9 އޮކްޓޯބަރު 2024 - 15:04 3
އަހުމަދު އާއިދު
އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު: ފާޑުކިޔުންތަކާއެކު ފަޒުލް ވިދާޅުވީ ކަރަންޓު ކޭބަލްތައްވެސް ވަގަށް ނަގާފައިވާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް
9 އޮކްޓޯބަރު 2024 - 15:04 3
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަގުބައްތި ނެތުމުން އެ ސަރަހައްދު އަނދިރީގައި އޮންނާތީ އާންމުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ފާޑުކިޔުންތަކާއެކު، އެކަމަށް ބޭނުންވާ ކަރަންޓު ވިއުގާގައި ހުރި ކޭބަލްތައް ވެސް ވަގަށް ނަގާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން އެޗްޑީސީއަށް ފާޑުކިޔާފައި ވަނީ އާންމު މީހުންގެ އިތުރުން ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފު އެވެ.
"މަތިބަރު ބޮޑު އެޗްޑީސީ އިން ރައްޔިތުންނަށް ކޮން ހިދުމަތެއްބާ މި ދެނީ،" މި މައްސަލާގައި އާންމު މީހަކު ކޮށްފައިވާ ޝަކުވާތައް ހިއްސާކޮށް ހުސެއިން ލިޔުއްވާފައިވެ އެވެ.
ރައްދުގައި ފަޒުލް ވަނީ އެކްސްގައި ދެތިން ޕޯސްޓު ކުރައްވާފަ އެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ސަރަހައްދުގެ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދަން އޯޑާ ކޮށްފައިވާ ކަމަށާއި ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ.
"މަގުބައްތި ދިއްލުމަށް ބޭނުންވާ ކަރަންޓު ވިއުގަ އޮގަސްޓު ގެ ނިޔަލަށް ނިންމާފައިވާއިރު މަގު ބައްތި ތަކަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާ ވާހަކަ މައުލޫމާތައް ޓަކާ ދަންނަވާލިން،" ފަޒުލް އިތުރު ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން ވެސް ފަޒުލް ވަނީ ފޭސް 2 ގައި އެޗްޑީސީން ތަރައްގީކުރި ހެދިކާ ވިއްކާ ކިއޮސްކުތަކެއްގެ ފޮޓޯތައް ހިއްސާކުރައްވާ އެ ސަރަހައްދު ރީތި ތޯ ސުވާލު ވެސް ކުރައްވާފަ އެވެ.
މީގެ ކުރިން ވެސް އެޗްޑީސީ ހިމެނޭހެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކާ ގުޅިގެން ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕު ވަނީ ހޫނުވެފަ އެވެ.
ކޮރަޕްޝަންގެ ވާހަކަތަކާ ގުޅިގެން ބަހުސް ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަފާތެރި މެންބަރުންނާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވަފާތެރި މެންބަރުންގެ މެދުގަ އެވެ.
އެދުވަހުގެ ބަހުސްގެ ތެރެއިން ހުސެއިން ވަނީ އެޗްޑީސީ ގައި ވެސް އޮތީ ކޮރަޕްޝަނާއި ވައްކަން ކަމަށް ވިދާޅުވެ އެކަން ދިފާއުކޮށް ހުޅުވޭނީ ކޮން އަނގައެއްތޯ އައްސަވާފަ އެވެ.
Comment