Advertisement

އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ބީސީސީއިިން ފަށައިފި

27 ސެޕްޓެންބަރު 2024 - 17:29 0

އަމަން ހަލީމް

އަމަން ހަލީމް

ބުޅި ހަދާ މީހަކު އޭނާގެ މަސައްކަތް ދައްކާލަނީ: މި ދަފުތަރުގައި ރަޖިސްޓްރީ ކުރެވެނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރަން ނުޖެހޭ މީހުން -- ފޮޓޯ: މިރާން ނާޝިމް/އަދަދު


އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ބީސީސީއިިން ފަށައިފި

27 ސެޕްޓެންބަރު 2024 - 17:29 0

އަމިއްލަ މަސައްކަތް ކުރާ މީހުން ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައި، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގައި ރަޖިސްޓްރީ ވާން އެ ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފި އެވެ.

ބީސީސީ އިން މިކަމާ ގުޅޭ ގޮތުން ކުރި އިއުލާނެއްގައި ބުނީ މި ދަފުތަރު އެކުލަވާލަނީ، އަމިއްލަ މަސައްކަތް ކުރާ މީހުންނާއި އެ މީހުން މަސައްކަތްކުރާ ދާއިރާތައް ދެނެގަތުމަށާއި، އެ މީހުންނަށް ވިޔަފާރީގެ ފަހި މާހައުލެއް ކަށަވަރުކޮށް، އެފަދަ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ދަފުތަރުގައި ރަޖިސްޓްރީ ވާން ހުޅުވާލުމާ އެކުއެކީ ބީސީސީ އިން ވަނީ އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ދަފުތަރު ކުރެވޭނެ އުސޫލު ވެސް އިއުލާންކޮށްފަ އެވެ. އެ އުސޫލުގައި ވާ ގޮތުން މި ދަފުތަރުގައި ރަޖިސްޓްރީ ވެވޭނީ ހަތަރު ޝަރުތެއް ހަމަވާނަމަ އެވެ. އެއީ:

  • ދިވެހި ރައްޔިތަކު ކަމުގައި ވުން
  • އުމުރުން 18 އަހަރު ވެފައި ވުން
  • ވަޒީފާގެ އެއްބަސްވުމަކާ ނުލައި އާމްދަނީއެއް ހޯދަން އިގުތިސޯދީ ހަރަކާތެއް ހިންގާ ފަރުދަކަށް ވުން
  • ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރުން ލާޒިމު މީހަކަށް ނުވުން

ބީސީސީގެ އިއުލާނުގައި ވަނީ އަމިއްލަ މަސައްކަތް ކުރާ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީ ވާން ޝައުގުވެރިވާ މީހުންނަށް ލިންކެއް މެދުވެރިކޮށް ރަޖިސްޓްރީ ކުރަން ހުޅުވާލާފަ އެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީ ވުމުން އެ މީހަކީ ދަފުތަރު ކުރެވިފައިވާ މީހެއްކަން އަންގައިދޭން ލިޔުމެއް ނުވަތަ އިލެކްޓްރޯނިކް ސެޓްފިކެޓެއް ބީސީސީން ދޫކުރާނެ އެވެ. އަދި އެ ކޯޕަރޭޝަނުން ބޭނުން ވެއްޖެ ނަމަ މި ދަފުތަރު އާންމުކުރެވޭނެ އެވެ.

ބީސީސީއަކީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހިކޮށްދިނުމުގެ ބޭނުމުގައި އުފައްދާފައިވާ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެކެވެ. އެ ކުންފުނި އުފެއްދީ މާޗު 20، 2017 ގަ އެވެ.