Advertisement

ފެކްޓު ޗެކް: ރާއްޖެ އައި އެމްއެސްސީ ބޯޓުގެ ހަގީގަތް

9 އޮކްޓޯބަރު 2024 - 15:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ލަންކާއިން ކޮންޓެއިނަރު ހިފައިގެން ރާއްޖެ އައި އެމްއެސްސީގެ ބޯޓު. -- ފޮޓޯ: އެމްޕީއެލް


ފެކްޓު ޗެކް: ރާއްޖެ އައި އެމްއެސްސީ ބޯޓުގެ ހަގީގަތް

9 އޮކްޓޯބަރު 2024 - 15:03 0

ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނި، މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ)ގެ ބޯޓެއް ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެ ކަމާއި، އެ ބޯޓާއެކު ރާއްޖެއަށް މުދާ ގެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ކޮންޓެއިނަރު ބޯޓުތަކުގެ ހިދުމަތް ފުޅާ ކުރެވޭނެ ކަމަށް އެމްޕީއެލްއާ ހަވާލާދީ ރާއްޖޭގެ ނޫހެއްގައި އިއްޔެ ބުނެފައިވެ އެވެ.

"އެމްއެސްސީ މަނާސާ އެފް" ބަނދަރު ކުރުން ފާހަގަ ކުރަން މިއަދު ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.

އެމްޕީއެލްއިން މައުލޫމާތު ފެތުރި ގޮތުން އެއީ ރާއްޖެ ޝެޑިއުލް ދަތުރުތައް ފެށި ކާގޯ ބޯޓެއް ކަމަށް ގަބޫލު ކުރެވިދާނެ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ.

ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރާ އެއް ޕޯޓަކީ ކޮލަމްބޯ އެވެ. ކޮލަމްބޯއިން މާލެ އަށް ޝެޑިއުލްކޮށްގެން މުދާ ގެންނަނީ ބޭރުގެ ބައެއް ބޯޓު ފަހަރުންނާއި މޯލްޑިވްސް ސްޓޭޓު ޝިޕިން (އެމްއެމްއެސް) ބޯޓުން ނެވެ.

ރާއްޖެ އަށް ލަންކާއިން އެންމެ ގިނަ ކޮންޓެއިނަރު ގެންނަ އެއް ބޯޓަށް ދާދި ފަހުން ދިމާވި މައްސަަލައަކާ ގުޅިގެން އެ ބޯޓުގެ ދަތުރުތައް ހުއްޓުމުން، ރާއްޖެ އަށް ގެންނަން ހުރި ކޮންޓެއިނަރުތައް ކޮލަމްބޯ ޕޯޓުގައި ގިނަވި އެވެ.

އެމްއެސްސީގެ އެ ބޯޓު ރާއްޖެ މި އައީ އެ ކޮންޓެއިނަރުތަކުން 896 ކޮންޓެއިނަރުގެ މުދާ ހިފައިގެން ކަމަށް އެމްޕީއެލްގެ އޮފިޝަލަކު ވެސް ކަށަވަރުކޮށް ދިނެވެ.

ޝިޕިން ދާއިރާގައި ހަރަކާތްތެރިވާ ބައެއް މީހުން ބުނި ގޮތުގައި އެމްއެސްސީގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށަން އަދި ނިންމާފައެއް ނެތެވެ. އެހެންވެ، އެބޯޓާއެކު ރާއްޖެއަށް މުދާ ގެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެ، ކޮންޓެއިނަރު ބޯޓުތަކުގެ ހިދުމަތް ފުޅާ ކުރެވޭނެ ކަމަށް އެމްޕީއެލްއިން ބުނެފައިވާ ވާހަކައިން ކަންވި ގޮތާއި ހަގީގަތް އޮޅުން އަރަ އެވެ.