Advertisement

ޑޮލަރު މާރުކުރަން މަޖުބޫރުކުރުވުން: ސަރުކާރުން ނެރުނީ ދާއިރާގެ ހަގީގަތާ ދުރު ހަރުކަށި ފޯމިއުލާއެއް

3 އޮކްޓޯބަރު 2024 - 09:10 5

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު


ޑޮލަރު މާރުކުރަން މަޖުބޫރުކުރުވުން: ސަރުކާރުން ނެރުނީ ދާއިރާގެ ހަގީގަތާ ދުރު ހަރުކަށި ފޯމިއުލާއެއް

3 އޮކްޓޯބަރު 2024 - 09:10 5

ފަތުރުވެރިކަމުން ވަންނަ ޑޮލަރު ނުހިފެހެއްޓުމާއި، މިލިއަނުން ޓޫރިސްޓުން އައިސް އޭގެ އެތައް ގުނައަކަށް ހޭދަކުރާ ޑޮލަރު ރާއްޖޭގައި މާލީ ވެށިން ނެއްޓިގެން ދާ ވާހަކައަކީ މި ދާއިރާ ފިރުކެން ފެށީއްސުރެ ދައްކަމުން އަންނަ ވާހަކައެކެވެ.

އޭރު ފިރުކުނު ފަތުރުވެރިކަން ފަތުއަޑުކިޔާ ހިނގަމުންދާއިރު، މިދިޔަ އަހަރު އެކަނިވެސް ފަތުރުވެރިކަމުގެ ސިނާއަތުން ރިސޯޓުތަކަށް 4.5 ބިލިއަން ޑޮލަރު އާމްދަނީއެއް ލިބުނެވެ. ނަމަވެސް އޭގެ ތެރެއިން ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރީ 2.3 ބިލިއަން ޑޮލަރެވެ. މާރުކުރީ އެންމެ 68 މިލިއަން ޑޮލަރެވެ.

ހާލަތު ބަދަލުނުވެ ދިގުލައިދަނީ ސިޔާސީ އަދި ނުފޫޒުގެ އެކި އޮއެވަރުގެ ތެރެއިން ގަވާއިދާއި ގާނޫނުތައް "އިސްލާހު" ނުކުރެވި ދަހަރުތަކަކަށް ދެމިގެންދާތީ އެވެ. މި ހާލަތުގައި އެކަމުގެ މިސާލަކީ މި މަހު އެކަކާ ހަމައަށް އަމަލުކުރަމުންދިޔަ 37 އަހަރު ވެފައިވާ، ބޭރު ފައިސާގެ ގަވާއިދެވެ.

ނަމަވެސް އެ ގަވާއިދު އުވާލައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަންގާރަ ދުވަހުގެ ރޭ ވަނީ އާ ގަވާއިދެއް ގެޒެޓުކޮށްފަ އެވެ. މި ގަވާއިދުގެ ދަށުން، ކޮންމެ ޓޫރިސްޓަކަށް ވަކި އަދަދެއްގެ ޑޮލަރު މާރުކުރަން ވަނީ ލާޒިމުކޮށްފަ އެވެ. ރިސޯޓުތަކަށް އަންނަ ކޮންމެ ގެސްޓަކަށް 500 ޑޮލަރު ބޭންކުތަކަށް މާރު ކުރަންޖެހެ އެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ގެސްޓަކަށް 25 ޑޮލަރު މާރު ކުރަންޖެހެ އެވެ.

އެއީ ރަނގަޅު ބަދަލެއް ކަމަށް ގިނަ ބަޔަކު ސިފަކުރި ނަމަވެސް، ފަތުރުވެރިކަމުގެ ދާއިރާގައި މޫލާފައި ތިބި ފަރާތްތަކުން ބުނަނީ މި ގަވާއިދު އެކުލަވާލީ މަޝްވަރާ ކުރުމެއް ނެތި، އިންޑަސްޓްރީގައި މަސައްކަތް ކުރާ ކަންބޮޑުވުންތަކަށް ބެލުމެއްނެތި ކަމަށެވެ.

