Advertisement

17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: އިންޑިއާ އަތުން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ

24 ސެޕްޓެންބަރު 2024 - 20:09 0

އަތޫފް އާތިފް

އަތޫފް އާތިފް


17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: އިންޑިއާ އަތުން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ

24 ސެޕްޓެންބަރު 2024 - 20:09 0

ބޫޓާންގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އަތުން 3-0 އިން ބަލިވެ، ރާއްޖެ އަށް މުބާރާތް ނިމިއްޖެ އެވެ.

މި މެޗުން ބަލިވެ, ރާއްޖެ މުބާރާތުން ކެޓީ, ލަނޑުގެ ތަފާތުން ބަންގްލަދޭޝް ކުރީގައި އޮތުމުންނެވެ. މީގެ ކުރިން ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. އަދި އިންޑިއާ އަތުން ބަންގްލަދޭޝް ބަލިވީ 1-0 އިންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އިންޑިއާ އިން ވަނީ ގޯލު ޖަހައި ލިޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ސަމްސޮން އެވެ. މިއީ, އިންޑިއާގެ ބަހްރަތު ލައިނިންގް މުޅިން ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަހަކުން ސަމްސޮން ބޮލުން ޖެހި ގޯލެކެވެ.

މި މެޗުގެ 24 ވަނަ މިނެޓުގައި ރާއްޖޭގެ, ކާއިން އަބްދުالله ފާއިޒް އަށް އަނިޔާވެ، އެމްބިއުލަންސްގައި ދަނޑުން ގެންދިޔަ އެވެ.

އޭގެ ފަހުން އިންޑިއާގެ، ޒެވިސް ލަންގްމިންލުން އަށް މެޗުގެ 32 ވަނަ މިނެޓުގައި ވަނީ ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ރާއްޖޭގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޒެވިސް އަށް ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތް ނުވީ އެވެ.

މެޗުގެ 40 ވަނަ މިނެޓުގައި އިންޑިއާގެ އެމްޑީ އަބާޝް އަށް ވަނީ ލީޑު ފުޅާކޮށްދޭން ފުރުސަތު ލިބިފަ އެވެ. ރާއްޖޭގެ އޭރިއާ ތެރެއިން މުޅިން ހުސްކޮށް ހުރެ, އަބާޝް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އޭގެ ތިން މިނެޓު ފަހުން އިންޑިއާގެ ހާފުގެ ތެރެއަށް އީތަން އިބްރާހިމް ޒަކީ ނަގައިދިން ހުރަހެއް, އިންޑިއާގެ މުހައްމަދު ކައިފް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މި މެޗުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަަޅައިގެން ކުޅުނީ އީތަން އެވެ. ފުރަތަމަ މެޗުގައި، ރާއްޖޭގެ ލަނޑު ޖެހި، ޓީމުގެ ކެޕްޓަން، މުހައްމަދު އިލާން އިމްރާން ކުޅެން ނުކުތީ 64 ވަަނަ މިނިޓްގައި ބަދަލަކަށެވެ. އިލާން ފުރަތަމަ އެގާރައިގައި ނުހިމެނީ އަނިޔާއާ ހެދި އެވެ.

އޭގެ މިނެޓެއް ފަހުން ރާއްޖޭގެ އަހުމަދު އަފްނާން އަލީ އަށް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. އިންޑިއާގެ އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އަފްނާން ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާގޮތް ނުވެ ދިޔައީ ބޭރަށެވެ.

އޭގެ ފަހުން ފުރުތަމަ ހާފުގެ އިތުރު ވަގުތުގައި އިންޑިއާގެ މަލިންގިއަންގް އަށް ވަނީ ގޯލު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އިންޑިއާގެ ސަމްސޮން މުޅިން ހުސްކޮށްހުރެ ބޮލުން ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ހަސަން މާހިލް ނާސިރް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.

އޭގެ ހަ މިނެޓު ފަހުން އިންޑިއާގެ މަލަންޔާންގް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ވެސް ރާއްުޖޭގެ ކީޕަރު މާހިލް އެވެ.

މެޗުގެ 73 ވަނަ މިނެޓުގައި ރާއްޖޭގެ ކީޕަރު މާހިލް އަށް ހެދުނު ގޯހުގެ ފައިދާ ނަގާ އިންޑިއާ އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. މިއީ, ކީޕަރު މާހިލް އަތުން ދޫވި ބޯޅަ އެއް ހޯދައި މުޅިން ހުހަށް ހުރެ އިންޑިއާގެ ލުންކިމް ޖަހާދިން ގޯލެކެވެ.

މެޗު ނިމެން މިނެޓަކަށްވެފައި ވަނިކޮށް އިންޑިއާގެ ތިން ވަނަ ގޯލު އެ ޓީމަށް ޖަހާދިނީ ދެ ވަނަ ގޯލު ވެސް ޖަހާދިން ލުންކިމް އެވެ. މިއީ، އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ލުންކިމް ޖަހާދިން ގޯލެކެވެ.

މެޗަށް ފަހު، ރާއްޖޭގެ ކޯޗު މުހައްމަދު އާދަމް ބުނީ މެޗު ދުވަހު ބަލިވުމުގެ ސަބަބުން ރާއްޖޭގެ ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ފުރަތަމަ އެގާރައިގައި ނުހިމަނައި ފަށަން ޖެހުމަކީ ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި މި މުބާރާތުގައި ރާއްޖެ އަށް އެންމެ ބަދުނަސީބުކޮށް ދިމާވީ، ބޫޓާނުގެ އެ މޫސުމުގައި ކުދިންނަށް ކުޅެން އުނދަގޫވުން ކަމަށާއި އެހެން ނަމަވެސް، އިންޑިއާއާ ދެކޮޅަށް ރާއްޖެ ޓީމުގެ އެންމެ މުހިިންމު ކުޅުންތެރިން ލައިގެން ކުޅެލަން ލިބުނު ނަމަ ކުޅުމުގެ ފެންވަރާއި ނަތީޖާ ރަނގަޅު ވުމުގެ ފުރުސަތު ބޮޑު ކަމަށް މުހައްމަދު ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުގެ ސާފް 16 އަހަރުން ދަށުގެ މުބާރާތުގައި އިންޑިއާ އިން ތަށި ހޯދީ ސެމީ ފައިނަލުގައި 8-0 އިން ރާއްޖެ ބަލިކޮށް ފައިނަލުގައި ބަންގްލަދޭޝް އަތުން 2-0 އިން މޮޅުވެގެންނެވެ.