Advertisement

ސިޓީ ހޮޓާ އަޅަން ދިން ބިމަށް ޓޫރިޒަމް މިނިސްޓްރީއަށް ބާރު ނުފޯރުވޭނެ: ވަށަފަރު ކައުންސިލް

ހއ. ވަށަފަރު: ސިޓީ ހޮޓާ އަޅަން ދިން ބިމަށް ޓޫރިޒަމް މިނިސްޓްރީއަށް ބާރު ނުފޯރުވޭނެ ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ: އެފްބީ/ވިޒިޓްވަށަފަރު


ސިޓީ ހޮޓާ އަޅަން ދިން ބިމަށް ޓޫރިޒަމް މިނިސްޓްރީއަށް ބާރު ނުފޯރުވޭނެ: ވަށަފަރު ކައުންސިލް

ހއ. ވަށަފަރުގައި ސިޓީ ހޮޓާ އަޅަން ދިން ބިމަށް ޓޫރިޒަމް މިނިސްޓްރީން ބާރުފޯރުވާތީ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެފި އެވެ.

ވަށަފަރު ކައުންސިލްގެ ރައީސް އަހުމަދު މުއީން "އަދަދު" އަށް ވިދާޅުވީ ޓޫރިޒަމުން އެންގީ އެ ބިމަކީ އެ ކައުންސިލާއި ގުޅޭ ބިމެއް ނޫން ކަމަށާއި އެ ބިމަަށް ކައުންސިލަށް ބާރު ނުފޯރުވޭނެ ކަމަށް ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ކަންބޮޑުވުމެއް. ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގާއިރުގައި. ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލާއި ނުބެހޭ ގޮތަށް ނިންމުންތައް ނިންމާއިރު މިއީ އަޅުުގަނޑުމެންގެ ކަންބޮޑުވުން ހުންނަ ކަންކަން،" މުއީން ވިދާޅުވި އެވެ.

މުއީން ވިދާޅުވީ ދިމާވެގެން އުޅޭ ކަންތައް ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެ ރަށަށް އައިސް، މައްސަލައާ ގުޅިގެން ރައްޔިތުންނާ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި ދިމާވެފައިވާ ކަންކަން ހައްލު ކުރަން ބޭނުންވާ ކަމަށެވެ.

ވަށަފަރު ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސިޓީ ހޮޓާ ތަރައްގީ ކުރުމަށް އެ ރަށުން ތިން ލައްކަ އަކަ ފޫޓުގެ ބިމެއް (ރަށުގެ ތިން ބައިކޮޅު އެއްބައި ވަރުގެ ބޮޑު ބިމެއް) ވަނީ ހަމަޖައްސާފައި ކަމަށާއި އެ ބިން ހަވާލުކުރީ 2014 ގައި ހއ. ހޯރަފުށި، ސޯސަންމާގެ، ތަލްހަތު ރަޝީދުއާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އެ ބިން ހަވާލުކުރީ ފަސް އަހަރު ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށްވާއިރު މަސައްކަތަށް ބޭނުންވާ ތަކެތި ގުދަން ކުރުން ފަދަ ކަންކަމަށް ސިޓީ ހޮޓާގެ ބިމާ އިންވެގެން 35،000 އަކަ ފޫޓުގެ ބިމެއް ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެ 35،000 އަކަ ފުޓޫގެ ބިމުން އެޕްރިލް 1، އިން ފެށިގެން އަކަ ފުޓަކަށް 2ރ. ރޭޓުން ކުލި ނެގުމަށް ކައުންސިލުން ނިންމައި އެކަން އެންގި ކަމަށާއި ނަމަވެސް ބިން ކުއްޔަށް ނެގި ފަރާތުން އެ ފައިސާ ކައުންސިލަށް ނުދައްކާ ކަމަށް ކައުންސިލުން ބުންޏެވެ.

"ސީއެސްއާރުގެ ދަށުން އެ ފަރާތުން ކޮށްދެއްވުމަށް ނިންމާފައިވާ ކޭބަލްޓީވީއާ އިންޓަނެޓުގެ މަސައްކަތާއި، ހެލްތު ސެންޓަރު އެކްސްޓެންޝަނާއި ލެބޯޓަރީ އިކުއިޕްމަންޓް އަދި ފެނާއި ނަރުދަމާގެ މަސައްކަތްތަކުގެ ތެރެއިން ކޭބަލްޓީވީ އާއި އިންޓަނެޓްގެ އެއްވެސް މަސައްކަތެއް ނުކުރޭ. ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން ބަޔަކާއި ހަވާލުކޮށް އެ މަސައްކަތުގެ 80 ޕަސަންޓަށްވުރެ ބޮޑު ބައެއް ވަނީ ނިންމާފައި،" ވަށަފަރު ކައުންސިލުން ބުންޏެވެ.

ވަށަފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން ކުރާއިރު އެކަމުގެ ބަދަލު ކައުންސިލަށް ލިބޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް ޓުރިޒަމް މިނިސްޓްރީގައި އެކި ފަހަރު މަތިން އެދުނު ނަމަވެސް، މިއަދާ ހިސާބަށް ވެސް އެ ފައިސާ އަކީ ކައުންސިލަށް ލިބެން ޖެހޭ ފައިސާ ނޫން ގޮތަށް ދޭހަވާ ގޮތަށް ޓޫރިޒަމުން އަމަލު ކޮށްފައިވާ ކަމަށެވެ.

ވަށަފަރުގެ ސިޓީ ހޮޓާ ހަދަން ހަވާލުކުރިތާ 10 އަހަރުވުމާ ގާތްވެފައިވާއިރު މަސައްކަތް ނިމިފައި ނުވާތީ އެކަމާ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ހއ. އަތޮޅަށް ކުރެއްވި ދަތުރުގައި އުފަން ރަށް ވަށަފަރަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ރަށުގެ ސިޓީ ހޮޓާ ހަ މަސް ތެރޭގައި ނިންމައި ހުޅުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް 10 މަސް ވެގެންދިޔަ އިރު ވެސް އެ މަސައްކަތް ފެށިފައި ނުވެ އެވެ.