އެމްއެމްއޭ އިން މަޝްވަރާ ނުކޮށް "އެންގީ"

މި ރިޕޯޓަށް މައުލޫމާތު އެއްކުރަމުންދިޔައިރު އެނގުނު ގޮތުގައި އެމްއެމްއޭ އިން ފަތުރުވެރިކަމުގެ ސިނާއަތުގެ ނަން ހިންގާ ފަރާތްތައް އަދި ޖަމިއްޔާތަކާ ބައްދަލުކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ޓޫރިޒަމް ވިޔަފާރިތަކުގެ ޖަމިއްޔާ، މަޓީ އާ ބައްދަލުކުރީ ބުދަ ދުވަހެވެ. ލިވްއަބޯޑު އެސޯސިއޭޝަނާ ވެސް ބައްދަލުކުރި އެވެ.

އެ ދެ ޖަމިއްޔާގެ މެންބަރުންގެ ތެރެއިން މި ނޫހާ ތަފާތު އެކި ފަރާތްތަކުން ވަނީ ވާހަކަ ދައްކައިފަ އެވެ. މައްސަލައިގެ ހައްސާސް ކަމާއި ވިޔަފާރީގެ މަސްލަހަތަށް ކަމަށް ބުނެ އެ އެންމެން ވެސް ވާހަކަ ދެއްކުމުގެ ކުރިން އެދުނީ ނަން ހާމަނުކުރުމަށެވެ.

އޭގެތެރެއިން އެކަކު ބުނި ގޮތުގައި އެމްއެމްއޭ އިން ފަތުރުވެރިކަމުގެ ޖަމިއްޔާތަކާ ބައްދަލުކުރީ ކޮންމެ ގެސްޓެއްގެ ބޮލަށް ޑޮލަރު މާރު ކުރަންޖެހޭނެކަން އަންގާލުމަށް އެކަންޏެވެ. އެ މީހުންގެ ލަފަޔެއް މަޝްވަރާއެއް ހޯދުމެއް ނެތެވެ. ލަފައެއް ދޭން އުޅުމުން ވެސް އެކަން ބަލައިގަތުމުގެ ވިސްނުން މަރުކަޒީ ބޭންކުގެ އިސްވެރިން ނުގެންގުޅުނު ކަމަށް ވެސް އިންޑަސްޓްރީގެ މީހުން ބުނެ އެވެ.

"އެމްއެމްއޭއާއެކު މީޓިން އަކަށް ކީ. އެކަމު އެ މީޓިން އަށް ދިޔައިރު އެ މީހުން އޮތީ ނިންމާފަ ކަނޑައަޅާނެ ގޮތް. މީޓިންގަ ބައިވެރިވި މީހުން ބުނި ތިއީ ރިއަލިސްޓިކް ކަމެއް ނޫނޭ ވެސް،" މި ނޫހާ ވާހަކަ ދެއްކި، ރިސޯޓެއް ހިންގާ ވިޔަފާރިވެރިޔަކު ބުންޏެވެ.

މިކަމަށް ބާރު ދެނީ މަޓީ އިން އިއްޔެ ނެރުނު ނޫސް ބަޔާނެވެ. ގަވާއިދަށް ބަދަލުތައް ގެނައީ ޓޫރިޒަމް ދާއިރާގެ މަސްލަހަތުވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އެމްއެމްއޭއިން ބުނި ނަަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް އެ ބަޔާނުގައި ވެސް ވަނީ ބުނެފަ އެވެ.

ރިޕޯޓަށް މައުލޫމާތު ދިން ގާނޫނީ ދާއިރާގެ ބޭފުޅުން ވެސް މިކަމަށް އެއްބަސްވެ އެވެ. އެގޮތުން އެކަށީގެންވާ މަޝްވަރާއެއް އެ މައްސަލައިގައި ނުކުރެވޭ ކަމާއި މިފަދަ ބޮޑު ބަދަލެއް އަވަސް އަރުވާލައިގެން ގެނެސްފި ނަމަ އެންމެ އެކަށޭނަ ނަތީޖާ ނުނިކުތުމުގެ ފުރުސަތު އޮތް ކަން އެ ބޭފުޅުން ފާހަގަކުރި އެވެ.

