Advertisement

ގޯތި ވައްކަމުގައި ހައުސިން މިނިސްޓްރީގެ ބައިވެރިވުން އޮތުމުން ހައިދަރުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ގޯތި ވައްކަމުގައި ހައުސިން މިނިސްޓްރީ ބައިވެރިވާ ކަމަށާއި ހައިދަރު އިސްތިއުފާ ދޭން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ގޯތި ވައްކަމުގައި ހައުސިން މިނިސްޓްރީގެ ބައިވެރިވުން އޮތުމުން ހައިދަރުގެ އިސްތިއުފާއަށް އެމްޑީޕީން ގޮވާލައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ވަގު ލިޔުންތަކެއް ތައްޔާރުކޮށް ވަގަށް ގޯތިތަކެއް ވިއްކި މައްސަލައިގައި ހައުސިން މިނިސްޓްރީގެ ބައިވެރިވުން އޮތް ކަމަށާއި ހައުސިން މިނިސްޓަރު ޑރ. އަލި ހައިދަރުގެ ބައިވެރިވުން އޮތް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ބުނެފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގޯތި ވައްކަމުގައި ހައުސިންއިން ވަރަށް ބޮޑު އިސް ރޯލެއް އަދާކުރާއިރު، މިނިސްޓަރު ހައިދަރު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ.

"ދެން މީގައި ހަމަ ހައުސިން މިނިސްޓްރީގެ ވަރަށް ބޮޑު އިސް ރޯލެއް މިކަމުގައި. ހައިދަރުގެ އިސްތިއުފާއަށް އަޅުގަނޑު ގޮވާލަން ވަގުތުން ވަގުތަށް. ރައީސް ޖެހޭނެ އޭނަ ސަސްޕެންޑު ކުރައްވަން ވެސް މައްސަލަ ބަލާ ނިމެންދެން،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ގޯތިތަކުގެ ޕްލޮޓް ނަންބަރުތައް އެޗްޑީސީއަށް އެނގޭނީ އެ ނަންބަރުތައް ހައުސިން މިނިސްޓްރީން ހިއްސާ ކުރުމުން ކަމަށާއި ބިންވެރިޔާ ސްކީމުން މި ސަރުކާރުން ހިންގި ވައްކަމުގެ ހުރިހާ ތަފްސީލެއް ވެސް ހައުސިން މިނިސްޓްރީއަށް އެނގޭނެ ކަމަށެވެ.

"ހައުސިން މިނިސްޓްރީން މިކަން ހިންގެވިއިރު، ހައުސިން މިނިސްޓްރީއަށް ސީދާ އެނގިވަޑައިގަންނަވާނެ ހުރިހާ ތަފްސީލެއް. އެ ނޭނގޭނެ އެޗްޑީސީއަކަށެއް މިދެންނެވި ޕްލޮޓްތަކުގެ ނަންބަރުތަކާ އެއްޗިއްސެއް، ހުސްކޮށް ޕްލޮޓްތަކުގެ. އެހެންވީމަ އެ މައުލޫމާތު ހައުސިން މިނިސްޓްރީން ޝެއާ ނުކުރަންޏަކާ އެޗްޑީސީއަކަށް އެ މައުލޫމާތެއް ނޭގޭނެ" އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ހައުސިން މިނިސްޓްރީއަށް ހުރިހާ ތަފްސީލެއް އެނގި އެކަމާ ގުޅިގެން ފިޔަވަޅު ނޭޅުމުން ސުވާލު އުފެދޭކަން ފާހަގަ ކުރައްވަމުން އަކްރަމް ވިދާޅުވީ އެކަމުގެ ޒިންމާ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދުގެ އިތުރުން އިތުރު ބޭފުޅުން ވެސް ނަންގަވަން ޖެހޭ ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވީ މައްސަލައާ ގުޅިގެން ސަރުކާރުން މިހާރު އަޅުއްވާފައި ހުރި ފިޔަވަޅުތަކާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ.

އެގޮތުން ހައުސިން މިނިސްޓަރު ހައިދަރު، ސޯޝަލް ހައުސިންގެ ފްލެޓްތަކާ ބެހޭ ކޮމިޓީގެ ފިޒާނާ ރަޝީދު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް ޑިމާންޑު ކުރާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަަށް މިހާރު ސަރުކާރުން އަޅުއްވާފައި ހުރި ފިޔަވަޅުތަކަކުން އަޅުގަނޑުމެންނަށް ނުފުދޭ. އެމްޑީޕީގެ ފަރާތުން އަޅުގަނޑުމެން ޑިމާންޑު ކުރަން ހައުސިން މިނިސްޓަރު ހައިދަރު މިހާރުން މިހާރަށް ސަސްޕެންޑު ކުރަން. ފިޒާނާ ރަޝިދު މިހާރުން މިހާރަށް ސޯޝަލް ހައުސިންގެ ފްލެޓްތަކާ ބެހޭ ކޮމިޓީން އެކަހެރި ކުރަން،" އޭނާ ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަށް ގޯތި ދިން މައްސަލަ ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ނިމެންދެން އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގެ ހުރިހާ މެންބަރުން ވަނީ ސަސްޕެންޑު ކޮށްފަ އެވެ.