Advertisement

ރެޑްބުލް ފުޓްބޯޅަ ގްރޫޕްގެ އިސް މަގާމަކަށް ކްލޮޕް

9 އޮކްޓޯބަރު 2024 - 15:47 0


ރެޑްބުލް ފުޓްބޯޅަ ގްރޫޕްގެ އިސް މަގާމަކަށް ކްލޮޕް

9 އޮކްޓޯބަރު 2024 - 15:47 0

ވިއޭނާ، އޮސްޓްރިއާ (އޮކްޓޫބަރު 9) - މަޝްހޫރު އެނާޖީ ޑްރިންކް، ރެޑްބުލް އިން ހިންގާ ފުޓްބޯޅައިގެ ގްރޫޕްގެ ގްލޯބަލް ހެޑްގެ މަގާމަށް ލިވަޕޫލާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ކުރީގެ ކޯޗު ޔާގަން ކްލޮޕް ހަމަޖައްސައިފި އެވެ.

މިދިޔަ ސީޒަނަށް ފަހު، ލިވަޕޫލްގެ ކޯޗުކަން ނުވަ އަހަރަށް ފަހު ދޫކޮށްލި، ކްލޮޕް، 57، އަށް އެކި ޓީމުތަކާ ހަވާލުވުމުގެ ވަޒީފާ ލިބުނު ނަމަވެސް އޭނާ ވަނީ އެ ފުރުސަތުތައް ދޫކޮށްލައިފަ އެވެ. ރެޑްބުލް ސޮކާގެ ގްލޯބަލް ހެޑްގެ ގޮތުގައި ކްލޮޕް މަސައްކަތް ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެއް ވަނަ ދުވަހުން ފެށިގެންނެވެ.

"ގާތްގަނޑަކަށް 25 ވަރަކަށް އަހަރު ވަންދެން ޓަޗްލައިނުގައި ހުރެ (ކޯޗަކަށް ހުރެ) މަސައްކަތްކޮށްފައި މި ކަހަލަ ރޯލަކަށް ބަދަލުވާން އަހަރެން މި ހުރީ ވަރަށް ބޮޑަށް ޝައުގުވެރިވެފައި. އަހަރެން ކުރިން އަދާކުރަމުން އައި ވަޒީފާ އާއި މިހާރު ކުރަން މި އުޅޭ ރޯލު ތަފާތު ވެދާނެ، އެކަމަކު، ޔަގީންކަމެއް އަހަރެން ހިތުގައި އޮތް ޕެޝަން އަށް ބަދަލެއް ނެތް،" ކްލޮޕް ބުނެފައިވެ އެވެ.

ރެޑްބުލް އިން އަންނަނީ، އޮސްޓްރިއާގައި އާރްބީ ސަލްޒްބާގު، ޖަރުމަނުގައި އާރްބީ ލައިޕްޒިގު، އެމެރިކާގައި ނިއު ޔޯކް ރެޑްބުލް އަދި ބްރެޒިލްގައި އާރްބީ ބްރަގަންޓީނޯގެ ނަމުގައި ޓީމު ހިންގަމުންނެވެ. އަދި މި އަހަރު ލީޑްސް ޔުނައިޓެޑްގެ މެއިން ޖާޒީގެ ސްޕޮންސަރެއްގެ ގޮތުގައި ވެސް ރެޑްބުލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރެޑްބުލް އިން ބުނެފައިވަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތުގައި ކްލޮޕްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެކަމަކު، ކްލޮޕްގެ ޒިންމާތައް އޮންނާނީ، ކުޅުމުގެ ފިލޯސަފީ، ޓްރާންސްފާ ސްޓްރެޓަޖީ އަދި ކޯޗިން ޑިވެލޮޕްމަންޓާ ގުޅިފައި ކަމަށެވެ.

ކްލޮޕްގެ ވަޒީފާގެ ޒިންމާއާ އޭނާ ރަސްމީކޮށް ހަވާލުވެ، މީޑިއާއާ ބައްދަލުކުރުން އޮތީ ޖެނުއަރީގައި ކަމަށް ރެޑްބުލް އިން މައުލޫމާތު ދެ އެވެ.

މައިންޒް އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކްލޮޕް، ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވިއިރު، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، މި އަހަރުގެ ޖޫންގެ ނިޔަލަށް އޮތް ކޮންޓްރެކްޓް ހަމަވުމުން އެ ކްލަބުން ދޫކޮށްލީ އެވެ.