Advertisement

ވިޓޯލް އިން ލޯނު ނަގަނީ 14 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި: އަމީރު

8 އޮކްޓޯބަރު 2024 - 14:04 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ވިޓޯލް އިން ލޯނު ނަގަނީ 14 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ވިޓޯލް އިން ލޯނު ނަގަނީ 14 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި: އަމީރު

8 އޮކްޓޯބަރު 2024 - 14:04 1

ރާއްޖޭގައި ވިއްކާ ތެޔޮ އެތެރެ ކުރަން ހަވާލުކޮށްފައިވާ ކުންފުނި، އަދި އެސްޓީއޯއާ ގުޅިގެން ރާއްޖޭގައި ބަންކަރިން ހިދުމަތް ދޭ ވިޓޯލް ގްރޫޕް އިން ލޯނު ނަގަނީ 14 ޕަސަންޓަށްވުރެ އިތުރު އިންޓްރެސްޓް ރޭޓެއްގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި އަމީރު ވިދާޅުވީ ވިޓޯލް ކުންފުންޏަށް އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން ސޮވްރިން ގެރެންޓީ ދީގެން ލޯނު ނަގަން އުޅެނީ 14 ޕަސަންޓަށް ތިން އަހަރުގެ މުއްދަތަކަށް ކަމަށެވެ.

"އަޅުގަނޑަށް މިއަދު ވެސް މައުލޫމާތު ލިބެނީ ގާތްގަނޑަކަށް 14 ޕަސެންޓަށް ވުރެ އިތުރު އިންޓްރެސްޓް ރޭޓެއްގައި, ބޮޑު އިންޓްރެސްޓް ރޭޓެއްގައޭ އެ ލޯނު ނަގަނީ, ވަރަށް ޝޯޓް ޓާމްކޮށް, ގާތްގަނޑަކަށް ތިން އަހަރަށް،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ދަރަނި ނުނަގައި، ލިބޭ އާމްދަނީން ބަޖެޓް ހިންގާނަމޭ ބުނުމަށްފަހު، ދަރަނި ނަގަމުންދާނަމަ އަހަރު ނިމޭއިރު 13 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އޮތުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

"އެހެންވީމާ މި ބޭފުޅުން ދަރަނި ނުނަގާނަމޭ, ލިބޭ އާމްދަނީން ބަޖެޓު ހިންގާނަމޭ ވިދާޅުވި ފަރާތްތަކުން މި ގޮތަށް ކުރިއަށްގެންދާނަމަ އަހަރު ނިމޭއިރު އަންދާޒާކުރެވޭ 13 ބިލިއަން ރުފިޔާގެ ޑެފިސިޓެއް [އޮންނާނެ ކަމަށް]. ފަސް އަހަރު ނިމިގެންދާއިރު އެއްވެސް ކްރައިސިސްއެއް ނެތި ރާއްޖޭގެ ދަރަންޏަށް އިތުރުވާނެ ކަމަށް ބަލާ އަހަރަކު 10 ބިލިއަން, ފަސް އަހަރަށް ބަލާނަމަ 50 ބިލިއަން ރުފިޔާ،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވުމާ ގުޅިގެން، ވިޓޯލްއިން ލޯނެއްގެ ގޮތުގައި ސަރުކާރުން ނަގަން މަސައްކަތް ކުރަމުން އަންނަނީ 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އެވެ.

އެނގިފައިވާ ގޮތުގައި، ވިޓޯލްއިން ސަރުކާރަށް ލޯނު ދޫކުރަން ބޭނުން ވަނީ ތިން އަހަރުން އަނބުރައި ދައްކާ ގޮތަށެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރަން ސަރުކާރުން ހުށަހަޅާފައިވެ އެވެ.

ވިޓޯލްއިން ތެޔޮ ގަންނަ ގޮތަށް ބަދަލުކުރިއިރު، ކުރިން އެސްޓީއޯއިން ތެޔޮ ގަންނަމުން އައީ އޮމާންގެ ގައުމީ ތެޔޮ ކުންފުނި، އޯކިޔުއިންނެވެ. އެއީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުސެއިން އަމުރު ހުންނެވި ދުވަސްވަރު އެ ކުންފުންޏާ އެކީ ސޮއިކުރި އެއްބަސްވުމެއްގެ ދަށުންނެވެ.