500 އަދި 25 ޑޮލަރު، އަސާސެއް ނެތް ތަފާތުކުރުންތަކެއް

އާ ގަވާއިދާއެކު އެންމެ ބޮޑަށް އިވެން ފެށީ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅެފައިވާ ކަމުގެ ޝަކުވާތަކެވެ. އެގޮތުން ޓޫރިސްޓުން ރާއްޖެ އައިސް ތިބޭ ތަންތަން މި ގަވާއިދުން ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިފަ އެވެ. ބޮލަކަށް މާރުކުރަން ޖެހޭ ޑޮލަރުގެ އަދަދު ބިނާވަނީ ދެ ކެޓަގަރީ އަށެވެ.

ކިޔުންތެރިންގެ ފަސޭހައަކަށް ގަވާއިދުގެ އެ ބައި ތިލަ ކޮށްލާނަމެވެ.

  • ކެޓެގަރީ އޭ - ރިސޯޓުތަކާއި އިންޓެގްރޭޓަޑް ރިސޯޓުތަކާއި ރިސޯޓު ހޮޓާތަކާއި ހޮޓާތަކުގެ އިތުރުން ޓޫރިސްޓު އުޅަނދުތަކާއި އެ ނޫން ވެސް އެ ފަދަ ތަންތަން - އަންނަ ކޮންމެ ގެސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ
  • ކެޓެގަރީ ބީ - މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓުހައުސްތަކާއި އެ ރަށްރަށުގައި ހުންނަ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރިއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ހުންނަ ތަންތަން - އަންނަ ކޮންމެ ގެސްޓަކަށް 25 ޑޮލަރު މާރުކުރަން ޖެހޭ

ގަވާއިދުގައި އޮތް ގޮތުން ވިޔަފާރިވެރިންގެ ތެރެއިން ފުރަތަމަ ސުވާލު އުފެއްދީ، ކާނި ހޮޓެލްސް ގެ ވެރިޔާ އަބްދުﷲ ނަޝީދެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ސުވާލުއުފެއްދީ، 50 ކޮޓަރިއަށްވުރެ ބޮޑު އޭނާގެ ގެސްޓްހައުސްތަކުން 100 ޑޮލަރަށް ވިއްކާ ކޮޓަރިތަކަށް ދެތިން ރެޔަށް އަންނަ ދެ ފަތުރުވެރިންގެ ބޮލަށް މާރުކުރަން ޖެހޭ 1،000 ޑޮލަރު ހޯދާނެ ގޮތަކާމެދު އެވެ.

"ބޭންކުތަކަށް ޑޮލަރު މާރުކުރަން އަޅުގަނޑުމެން އަނެއްކާވެސް ބްލެކް މާކެޓުންތޯ ޑޮލަރު ގަންނަންވީ،" ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ލިޔެފައިވެ އެވެ.

މިއީ ހަމައެކަނި އޭނާގެ ޝަކުވާއެއް ނޫނެވެ. މި ރިޕޯޓަށް މައުލޫމާތު ދިން ހުރިހާ ވިޔަފާރިވެރިންނާއި ބައެއް ގާނޫނީ ވަކީލުން ވެސް ވަނީ މި ސުވާލު އުފައްދައިފަ އެވެ. މިއީ ތަފާތުކުރުމެއް ކަމަށް ވެސް އެއް ބަޔަކު ބުންޏެވެ.

މިސާލަކަށް މާލޭގައި ހުންނަ ބޮޑެތި ހޮޓެލް ތަކުން 100 އެއްހާ ޑޮލަރަށް ވިއްކާ ކޮޓަރިތަކުގައި ތިބޭ ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ލާޒިމުކުރުން ދެކޮޅު ނުޖެހޭ ކަން ވެސް ދާއިރާގެ ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފަ އެވެ.

