Advertisement

އައިއެސް ނައްތާލަން އެމެރިކާއިން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެ

1 އޮކްޓޯބަރު 2024 - 14:25 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ޑިފެންސް މިނިސްޓަރު ގައްސާން އާ ސަލާމް ކުރައްވަނީ: އައިއެސް ނައްތާލަން އެމެރިކާއިން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ކޯލިޝަނާ ރާއްޖެއިން ވަނީ ގުޅިފަ --- ފޮޓޯ: ރައީސް އޮފީސް


އައިއެސް ނައްތާލަން އެމެރިކާއިން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެ

1 އޮކްޓޯބަރު 2024 - 14:25 1

ޓެރަރިސްޓު ގްރޫޕެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ކަނޑައަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ނައްތާލުމަށް އެމެރިކާއިން އެކުލަވާލި ބައިނަލްއަގުވާމީ ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

އެ ކޯލިޝަނަކީ 2014 ގައި އައިއެސް އިން އިރާގުގައި ދެމުންދިޔަ ހަމަލާތަކާ ގުޅިގެން އެ ގައުމުގެ އެދުމުގެ މަތިން ކަމަށް ބުނެ އެމެރިކާ އިސްވެ އޮވެ އުފެއްދި ކޯލިޝަނެކެވެ. އެ ކޯލިޝަނާ ރާއްޖެއިން ގުޅުނުކަން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ވެބްސައިޓުގައިވާ މި ކޯލިޝަނުގެ މެންބަރު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ވަނީ ހިމަނާފަ އެވެ. ނަމަވެސް މިކަމާ ގުޅިގެން ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

ރާއްޖެ އަކީ އެ ކޯލިޝަނާ އެންމެ ފަހުން ގުޅުނު ގައުމު ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވެސް ބުނެފައިވެ އެވެ. މި ބަޔާނަކީ އެމެރިކާއިން އައިއެސް ނައްތާލުމަށް ކޯލިޝަން އެކުލަވާލިތާ ދަހަރެއް ވުމާ ގުޅިގެން ވޮޝިންޓަނުގައި މެންބަރު ގައުމުތަކުގެ އިސްވެރިން ބޭއްވި މަޝްވަރާތަކަކާ ގުޅިގެން ނެރުނު ބަޔާނެކެވެ.

އެ މަޝްވަރާތަކުގައި ގައުމުތަކުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުންނާއި ފޮރިން މިނިސްޓަރުން އަދި އިސް އޮފިޝަލުން ބައިވެރިވި ކަމަށްވެ އެވެ. މަޝްވަރާތައް ޗެއާކުރެއްވީ އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން އެވެ.

ނަމަވެސް މަޝްވަރާތަކުގައި ރާއްޖެއިން ބައިވެރިވި ކަމެއް ނުވަތަ ބައިވެރިވީ ކޮން އޮފިޝަލުންނެއް ކަމެއް ސާފެއް ނުވެ އެވެ.

އައިއެސް އާ ގުޅިގެން ޖިހާދުކުރުމަށް ސީރިއާއަށް ދިވެހިން ދިޔަ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މަރުވި ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި ހާލުގައި ޖެހިފައި ތިބި އެމީހުން އާއިލާތަކެއް މި އަހަރު ކުރީކޮޅު އަނބުރާ ރާއްޖެ ގެނެސްފައިވެ އެވެ.

މީގެ އިތުރުން، 2022 ގައި ވަނީ އެ ޖަމާއަތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ދިވެއްސަކު ހައްޔަރުކޮށްފަ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖެނުއަރީ 6، 2022، ގައި އެމެރިކާގެ އެފްބީއައިގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ދެ ގައުމެއްގެ އިދާރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.