Advertisement

ޑެހެއާ ދެ ޕެނަލްޓީ މަތަކޮށް މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދީފި

7 އޮކްޓޯބަރު 2024 - 07:56 0


ޑެހެއާ ދެ ޕެނަލްޓީ މަތަކޮށް މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދީފި

7 އޮކްޓޯބަރު 2024 - 07:56 0

ފްލޮރެންސް (އޮކްޓޫބަރު 7) - އިޓާލިއަން ލީގުގައި ރޭ ފިއޮރެންޓީނާގެ ކީޕަރު، ޑޭވިޑް ޑެހެއާ ދެ ޕެނަލްޓީ މަތަކޮށް، އޭސީ މިލާން އަތުން 2-1 އިން ފިއޮރެންޓީނާ މޮޅުކޮށްދޭން އެހީތެރިވެދީފި އެވެ.

ބާރަ އަހަރު ޔުނައިޓެޑްގައި ހޭދަކުރި ޑެހެއާ އެ ޓީމުގައި ހުރެ، 50 ޕެނަލްޓީއާ ކުރިމަތިލިއިރު، މަތަކުރެވުނީ ހަތް ޕެނަލްޓީ އެވެ. ޔުނައިޓެޑްގެ ކޮންޓްރެކްޓް ހަމަވުމުން، މިދިޔަ އަހަރު އެއްވެސް ޓީމަކާ ނުގުޅި ހުރި ޑެހެއާ މި ފަހަރު ފިއޮރެންޓީނާ އަށް ބަދަލުވެ، އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މެޗުގައި ފިއޮރެންޓީނާ ދަނޑުގައި އެ ޓީމުގެ މޮއިސް ކީން ޖެހި ޕެނަލްޓީ މިލާންގެ ކީޕަރު މައިކް މައިންގްނޯން ވަނީ މަތަކޮށްފަ އެވެ. އެކަމަކު، 35 ވަނަ މިނިޓްގައި ފިއޮރެންޓީނާގެ ޔާސީން އަދްލީ ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ.

ފިއޮރެންޓީނާ ލީޑުގައި ބާއްވަން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ތެއޯ ހެނާންޑޭޒް ޖެހި ޕެނަލްޓީ އާއި ދެ ވަނަ ހާފު ފެށިގެން، 11 މިނިޓް ތެރޭ ޓަމީ އަބްރަހަމް ޖެހި ޕެނަލްޓީ ޑެހެއާ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، 60 ވަަނަ މިނިޓްގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ލަނޑު ޖަހައި މިލާނަށް އެއްވަރުކޮށްދީފަ އެވެ. ފިއޮރެންޓީނާ މޮޅުވި ގޯލު ޖެހީ، އަލްބާޓް ގުޑްމުންޑްސަން އެެވެ.

މިލާނުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ޓީމުގެ ތެއޯ ހެނާންޑޭޒަށް އިތުރު ވަގުތުގައި ރަތް ކާޑެއް ދެއްކި އެވެ. މި މޮޅާ އެކު، ފިއޮރެންޓީނާ އޮތީ ހަތް މެޗުން 10 ޕޮއިންޓާ އެކު 11 ވަނައިގަ އެވެ. މިލާނަށް ހަތް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ.

ލީގުގެ ތިން ވަނައިގައި އޮތް ޔުވެންޓަސް ރޭ ވަނީ ކަލިއަރީއާ 1-1 އިން އެއްވަރުވެފަ އެވެ. ޑޫސާން ވްލާހޮވިޗްގެ ޕެނަލްޓީން ޔުވެންޓަސް ލީޑުނަގާފައިވަނިކޮށް، ކަަލިއަރީ އަށް އެއްވަރުކޮށްދިނީ ދެ ވަނަ ހާފުގައި ރަޒްވާން މަރީން ޖެހި ޕެނަލްޓީންނެވެ.

މި ނަތީޖާއާ އެކު، ޔުވެންޓަސް ތިން ވަނައިގައި އޮތީ ހަތް މެޗުން ލިބުނު 13 ޕޮއިންޓާ އެކު އެވެ. އެއީ އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. އަދި ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ.