Advertisement

ވަޒީފާގެ މާހައުލުގައި ސަރުކާރުން އަންހެން މުވައްޒަފުންނަށް ފުރައްސާރަކުރާތީ ކަންބޮޑުވޭ: އެމްޑީޕީ

7 އޮކްޓޯބަރު 2024 - 13:01 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް: ވަޒީފާގެ މާހައުލުގައި ސަރުކާރުން އަންހެނުންގެ ހައްގަށް އަރައިގަންނާތީ އެމްޑީޕީގެ އަންހެނުން ރޫހުގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ވަޒީފާގެ މާހައުލުގައި ސަރުކާރުން އަންހެން މުވައްޒަފުންނަށް ފުރައްސާރަކުރާތީ ކަންބޮޑުވޭ: އެމްޑީޕީ

7 އޮކްޓޯބަރު 2024 - 13:01 1

ވަޒީފާގެ މާހައުލުގައި އަންހެނުންނަށް ފުރައްސާރަކޮށް، އަންހެނުންގެ ހައްގުތަކަށް އަރައިގަތުމަށް ސަރުކާރުން ހިންގާ އަމަލުތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކޮށްފި އެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ ރޮނގުން އަންހެނުން ބާރުވެރި ކުރުމަށް އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު އަންހެނުންނަށް ލިބޭ ފުރުސަތު ހަނިކޮށްފައިވާ ކަމަށެވެ.

"އެތައް ޒަމާނެއް ވަންދެން ސިވިލް ސާވިސްގައި މަސައްކަތް ކޮށްފައި ތިބި ތައުލީމީ، ތަޖިބާކާރު، ފަންނީ މުވައްޒަފުންނަށް މި ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި ވަޒީފާގެ ބިރު ދައްކައި ނަފްސާނީ ގޮތުން ގެއްލުންދީ، އެމީހުންގެ އަސާސީ ހައްގުތަކުން އަރައިގަންނަމުންދާ މައްސަލަ މި ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އެ ޕާޓީން ބުންޏެވެ.

އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް އަންހެނުން ބާރުވެރި ކުރުވުމަށް އެމްޑީޕީގެ ސަރުކާރުގައި އުފެއްދި ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ ނަމުން "ޖެންޑާ" އެ ބަސް އުނިކޮށް، މި ސަރުކާރުން އުފެއްދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އަންހެން މުވައްޒަފުންނަށް އެންމެ އަނިޔާވެރި މިނިސްޓްރީ ކަމަށްވާތީ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން އަންނަކަން އެމްޑީޕީން ފާހަގަކުރި އެވެ.

އެމްޑީޕީން ބުނީ އަންހެނުން ރައްކާތެރިކަން ހޯދުމަށް ދާނެ ތަނެއް މި ސަރުކާރުގައި އޮތްކަމާ މެދު މިއަދު އަންހެނުން ސުވާލު އުފައްދަމުންދާ ކަމަށެވެ.

އޭގެއިތުރުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުން އަންހެނުންނަށް ކުޑައިމީސްވާ ގޮތަށް އަދި އަންހެނުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް މަޖިލިސް ތަޅުގައި ތަކުރާރުކޮށް ވާހަކަ ދައްކަމުންދާ ކަމަށާއި ސަރުކާރުން އެކަމުގައި ހަނު ހުރުމަކީ، ސަރުކާރުން އެފަދަ ކަންކަމުގައި ދެކޭ ގޮތް ހާމަވާ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.

"އަންހެނުންގެ ތަރައްގީއަށް އިތުރު މަސައްކަތެއް ކޮށް ނުދެވުނު ހާލު، މިއަދު އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި މިވަނީ މި ސަރުކާރުން އަންހެނުންނަށް ކުރާ ފުރައްސާރަ އިތުރުވަމުންދާ މައްސަލަ. ހާއްސަކޮށް ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެނުންނަށް މި ސަރުކާރު މިވަނީ ބިރަކަށް ވެފައި،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީ ސަރުކާރުން ފަސް އަހަރު ތެރޭގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލަން މަސައްކަތްކޮށް، މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައި އަންހެނުންނަށް ފުރިހަމައަށް ބިނާ ކުރެވިނިވި ގޮތެއްގައި ބައިވެރިވެވޭނެ ކަން ކަށަވަރު ކޮށްދިނުމަށް ކުރި މަސައްކަތް ހުއްޓިފައިވާކަން އެމްޑީޕީން ފާހަގަކުރި އެވެ.

އެގޮތުން ޔޫއެންޑީޕީއާ ގުޅިގެން އެމްޑީޕީން ސަރުކާރުން އެކުލަވާލި ޖެންޑާ އީކުއޭލިޓިވް އެކްޝަން ޕްލޭންގައި 2024 ގައި ހުރި މަސައްކަތްތައް ހިނގަމުންދާ ގޮތުގެ އެއްވެސް ތަފްސީލެއް ހާމަ ނުކުރާތީ ވެސް އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.