Advertisement

މާލީ ހާލަތު ގޯހުން ގޯހަށް: 70 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ވިޓޯލްގައި އެދިއްޖެ!

1 އޮކްޓޯބަރު 2024 - 08:15 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް މުއިއްޒު އަދި ފިނޭންސް މިނިސްޓަރު ޒަމީރު


މާލީ ހާލަތު ގޯހުން ގޯހަށް: 70 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ވިޓޯލްގައި އެދިއްޖެ!

1 އޮކްޓޯބަރު 2024 - 08:15 2

މާލީ ހާލަތު ގޯހުން ގޯހަށް ގޮސް، ލޯނެއްގެ ގޮތުގައި 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ހޯދަން ސަރުކާރުން ވިޓޯލް ގްރޫޕުގައި އެދިއްޖެ އެވެ.

އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެޔޮ އެތެރެ ކުރަން ހަވާލުކޮށްފައިވާ ކުންފުނި، އަދި އެސްޓީއޯއާ ގުޅިގެން ރާއްޖޭގައި ބަންކަރިން ހިދުމަތް ދޭ ވިޓޯލް ގްރޫޕުގައި، ބޮޑު ލޯނެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެދުނީ ފިޗާއި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމުގެ ސަބަބުން މާލީ އިދާރާއަކުން ލޯނު ނުލިބިގެން ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވި އެވެ.

"އެހެންވެ، އަމިއްލަ ވިޔަފާރިތަކަށް ދާން ޖެހުނީ،" އެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ލޯނު ނަގަނީ ދައުލަތުގެ ރިޒާވް މަތިކޮށް، ރޭޓިން ރަނގަޅު ކުރުމުގެ ބޭނުމުގަ އެވެ.

މޫޑީސް އިން ރާއްޖެ ޑައުންގްރޭޑް ކުރީ ސީއޭއޭ-2 އަށެވެ. އެއީ ކްރެޑިޓް ރިސްކު ވަރަށް ބޮޑަށް އޮތް ކަމަށް ބެލެވުމެވެ. އެހެންކަމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ. ފިޗުން ރާއްޖޭގެ ރޭޓިން ދަށް ކުރީ ސީސީއަށެވެ. އެއީ ދަރަނި ނުދެއްކިދާނެކަމުގެ ބިރު އޮތުމުންނެވެ.

އެނގިފައިވާ ގޮތުގައި، ވިޓޯލްއިން ސަރުކާރަށް ލޯނު ދޫކުރަން ބޭނުން ވަނީ ތިން އަހަރުން އަނބުރައި ދައްކާ ގޮތަށެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރަން ސަރުކާރުން ހުށަހަޅާފައިވެ އެވެ.

އެ ލޯނުގެ އިންޓްރަސްޓު ރޭޓު 11 ޕަސެންޓަށް ވުރެ މަތިވާނެ ކަމަށާއި، ސަކްސަސް ފީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ބޮޑުވާނެ ކަމަށް ވެސް އޮފިޝަލަކު ވިދާޅުވި އެވެ.

މިދިޔަ އޯގަސްޓު މަހުގެ ރިޒާވުގެ ހާލަތު އިންތިހާއަށް ދަށްވުމަށް ފަހު، އެ މަސް ނިމުނުއިރު ދައުލަތުގެ ބޭނުންކުރެވޭ ރިޒާވުގައި 61 މިލިއަން ޑޮލަރު ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.