Advertisement

ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ފެތުރޭތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

26 ސެޕްޓެންބަރު 2024 - 12:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކޮވިޑް-19 މާލޭގައި ފެތުރޭތީ މާސްކު އަޅައިގެން ކުދިބޮޑު އެންމެން އުޅުން: ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ފެތުރޭތީ ސަމާލުވާން އެޗްޕީއޭއިން އެދުން -- ފޮޓޯ: އަދަދު ފައިލް


ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ފެތުރޭތީ ސަމާލުވާން އެޗްޕީއޭއިން އެދިއްޖެ

26 ސެޕްޓެންބަރު 2024 - 12:16 0

ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްސީވީ) ފެތުރެމުންދާތީ އެކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ވައިރަސް ކުޑަކުދިންގެ މެދުގައި ފެތުރެމުން އަންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި ހާލަތު މޮނިޓާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިވަގުތު ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅަން އާންމުންނަށް އިލްތިމާސް ކުރަން. ބަލި ގިނައިން ފެތުރެމުން އަންނަނީ ކުޑަކުދިންގެ މެދުގައި،" އެޗްޕީއޭއިން ބުންޏެވެ.

ބަލިން ރައްކާތެރިވުމަށް އަތްދޮވުން ގިނަކޮށް، ވައިރަސް ޖެހުމުގެ ނުރައްކާ އޮތްނަމަ މި ދަނޑިވަޅުގައި މީހުން ގިނަ ތަންތަނަށް ނުދިޔުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެޗްޕީއޭއިން ބުނީ ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ މީހުންނަށް ކަމަށެވެ.

އެ ވައިރަސް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ރޯގާ ޖެހުން، ނޭވާލާން އުނދަގޫވުމުގެ އިތުރުން މޭގައި ރިއްސުން ހިމެނެ އެވެ.

ދުރާލައި ވައިރަހަށް ފަރުވާ ދެވިއްޖެނަމަ ނުރައްކާ ކުޑަވާނެކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދައްކަން އެދޭ ކަމަށެވެ.

އޭގެ އިތުރުން އަލާމާތްތައް ހުރިކަން ފާހަގަވާނަމަ މާސްކު އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭއިން އެދެ އެވެ.