Advertisement

ލިވަޕޫލްގެ ކީޕަރު އެލިސަން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

10 އޮކްޓޯބަރު 2024 - 10:41 0


ލިވަޕޫލްގެ ކީޕަރު އެލިސަން މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

10 އޮކްޓޯބަރު 2024 - 10:41 0

ލިވަޕޫލް (އޮކްޓޫބަރު 10) - ލިވަޕޫލްގެ ގޯލްކީޕަރު، ބްރެޒިލްގެ އެލިސަން ބެކާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މަހެއްހާ ދުވަހަށް ކުޅުމާ ދުުރުގައި ހުންނަން ޖެހޭ ކަމަށް އެ ކްލަބުން ބުނެފި އެވެ.

މިއީ، މި ސީޒަނުގައި އެލިސަން، 32، އަށް އަނިޔާގެ ސަބަބުން މެޗުތައް ގެއްލޭ ދެ ވަނަ ފަހަރެވެ. އެ ގޮތުން، ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި ސީޒަނުގެ ދެ މެޗެއް ވަނީ މީގެ ކުރިން ގެއްލިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލް މޮޅުވި މެޗުގައި އެލިސަންގެ ފަލަމަސްގަނޑަށް ލިބުނު މި އަނިޔާގެ ސަބަބުން އޭނާ އަށް މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭއިރު، މަދުވެގެން ހަތް މެޗު ގެއްލޭނެ އެވެ.

މިދިޔަ އަހަރުތަކަށް ބަލާއިރު، އެލިސަން އަށް ވަނީ އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލިފަ އެވެ. އެ ގޮތުން، މި ސީޒަން ހިމަނައިގެން މިދިޔަ ހަތަރު ސީޒަނަށް ބަލާނަމަ އެލިސަން އަށް ގެއްލުނު މެޗުތަކުގެ އަދަދަކީ 39 އެކެެވެ.

ޕެލަސް މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އެލިސަން ދަނޑުމަތީގައި އޮށޯވެލައިގެން.-


މި ފަހަރު މި ލިބުނު އަނިޔާއާ ހެދި އެލިސަން އަށް ގެއްލޭ މެޗުތަކުގެ އަދަދު 50 އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ލިވަޕޫލްގެ ކޯޗު، އާނާ ސްލޮޓް ބުނީ، އެލިސަން އަށް އަނިޔާވެގެން އެ ޓީމުން ދެ ވަނަ ކީޕަރަކާ މެދު ވިސްނަންޖެހޭއިރު، ހިތްހަމަޖެހޭ ސަބަބަކީ، ބަދަލަކަށް ހުރި ކޮއިމްހިން ކެލަހާ އަކީ ޓީމުގެ ލެވަލް ހިފެހެއްޓުމުގައި ފެންވަރު ސާބިތުކޮށްދީފައިވާ ކީޕަރަކަށް ވުމެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން، އެލިސަން އަށް ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުން ވަނީ ހުށަހެޅުމެއް ލިބިފަ އެވެ. އެކަމަކު، އެލިސަން ވަނީ ލިވަޕޫލްގައި މަޑުކުރަން ނިންމައިފަ އެވެ. ރޯމާ ދޫކޮށް، 2018 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި އެލިސަން ވަނީ އެ ޓީމަށް 200 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ.

ލިވަޕޫލުން ވަނީ ސްޕެއިނުގެ ވެލެންސިއާ އަށް ކުޅެމުން އަންނަ ޖިއޯޖީ މަމަޑާޝްވިލީ ގަނެފަ އެވެ. އެކަމަކު، އެ ޑީލުގެ ތެރެއިން ނިންމީ މި ސީޒަނުގައި މަމަޑާޝްވިލީ މަޑުކުރާނީ ވެލެންސިއާގައި ކަމަށެވެ.