ލައިޕްޒިގު، ޖަރުމަނު (ޖެނުއަރީ 18) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން ބަޔާން މިއުނިކުން ފަހަތުން އަރައި 5-1 އިން ލީގުގެ ދެ ވަނައިގައި އޮތް އާރްބީ ލައިޕްޒިގު އަތުން މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ބަޔާނުން ލީގުގެ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ، 18 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 18 މެޗުން 39 ޕޮއިންްޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ހޮފެންހައިމް އަށް 17 މެޗުން 33 ޕޮއިންޓް ލިބުނުއިރު، ހަތަރެއްގައި އޮތް ލައިޕްޒިގަށް ވަނީ 17 މެޗުން 32 ޕޮއިންޓް ލިބިފަ އެވެ. އަދި، ފަސް ވަނައިގައި އޮތް ސްޓުޓްގާޓްގެ ވެސް އޮތީ 17 މެޗުން 32 ޕޮއިންޓެވެ.
ލައިޕްޒިގު އެރީނާގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ ލީޑުނަގައިފަ އެވެ. އެ ގޮތުން، 20 ވަނަ މިނިޓްގައި މި ލަނޑު ޖެހީ، ރޮމޫލޯ ކްރޫޒް އެވެ. މި ލަނޑާ އެކު ކުރީގައި އޮވެ، ލައިޕްޒިގުން ފުރަތަމަ ހާފު ނިންމާލިއިރު، ބަޔާނުން ދެ ވަނަ ހާފުގައި ނުކުމެ ފަސް ގޯލު ޖަހައި ނަތީޖާ އަނބުރާލި އެވެ.
ބަޔާނަށް މި މެޗުގެ ނަތީޖާ ނެރެދިނުމުގައި އިސް ރޯލެއް ކުޅުނީ ފްރާންސްގެ މައިކަލް އޮލީސޭ އެވެ. އޭނާ ވަނީ ބެންޗުން އަރައި، މެޗުގައި ކުޅުނު 34 މިނިޓް ތެރޭ އެއް ގޯލު ޖެހުމުގެ އިތުރުން ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އެ ގޮތުން، ބަޔާންގެ ލަނޑުތައް ޖެހީ، ސާޖް ގްނަބްރީ، ހެރީ ކޭން، ޖޮނަތަން ޓާ އަދި އަލެކްސަންޑަ ޕަވްލޮވިޗް އެވެ.
Comment