6 ސެޕްޓެންބަރު 2025 - 11:24 2
މުހައްމަދު ޝަހްޒާން
ވ. އަތޮޅު ރައީސް، ސުޖާއު އަލީ -- ފޮޓޯ: ރައީސް އޮފީސް
6 ސެޕްޓެންބަރު 2025 - 11:24 2
ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭންޖެހޭ ބްލޮކް ގްރާންޓު ހަމައަށް ނުދީ ކައުންސިލްތަކަށް ލިބޭ ގްރާންޓުގެ 10 ޕަސެންޓު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ދިނުމުން ވާނީ ގެއްލުން ކަމަށް ވާވު އަތޮޅު ރައީސް، ސުޖާއު އަލީ ވިދާޅުވެއްޖެ އެވެ.
ސުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިސްކަލް ފޯމިއުލާގައި މިހާރު ވެސް ފައިސާ ދޫކުރުމުގައި ބަލަނީ ރަށުގެ ބޮޑުމިނަށް ކަމަށެވެ.
"ގާނޫނުގައި ބުނާ ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓާ ހަމައަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓު ނުދެއްވައި ކައުންސިލްތަކަށް ލިބޭ ގްރާންޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެހޯ ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރީމާ ކައުންސިލްތަކަށް ވާނީ ގެެއްލުން، އަޅުގަނޑުމެން ތިޔަށް ކިޔަމީ ވެން މަސް ވެނަށް ކާންދިނުން،" ސުޖާއު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
"ރައްޔިތުންނަށް އޮޅުވައިލައްވަން މި ޒާތުގެ ވާހަކަ ރައީސް މުއިއްޒު ދައްކަވާތީ ހިތާމަ ކުރަން."
ޑަބްލިއުޑީސީގެ ބަޖެޓު އިތުރު ކުރަން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ހިމަނާނެ ކަމަށް މުއިއްޒު ވިދާޅުވީ ރޭގަ އެވެ.
އެމަނިކުފާނުގެ އެކްސް އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި، އެ ކޮމިޓީތަކުގެ ބަޖެޓަށް ދެ ބަދަލެއް ގެންނަވާނެ ކަމަށެވެ.
އެގޮތުން ގެންނަ ފުރަތަމަ ބަދަލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބަޖެޓަކީ ކައުންސިލުގެ ބަޖެޓުގެ 10 ޕަސެންޓަށް ހެދުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މިހާރު ލިބެނީ ކައުންސިލަށް ލިބޭ ބަޖެޓުގެ ފަސް ޕަސެންޓެވެ.
ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސް ދޭން ޖެހޭނީ އެ ކޮމިޓީގެ ބަޖެޓުން ކަމަށް އޮތް އޮތުން ބަދަލުކޮށް، ކައުންސިލްގެ ބަޖެޓުން ރޯދަ އެލަވަންސް ދޭ ގޮތަށް ބަދަލުކުރައްވާނެ ކަމަށް ވެސް މުއިއްޒު ރޭ ވިދާޅުވި އެވެ.
ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ތަސްދީގުކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.
އެ ބަދަލާއެކު މި އަހަރު ރޯދަ މަހުގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000ރ. ދިނީ އެ ކޮމިޓީތަކުގެ ބަޖެޓުންނެވެ.
ސަރުކާރުން މި އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދޭން ލާޒިމުކުރާ މިންވަރަށް ފައިސާ ހިމަނާފައެއް ނުވެ އެވެ. އިދިކޮޅު ފަރާތްތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެކަން ހައްލުކުރުމުގެ ގޮތުން މަދުވާ ފައިސާ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓަރު، މުސާ ޒަމީރު މަޖިލީހުގައި އެދިވަޑައިގެންނެވި އެވެ.
ނަމަވެސް ބަޖެޓު ފާސްކުރީ ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ތެރެއިން މަދުވާ 699.6 މިލިއަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން އުނިކޮށް ބްލޮކް ގްރާންޓުގެ ތެރޭގައި އެ ފައިސާ ހިމަނައިގެންނެވެ.
Comment