގްލެންޑަށް އިރުޝާދު ދީފަ އެވެ. އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މަސައްކަތްކުރުމަށް ފަހު، ސީނިއާ ޓީމުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއެވެ. އޭގެ ފަހުން، 2020 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ކުޅުނެވެ.

ގްރީސްގެ އެތަންސްގައި ކުރިއަށްދިޔަ، ޔޫރަޕިއަން ކްލަބް އެސޯސިއޭޝަންގެ ޖެނެރަލް އެސެމްބްލީގައި ވާހަަކަ ދައްކަމުން ސައުތުގޭޓް ބުނީ ޔަގީނުން ވެސް އަންނަ އަހަރު ޓީމަކާ ހަވާލުވުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

"އަމިއްލަ ނަފްސަށް ވަގުތުތަކެއް ދޭން އެބަޖެހޭ ރަނގަޅު ނިންމުންތަކެއް ނިންމަން ތައްޔާރުވާން. ވަރަށް ބޮޑު ޒިންމާތަކެއްގެ ކަންކަން ނިންމާލާފައި އަންނައިރު، އާ ކަންކަމަށް ހޭނުމަށާއި ތައްޔާރުވާން ހަށިގަނޑަށް ވެސް ވަގުތު ބޭނުންވާނެ،" ސައުތުގޭޓް ބުންޏެވެ.

"އަހަރެން މި ލިބޭ ވަގުތުތަކާ މެދު އުފާވޭ، ވަރަށް ހިތްހަމަޖެހިގެން މި ހުރީ، އަވަސް އަރުވާލައިގެން ކުރަން ޖެހޭ ކަމެއް ނެތް،"

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކޮށްފިނަމަ، އެ މަގާމު އޮފާކުރާނެ ކަމަށް ބެލެވޭ އެއް ކޯޗަކީ، ސައުތުގޭޓް އެވެ.

މީގެ ކުރިން، ކްލަބެއްގައި ސައުތުގޭޓް ކޯޗުކަން ކޮށްފައިވަނީ، 2006-2009 އަށް މިޑްލްސްބަރާގަ އެވެ. ސައުތުގޭޓް ބުނީ، އަނބުރާ ކްލަބް ކޯޗިން އަށް ދާން ނިންމާނަމަ، އޭނާ ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.