"މިހާރު މިއޮތް ގޮތުން ތަންކޮޅެއް ރެގްރެސިވް ވާނެ. އެއީ ކުދި ވިޔަފާރި ވެރިންނަށް މީގެ ބުރަ ތަންކޮޅެއް ބޮޑުވާނެ. އެއީ މިކަމުގަ އޮތް ގެއްލުމަކީ،" ވިޔަފާރިވެރިންނާ އެއްބަސްވާ ވަކީލަކު ބުންޏެވެ.

ސަރުކާރުން ގެންނަން އުޅޭ ބަދަލު އޭގެ ޒާތުގައި ރަނގަޅު ކަމަށް ދެކޭ ވިޔަފާރި ވެރިން ވެސް ހިތްހަމަނުޖެހެނީ މިހާރު އޮތް 500 ޑޮލަރާއި 25 ޑޮލަރު ކަނޑައެޅި ގޮތާމެދު އެވެ. އެ އަދަދުތައް ކަނޑައެޅި ގޮތެއް އެމްއެމްއޭ އަކަށް ބުނެއެއް ނުދެވެ އެވެ. ކެޓަގަރީތައް ބެހި ގޮތެއް ސާފެއް ނުކޮށްދެވެ އެވެ.

"ކެޓަގަރީތައް ކަނޑައެޅި ގޮތް އެއްގޮތަކަށް ވެސް ސާފެއް ނޫން. އޭ ކެޓަގަރީއަށް ބޯޓިން އިންޑަސްޓްރީ އަޅުގަނޑަކަށް އެއްވެސް ގޮތަކަށް ނޭނގެ ކީއްވެ ކަމެއް ލާން ޖެހުނީކީ،" އެ ދާއިރާގެ ވިޔަފާރިވެރިޔަކު ބުންޏެވެ.

ބައެއް ވިޔަފާރިތައް ދެކޮޅު ނުޖެހުމުގެ ބިރު

ތަޖުރިބާކާރުންގެ ބަހާއި މިސާލުން އިތުރަށް މިސާލު ނެގޭތޯ ބަލާނަމެވެ.

މާލެ އަދި ހުޅުމާލޭގައި މިހާރު ހުރި ގެސްޓްހައުސްތަކާއި ހޮޓާތަކުގެ ތެރެއިން ފުރަތަމަ މިސާލަކަށް މާގިރި ހޮޓެލް ނަގާނަމެވެ. އެ ހޮޓަލުގެ މިވަގުތު 51 ކޮޓަރި އެބަހުއްޓެވެ. ބުކިން ޑޮޓް ކޮމް އިން ދައްކާގޮތުން މާގިރީގެ ޕްރިމިއަމް ރޫމް އެއް ރެޔަކަށް ވިއްކަނީ 215 ޑޮލަރަށެވެ. އެއީ އެކަކު ހުންނަ ނަމަ އެވެ.

އެ ކޮޓަރީގައި އެކަކު އެއް ރޭ މަޑުކުރި ނަމަވެސް، އެމްއެމްއޭގެ ގަވާއިދުގެ ދަށުން 500 ޑޮލަރު މާރުކުރަން ޖެހޭނެ އެވެ. އެ އަދަދު ހަމަކުރަން ރޫމަށް ލިބުނު 215 ޑޮލަރުގެ އިތުރުން ބޭނުންވާ 285 ޑޮލަރު ލާންޖެހޭނީ އަމިއްލަ ޖީބުންނެވެ.

މާފުށީގައި ހުންނަ އެރީނާ ގެސްޓްހައުސްގައި ގައިމުވެސް 50 ކޮޓަރި ހުންނާނެ އެވެ. އެތަނުން ދެ ޓޫރިސްޓުންނަށް ތިބެވޭ، ސްޓޭންޑާޑް ޑިލަކްސް ރޫމެއް ވިއްކަނީ 118 ޑޮލަރަށެވެ. އެ ދެ މީހުން ހަތަރު ދުވަހު މަޑުކުރި ނަމަވެސް ލިބޭނީ 472 ޑޮލަރެވެ. އެއީ ދެ މީހުންނަށް މާރުކުރަން ޖެހޭ 1،000 ޑޮލަރަށްވުރެ 528 ޑޮލަރު މަދު އަދަދެކެވެ.

