Advertisement

ފޮއްތެޔޮ ރިސޯޓު ހިއްކަން އެތެރެވަރިން ވެލި ނަގާތީ ވ. އަތޮޅު ރައީސްގެ ކަންބޮޑުވުން

25 ސެޕްޓެންބަރު 2024 - 09:40 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަމަން ރިސޯޓްސްއިން ފޮއްތެޔޮ ފަޅު ތެރޭގައި 27 ރަށް ހިއްކޭނެ -- ފޮޓޯ: ވ. އަތޮޅު ކައުންސިލް


ފޮއްތެޔޮ ރިސޯޓު ހިއްކަން އެތެރެވަރިން ވެލި ނަގާތީ ވ. އަތޮޅު ރައީސްގެ ކަންބޮޑުވުން

25 ސެޕްޓެންބަރު 2024 - 09:40 0

ފެލިދެ އަތޮޅު އިރުމަތީ ބިތުގައި އޮންނަ ފޮއްތެޔޮ (ފޮއްތެޔޮ ބޮޑުފުށި) އާއި ފޮއްތެޔޮ ފަޅުގައި އަމަން ރިސޯޓްސްއިން ތަރައްގީ ކުރާ ރިސޯޓު ހިންގަން ހިއްކާ 27 ރަށަށް ބޭނުންވާ ވެލި އެ އަތޮޅުގެ އެތެރެވަރިން ނަގަމުން ދާތީ އަތޮޅު ކައުންސިލުގެ ރައީސް، ޝުޖާއު އަލީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސްގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވ. އަތޮޅުގެ އެތެރެވަރިން ވެލި ނެގުމުން އެ އަތޮޅު ފަރުތަކުގެ ބޮޑު ސަރަހައްދަކަށް ކިލަނބުކަން ފެތުރި ފަރުތަކަށް ގެއްލުންވާ ކަމަށެވެ.

"ވ. ފޮއްތެޔޮ ރިސޯޓު ޕްރޮޖެކްޓަށް ބޭނުންވާ ވެލި އަތޮޅުގެ އެތެރެވަރިން ނެގެމުން ދިޔުމުން, އެތެރެވަރީގެ ފަރުތަކުގެ ބޮޑު ސަރަހައްދަކަށް ކިލަނބުކަން ފެތުރި, ފަރުތަކަށް ގެއްލުންވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަން،" ޝުޖާއުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މި މަޝްރޫއުގެ އީއައިއޭގައި މަސްލަހަތުވެރިންނާ މަޝްވަރާ ކުރުމަށް ފަހު ބަޔާންކޮށްފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ 1.5 ކިލޯމީޓަރާއި ރިސޯޓުތަކުގެ ދެ ކިލޯމީޓަރަށް ވުރެ ދުރު ސަރަހައްދަކުން މެނުވީ ވެލި ނުނެގޭނެ ކަމަށެވެ.

ފޮއްތެޔޮ ފަޅަކީ 6800 ހެކްޓަރުގެ ބޮޑު ފަޅެކެވެ. އެ ފަޅުން އަމަން ރިސޯޓްސްއިން ހިއްސާވާ ދިވެހި ކުންފުނި، އަމްރޮކް އިންވެސްޓްމަންޓްސްއަށް ދޫކޮށްފައި އޮތީ އެ ފަޅުގެ ތެރޭގައި އޮންނަ ފޮއްތެޔޮ ބޮޑުފުށްޓާއި ފޮއްތެޔޮ ފަޅުން އިތުރު 100 ހެކްޓަރެވެ.

އަމަން ރިސޯޓްސްއިން އެ ފަޅު ތެރޭގައި ހިއްކާ 27 ރަށަށް (ގާތްގަނޑަކަށް 55.7 ހެކްޓަރުގެ ސަރަހައްދެއް) ބޭނުންވާ 1.58 މިލިއަން ކޮޑިމީޓަރުގެ ވެލި ނަގަން ހަމަ ޖެއްސީ ވާވު އަތޮޅުގެ އެތެރެވަރިންނެވެ. އެ ތަނުން ވެލި ނަގަމުން ދަނީ ހުއްދަ އާއެކު އެވެ.

އެ ރިސޯޓުގެ މަސައްކަތް ނިންމައި 2028 ނުވަތަ 2029 ގައި ހުޅުވޭނެ ކަމަށް އޮތީ އަންދާޒާ ކޮށްފަ އެވެ.

ވ. އަތޮޅަކީ ގުދުރަތީ ގޮތުން މުއްސަދި، ސިންދަފާތު ދިރުންތަކަށް މަޝްހޫރު އަތޮޅެކެވެ. އެ އަތޮޅުގެ އެކި ފަރުތަކާއި ފިނޮޅުތަކުން މާލެ އަތޮޮޅުގެ އިތުރުން އަރި އަތޮޅުގައި ގެސްޓު ވިޔަފާރި ކުރާ ފަރާތްތަކުން ވެސް މަންފާ ހޯދަ އެވެ.