Advertisement

ވޭސްޓު ޓްރާންސްފާ ސްޓޭޝަން ހަދަން ހުޅުމާލެއިން ބިން ދިނީ މަހަކު 500،000ރ. ގެ ކުއްޔަކަށް!

ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހަދާނެ ބިން ހަމަޖެއްސުމަށް ބުރާސްފަތި ދުވަހު އެޗްޑީސީ އާއި އެންވަޔަރަމެންޓު މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީން ސޮއި ކުރުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެޗްޑީސީ


ވޭސްޓު ޓްރާންސްފާ ސްޓޭޝަން ހަދަން ހުޅުމާލެއިން ބިން ދިނީ މަހަކު 500،000ރ. ގެ ކުއްޔަކަށް!

ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހަދަން ހުޅުމާލޭގައި ބިން ދިނީ މަހަކު 500،000ރ. ގެ ކުއްޔަކަށް ކަން އެނގިއްޖެ އެވެ.

ތިލަފުއްޓަށް ކުނި ގެންދިޔުމަށްޓަކައި ހުޅުމާލޭގައި ހާއްސަ އިމާރާތެއް ހަދަން ބިން ހަމަޖައްސައި އެ އެއްބަސްވުމުގައި އެޗްޑީސީ އާއި އެންވަޔަރަމެންޓު މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީން ބުރާސްފަތި ދުވަހު ސޮއިކުރި އެވެ.

އެއް ހެކްޓަރު (107,639 އަކަފޫޓު) ބިމެއް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރި ވާހަކަ ބައެއް ނޫސްތަކުން ގެނެސްދީފައިވެ އެވެ. ނަމަވެސް، އެއީ ކުއްޔަން ދިން ބިމެއްކަން ބުނެފައެއް ނުވެ އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ވޭސްޓު ޓްރާންސްފާ ސްޓޭޝަން އަޅަން، ހުޅުމާލޭގައި އޮންނަ އެމްޕީއެލް ޕޯޓު ކައިރިން ބިމެއް ކުއްޔަށް ދިނީ އަކަފޫޓެއް ފަސް ރުފިޔާ އަށެވެ. ނަމަވެސް އެ ވާހަކަ އިދާރާތަކުން ހާމައެއް ނުކުރެ އެވެ. އެޗްޑީސީއާ ސުވާލު ކުރުމުން ވެސް ޖަވާބެއް އަދި ނުދެ އެވެ.

މާލޭ ވޭސްޓު ޓްރާންސްފާ ސްޓޭޝަން ހަދާފައިވާ ބިމަށް އަދި ވިލިމާލޭގައި އޮތް ވެމްކޯގެ ބިމަށް ވެސް ކުއްޔެއް ނުނަގަ އެވެ. ވެމްކޯއިން ކުނި މަނޭޖުކުރާ އެހެން ރަށްރަށުން ވެސް ބިން ދޫކޮށްފައިވަނީ އަގެއް ނުނަގާ ގޮތަށެވެ.

ހުޅުމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްފީއާއާރް އާއި ޓީއޭއެސްއެފް އަދި ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ބަޔެކެވެ.

ހުޅުމާލޭ ވޭސްޓު ޓްރާންސްފާ ސްޓޭޝަން ހަދަން 13 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ބުނެ އެވެ.