މިގޮތަށް، ލިބޭ ހުރިހާ ޑޮލަރެއްހެން ބޭންކުތަކަށް މާރުކުރާއިރު އެ ތަންތަނުން ޑޮލަރުން ކުރަން ޖެހޭ ވިޔަފާރީގެ މުއާމަލާތްތައްވެސް ހުންނާނެ އެވެ. ރާއްޖެއިން ބޭރުން ހޯދާ ހިދުމަތްތަކަށާއި މުދަލަށެވެ. ނަމަވެސް މިވަގުތު ރާއްޖޭގެ އެއްވެސް ބޭންކަކުން ޑޮލަރެއް ނުވިއްކަ އެވެ. އެހެންކަމުން އެ ކަންކަމަށް ބޭނުންވާ ޑޮލަރު ހޯދުމަށް ވެސް ދާން މި ޖެހެނީ ކަޅު ބާޒާރަށެވެ.

ލިބުނު ޑޮލަރު ބޭންކު ރޭޓުގައި ބޭންކުތަކަށް މާރުކުރުމަށްފަހު، ބްލެކް މާކެޓު ރޭޓުގައި ބޭނުންތަކަށް ޑޮލަރު ގަންނަން ޖެހޭ ހިސާބުން، މިކަމުގެ އާހިރު ނަތީޖާ އަކީ ކޮބާ ކަމާމެދު ސުވާލު އުފެދެ އެވެ.

ހައްލަކީ އާމްދަނީގެ ވަކި ޕަސެންޓެއް މާރުކުރަން

ހަމަގައިމު ވެސް މިހާރު މިއޮތް ފޯމިއުލާ ވިޔަފާރިވެރިންނަށް ކަމަކު ނުދެ އެވެ. ކުރަން އުޅޭ ކަމާމެދު ހިޔާލު ތަފާތެވެ. ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ސަފުގައި ތިބި ގިނަ މީހުންގެ ބަސްމަގު ހުރި ގޮތުން އަލަށް ހެދި ގަވާއިދު އިސްލާހުކޮށްގެން ވެސް މިކަން ފުރިހަމައަށް ހާސިލްވާނެ އެވެ.

އެކަމާ ސިޔާސީން ވެސް އެއްބަސްވާތަން ފެނެ އެވެ. އެމްއެމްއޭގެ ގަވާއިދާއެކު ކޮންމެ ޓޫރިސްޓަކަށް ޑޮލަރު މާރު ކުރަން މަޖުބޫރު ކުރުމުން ގެސްޓްހައުސް އަދި ދަށް ފަންތީގެ ރިސޯޓުތައް "ފުނޑޭނެ" ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް، އެއާއެކު އޭނާ ވަނީ މިކަން ކުރުމަށް ދެކެވަޑައިގަންނަވާ ގޮތެއް ވެސް ހުށަހަޅުއްވައިފަ އެވެ.

"ސަރުކާރުން މި ނިންމުން މުރާޖާކޮށް، ކޮންމެ ފަތުރުވެރިއަކަށް ޑޮލަރުގެ ރޭޓެއް ކަނޑައެޅުމުގެ ބަދަލުގައި، ބޭރުގެ އާމްދަނީގެ ޕަސެންޓޭޖެއް ނަގާ ގޮތަށް ބަދަލު ގެންނަން ޖެހޭ،" ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު، އިއްޔެ އެކްސްގައި ލިޔުއްވާފައިވެ އެވެ.

މިއީ މި ރިޕޯޓަށް ވާހަކަ ދެއްކި ގިނަ ބަޔަކު އެއްބަސްވާ ފޯމިއުލާއެކެވެ. ސަބަބަކީ އެހެން ހަދައިފި ނަމަ ކުރިން ކަންބޮޑުވި ތަފާތުކުރުންތަކަށް ހައްލެއް ލިބުމެވެ. މާރުކުރާ ޑޮލަރުގެ އަދަދު އިތުރުވުމަކީ ވެސް ވުން އެކަށީގެންވާ ކަމެކެވެ.

