Advertisement

މާލެ ސިޓީ ކައުންސިލުން ހިންގާ ގަސް ޕްރޮގްރާމާ ގުޅޭ ކަންބޮޑުވުންތަކެއް

9 އޮކްޓޯބަރު 2024 - 15:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކައުންސިލުގެ ގަސް ވިއްކުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާ ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ކައުންސިލަރު ސައިފް ވަނީ ވިދާޅުވެފައި


މާލެ ސިޓީ ކައުންސިލުން ހިންގާ ގަސް ޕްރޮގްރާމާ ގުޅޭ ކަންބޮޑުވުންތަކެއް

9 އޮކްޓޯބަރު 2024 - 15:42 0

މާލެ ސިޓީ ކައުންސިލުން ހިންގާ ގަސް ޕްރޮގްރާމާ ގުޅޭ ކަންބޮޑުވުންތައް ފާހަގަކޮށް، އެ ޕްރޮގްރާމް އުސޫލާ އެއްގޮތަށް ހިނގަމުން ނުދާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުގެ 166 ވަނަ ރަސްމީ އާންމު ޖަލްސާގައި ސައިފް ވިދާޅުވީ ގަސް ޕްރޮގްރާމުގައި އެތައް ހާސް ގަހެއް މިލިއަނުން ގަނެފައިވާ ކަމަށާއި ނަމަވެސް ގަސްތަކާ ހަވާލުވި ކަމުގެ އެއްވެސް ލިޔުމެއް ފެންނަން ނެތް ކަމަށެވެ.

"ބިލް ބޮނޑިތަކަށް ބަލާލީމަ އެދެވޭ ގޮތެއްގައި މުދާ ހަވާލުވި ކަމުގެ ރަސީދެއް، ރިސީޓެއް އެއްޗެއް ފެންނާކަށް ނެތް،" ސައިފް ވިދާޅުވި އެވެ.

"މިލިއަނުން އެތައް ސަތޭކަ، އެތައް ހާސް ގަހެއް ހޯދާފައި، އެ ގަސް ހުރިހާ އެއްޗެއް ގަނޑުކޮށް ލިބުނު ކަމަށް ސޮއިކޮށްފައި. މިތަނުގެ ސިވިލް ސާވެންޓެއް ވެސް ނޫން އޮތީ ސޮއިކޮށްފައި."

ސައިފް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ އުސޫލުން އެކަން ހިނގަމުންދާނަމަ އޭސީސީއާ ހިސާބަށް ކަންތައް ގޮސްދާނެ ކަމަށާއި އެއްވެސް ގަހެއް އުސޫލުން ބޭރުން ގަނެގެން ނުވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ގަސް ވިއްކުމާ ގުޅޭ އޮޑިޓް ޕްރޮސެސްއެއް ހިނގަމުން ދިޔައިރު އެއްވެސް ލިޔެކިޔުމެއް ބަލަހައްޓާފައި ނުވާ ކަމަށް ކައުންސިލަރަކު ބުނުމުން މިހާރު އެކަމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

"އުސޫލެއް ހެދިގެން ދިޔައިރުގައި އެ ގަސްތައް ގެނެވުމުން ގަސްތައް ކައުންޓު ކޮށްފައި، ގަސް ލިބުނު އަގެއް ބަލާފައި، އެ އަގު ލާފައި، އޭގައި އަގާއި ކޯޑު ޖަހާފައި، ސިސްޓަމަށް ވައްދަން ޖެހޭނެ. ވިޔަފާރި އުސޫލުންނޭ އެ އުސޫލުގައި އެ އޮތީ ބުނެފައި،" މޭޔަރު ވިދާޅުވި އެވެ.

"މި ހުރިހާ ދުވަހު މިތާ ހުރި އެއްވެސް އެއްޗެއްގައި، އަޅުގނޑު އައި އިރު ހުރި އެއްވެސް އެއްޗެއްގައި ކޯޑެއް ޖަހާފައެއް ނެތް. ލިސްޓެއް ނަގާފައެއް ނެތް. ހުރި، ނެތް އެއްޗެއް އެނގޭކަށް ނެތް. މި ހަފުތާ ތެރޭގައި އަދި ކިރިޔާ ލިސްޓެއް ހަދައިގެން އަގުތައް ޖެހުން ކުރިއަށް އެދަނީ،" އާޒިމް ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އުސޫލުން ބޭރުން ކައުންސިލުގައި ކަމެއް ކުރާ ނަމަ، އެކަމެއް ބަލައި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި ދައުރުގެ ތެރޭގައި ސުވާލު އުފެދޭ އެއްވެސް ކަމެއް ހިންގަން ބޭނުން ނުވާ ކަމަށެވެ.

ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވިދުވީ ގަސް ޕްރޮގްރާމުގައި ކަންބޮޑުވުންތަކެއް އެބަ ހުރި ކަމަށާއި ނަމަވެސް ބިލުތަކުގައި ޑެލިވަރީ ނޯޓުތަކާއި ސޮއިކުރަން ޖެހޭ އެއްޗެހީގައި ސޮއިކޮށްފައި ހުރި ކަމަށެވެ.

ގަސް ޕްރޮގްރާމުގެ ދަށުން އޮކްޓޯބަރު، 2022، ގައި "މާލެ ފެހި" ނަމުގައި ހެދި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރުގެ މޭޔަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި ވަށައިޖެހޭ ގޮތެއްގައި ކުރިއަށްގެންދާނެ މަޝްރޫއުއެއް ކަމަށާއި، ބޭނުމަކީ މާލެ ސިޓީ ޒީނަތްތެރިކޮށް ފެހި ކުރުން ކަމަށެވެ.