12 ސެޕްޓެންބަރު 2024 - 09:28 0
12 ސެޕްޓެންބަރު 2024 - 09:28 0
ލަންޑަން (ސެޕްޓެމްބަރު 12) - ދާދި ފަހުން އިނގިރޭސި ފުޓްބޯޅަ ޓީމުގެ ކޯޗުކަން ދޫކޮށްލި ގަރެތު ސައުތުގޭޓް ޓީމަކާ ހަވާލުނުވެ ހުރީ އޮފާތަކެއް ނެތިގެން ނޫން ކަމަށް ބުނެފި އެެވެ.
ސައުތުގޭޓް ،53، އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗަކަށް އަށް އަހަރު ހޭދަކޮށްފައިވާއިރު، އޭނާ ވަނީ ބައިނަލްއަޤްވާމީ ހަތަރު މުބާރާތުގައި އެ ޓީމަށް އިރުޝާދު ދީފަ އެވެ. ޖުމްލަ 102 މެޗުގައި އޭނާ ވަނީ އިންގްލެންޑަށް އިރުޝާދު ދީފަ އެވެ.
އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މަސައްކަތްކުރުމަށް ފަހު، ސީނިއާ ޓީމުގެ ކޯޗުކަމާ ސައުތުގޭޓް ހަވާލުވީ 2016 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިންގްލެންޑް ދަތުރުކުރިއެވެ. އޭގެ ފަހުން، 2020 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ކުޅުނެވެ.
އިންގްލެންޑާ އެކު ސައުތުގޭޓް ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ މި އަހަރުގެ ނިޔަލަށެވެ. އެކަމަކު، ޔޫރޯގެ ޗެމްޕިއަންކަން ނުލިބިއްޖެނަމަ، މަގާމުގައި ނުހުންނާނެ ކަމަށް އޭނާ ވަނީ ކުރިން ވެސް ބުނެފަ އެވެ.
ސައުުތުގޭޓް، ދެން ފެންނާނީ ކްލަބް ފުޓްބޯޅައިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެ އަށް އޭނާ ވަނީ ޖަވާބުދީފަ އެވެ.
"ވަރަށް ގިނަ އޮފާތަކެއް އެބަހުރި، ވަރަށް ފުންކޮށް ވިސްނާފައި ގޮތެއް ނިންމަން ބޭނުމީ، ޓީމަކާ ނުގުޅި މި ހުރީ އޮފާތަކެއް ނެތީމަ އެއް ނޫން، ވަރަށް ގިނަ ވަޒީފާގެ ފުރުސަތު އެބަހުރި،" ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސައުތުގޭޓް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑް ހިންގާ އިނިއޯސް ކުންފުނިން ވެސް ސައުތުގޭޓާ މަޝްވަރާ ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ސައުތުގޭޓަށް އޮފާ ލިބިފައިވާ އެއްވެސް ޓީމެއް އޭނާ ހާމަކޮށްފައިނުވެ އެވެ.
"ޔަގީނުން ވެސް ފުޓްބޯޅަ ޓީމުތަކެއްގެ އޮފާތަކެއް އެބަހުރި، ދެން، ވަޒީފާގެ ފުރުސަތުތަކަށް ބަލާއިރު، ފުޓްބޯޅައިން ބޭރުގެ ކަންކަން ވެސް އެބަހުރި. މީގެ ދެން އަހަރެން ވިސްނާނީ، އަހަންނާއި އަހަރެންގެ އާއިލާ އަށް އެންމެ ރަނގަޅު ގޮތް،" ސައުތުގޭޓް ބުންޏެވެ.
ސައުތުގޭޓް ވަކިވުމުން، އިންގްލެންޑްގެ ކޯޗުކަން ވަގުތީ ގޮތުން ދިނީ، 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލީ ކާސްލީ އަށެވެ. ކާސްލީގެ ކޯޗުކަމުގައި އިންގްލެންޑް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފަ އެވެ.
Comment