5 ޖަނަވަރީ 2026 - 11:09 1
އަހުމަދު އާއިދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ މާލޭ ޕޯޓާއި އެއާޕޯޓް ޕްރަވަޓައިޒްކުރަން އުޅޭ ކަމަށް ހަބަރު ލިބޭ ކަމަށް ---- ފޮޓޯ: އަދަދު
5 ޖަނަވަރީ 2026 - 11:09 1
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގަމުން އަންނަ މާލޭ ވިޔަފާރި ބަނދަރާއި ދެ އެއާޕޯޓެއް ޕްރަވަޓައިޒްކުރަން އުޅޭކަމުގެ ހަބަރު ލިބޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ފުޅާ ޕްރަވަޓައިޒޭޝަން ޕްރޮގްރާމެއްގެ ވާހަކަ އިވެމުންދާ ކަމަށާއި މިކަމުގެ ތެރެއިން މާލެ ޕޯޓާއި ދެ އެއާޕޯޓެއް ޕްރަވަޓައިޒްކުރުން ހިމެނޭ ކަމުގެ ހަބަރު ލިބޭ ކަމަށެވެ.
"ޕްރައިވެޓް ސެކްޓާއިން ހިދުމަތް ދިނުން މާ ރަނގަޅު ކަމަށް އަޅުގަނޑު ދެކެން. އެހެނަސް ކޮންޓްރެކްޓު ހަވާލުކުރަން ވާނީ ހަރުދަނާ ދެފުށް ފެންނަ ބިޑިން ޕްރޮސެސް އަކަށްފަހު،" ނަޝީދު އެކްސްގައި ލިޔުއްވާފައިވެ އެވެ.
ބެލެވޭ ގޮތުގައި ނަޝީދު ވިދާޅުވި ދެ އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެ ދެ އެއާޕޯޓު އަމިއްލަ ކުންފުނިތަކަށް ދޭން ފެންނަ ކަމަށް ރޭ އެމްޑީޕީގެ ޕްރައިމަރީގައި މާލޭ މޭޔަރަކަށް ވާދަކުރައްވާ އަލީ އާޒިމް ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ވެސް ނަޝީދު ވިދާޅުވި އެވެ.
މީގެކުރިން އެމްޑީޕީގެ ވެރިކަމުގައި އެއާޕޯޓު އިންޑިއާ ކުންފުންޏަކަށް ހަވާލުކުރުމުން އިދިކޮޅު ހެދި މީހުން މިއަދު އެކަމާ އެއްބަސްވާތީ ނުސީދާ ރާގަކަށް ނަޝީދު ވަނީ މަލާމާތްކުރައްވައިފަ އެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އެއީ ރަނގަޅު ކަމަކަށްވާތީ "އުނބަށް ޖެހިއޭ" ވިދާޅުވެ ނަހަދާނެ ކަމަށެވެ.
"މިހާރު އަޅުގަނޑު އެބަ އަޑުއަހަން ސަރުކާރުން ހަނިމާދޫ އެއާޕޯޓް ހިންގަން އިންޑިއާ ހަމަ ވަރަށް ރަނގަޅު ކުންފުންޏަކަށް ދޭށޭ. އެއީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑު މިކަމާ ކުޑަކޮށް ހިނި އަންނަ ކަމަކީ މި ބޭފުޅުން މިއާ އިދިކޮޅަށް އެ ދެއްކެވި ވާހަކަ،" ނަޝީދު ވިދާޅުވި އެވެ.
"އެހެންނަމަވެސް އަޅުގަނޑަކީ މީހަކު އަޅުގަނޑު އެދޭ ކަންތައް ކުރަމުންދާއިރު އެކަންކަން ހުއްޓުވުމަށް ކޮންމެހެން އޭ ކޮބާ އުނބަށް ޖެހީއޭ ގޮވައެއް ނުހަދާނެ. ހަމަ އެނގޭ މިރި ހުރިކަން ހެވާ ހުރިކަން އެއްލާލިއިރު، އުނބު އެއްލާލިއިރު ފެންކޮޅު ބޮއެލާފައި. ބަލާ އަންނަންތާ ޖެހޭނީ. އެހެންވެގެންނޭ އައީ އަނބުރާލާފައި ބަލާ."
މިދިޔަ ހުކުރު ދުވަހު ނަޝީދު ވިދާޅުވީ ސަރަހައްދީ އެއާލައިނެއް ހަދައި، އެ އެއާލަައިނުގެ ހަބަކަށް ހަނިމާދޫ އެއާޕޯޓު ހެދުމުން، އެ އެއާޕޯޓު ހިންގުމުން ދިވެހިންނަށް ލިބޭނެ ފައިދާ ބޮޑުވެ، މުޅި އުތުރުގެ ތަރަައްގީއަށް ފަހިވާނެ ކަމަށެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ދަރަންޏެއް ނަގައިގެން ހިންގަމުންދާ ކަމަށާއި އެ ލޯނު ދައްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށެވެ.
ހަނިމާދޫ އެއާޕޯޓާއި ވީއައިއޭ މިހާރު ހިންގަނީ އެމްއޭސީއެލް އިންނެވެ. މާލޭ ބަނދަރު ބަލަހައްޓަނީ އެމްޕީއެލް އިންނެވެ. ދެ ކުންފުންޏަށް ވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ތަކުރާރުކޮށް ދަނީ އަމާޒުވަމުންނެވެ.
Comment