އިސްތިސްނާ ހާލަތްތަކާއެކު މިކަން ގޯހުން ގޯހަށް ގޮސްދާނެ

މި މައްސަލައިގައި ވާހަކަ ދެއްކި ފަތުރުވެރިކަމުގެ ތަޖުރިބާކާރުންނާއި ގާނޫނީ ވަކީލުން ހިމެނޭހެން، އެންމެން ވެސް ކަންބޮޑުވާ އެއް މާއްދާއެއް ފާހަގަވި އެވެ. އެއީ ގަވާއިދުގައި ބުނާ އަދަދަށްވުރެ މަދުން ޑޮލަރު މާރު ކުރުމަށް އިސްތިސްނާ ކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިދޭ މާއްދާ އެވެ.

މަދުން ޑޮލަރު މާރު ކުރަން އެދެވެނީ، ގަވާއިދުގައިވާ މިންވަރަށް ޑޮލަރު މާރުކޮށްފިނަމަ ހަތަރު ކަމެއް ކުރުމަށް އެ ވިޔަފާރީގައި ޑޮލަރު ނުހުރެދާނެ ކަމަށް ފެންނަ ހާލަތްތަކުގަ އެވެ.

އޭގެ ތެރޭގައި ޑޮލަރުން ދައްކަން ޖެހޭ ޓެކްސް ދެއްކުމާއި، ޑޮލަރުން އަދާކުރަންޖެހޭ ދަރަންޏެއް އަދާކުރުމުގެ އިތުރުން، ކޯޓު އަމުރަކުން ނުވަތަ އެމްއެމްއޭއިން ހުއްދަ ދޭ ޑޮލަރުގެ އިލްތިޒާމުތައް އަދާކުރަން ޑޮލަރު ނުހުންނާނެ ކަމަށް ފެންނަ ނަމަ އިސްތިސްނާ ހާލަތަކަށް އެދެވޭނެ އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިގޮތަށް މާރުކުރާ މިންވަރު ދަށްކުރުމުގައި އަމަލުކުރާނެ އުސޫލެއް އަދި އެމްއެމްއޭ އަކު ނެތެވެ.

ނަމަވެސް ބަޔާންކޮށްފައިވާ ހަތަރު ސަބަބުގެ ތެރެއަށް ރާއްޖޭގައި އޮޕަރޭޓުކުރާ ގިނަ ރިސޯޓުތަކާއި ގަވާއިދުގައި ބުނާ އެހެން ފެސިލިޓީތައް ފެތޭނެ އެވެ. އެ ހާލަތުގައި މި ގަވާއިދުން އެމްއެމްއޭއަށް ލިބޭނެ ކަމަށް އަންދާޒާކުރާ ޑޮލަރުގެ އަދަދު ދަށަށް ދާނެ އެވެ.

"އިސްތިސްނާވާ ހާލަތްތަކެއް ހުރެފަ އެކަން ކުރާނެ ދެފުށް ފެންނަ ނިޒާމެއް ނެތް ނަމަ ވާނެ ގޮތަކީ ސިޔާސީ ގޮތުން ބާރުގަދަ މީހާ ނުވަތަ ރައްޓެހި މީހާއަށް އިސްތިސްނާ ކޮށްދީގެން އެކަން ކުރާތަން ފެންނާނީ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" މި ރިޕޯޓަށް މައުލޫމާތު ދިން އެކަކު ބުންޏެވެ.

---

ބޭރު ފައިސާއާ ބެހޭ ގަވާއިދު ހަތަރު ދަހަރު ވާން ކައިރިވެފައިވަނިކޮށް އިސްލާހު ކުރުމަކީ ކުރަން ޖެހިފައި އޮތް ކަމެކެވެ. ނަމަވެސް ގެނައި ބަދަލުތައް ތަންފީޒުކުރަން ވާނީ ވިޔަފާރިތަކަށް ވެސް އިންސާފުވެރި ގޮތަކަށެވެ. އެކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް އުފެދޭނަމަ މިކަމުގެ އާހިރު ނަތީޖާ ހިތިވެދާނެ އެވެ.