Advertisement

މިނިސްޓަރު ޝަހީމް ދެއްކެވި ވާހަކަތައް ރައީސްގެ ސަމާލުކަމަށް ގެންނަން ޑރ. އިޔާޒުގެ ސިޓީއެއް


މިނިސްޓަރު ޝަހީމް ދެއްކެވި ވާހަކަތައް ރައީސްގެ ސަމާލުކަމަށް ގެންނަން ޑރ. އިޔާޒުގެ ސިޓީއެއް

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިޔާޒުގެ އަނބިކަނބަލުންނާ ގުޅުވައި އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލުކަމަށް ގެނައުމަށް ޑރ. އިޔާޒު ސިޓިއެއް ފޮނުވައިފި އެވެ.

ރައީސްއަށް އެޑްރެސްކޮށް އިޔާޒު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ގައުމީ ނިޝާންޖެހި ޕޯޑިއަމްގައި ވާހަކަދައްކަވަމުން ކޮންމެ ބޭފުޅަކަށް ވެސް ފުރުސަތު ލިބިވަޑައިގަންނަވަނީ ރަސްމީ ހައިސިއްޔަތުން ރަސްމީ ވާހަކަ ދެއްކުމަށް ކަމަށެވެ.

ނަމަވެސް އިއްޔެ މިނިސްޓަރު ޝަހީމް ދެއްކެވި ވާހަކަތަކަކީ ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތްކަމަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ސިޓީގައި އިޔާޒް ތުހުމަތުކުރެއްވި އެވެ.

"...އިސްލާމިކް މިނިސްޓަރު ޝަހީމް ދައުލަތުގެ ނިޝާންޖެހި ޕޯޑިއަމެއްގައި ހުންނަވައިގެން ދެމަފިރިއެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވަޑައިގަތް ކަމަށް ބެލެވޭ ވާހަކަތަކެއް ދައްކަވާފައިވެ އެވެ. މިފަދަ އަމަލަކީ މިނިސްޓަރެއްގެ ހައިސިއްުޔަތުން ކުރެއްވުން އެކަށީގެން ނުވާ އަދި އިސްލާމީ އަހުލާގާއި ދިވެހި މުޖުތަމައުގެ އާދަކާދައާ ހިލާފު އަމަލެއް ކަމުގައި ދެކެމެވެ،" އިޔާޒުގެ ސިޓީގައި ލިޔެފައިވެ އެވެ.

އެ ވާހަކަތައް ދެއްކެވީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން މީޑިއާ މެދުވެރިކޮށް އަމިއްލަ ޒާތީ ޕީއާރު ރަނގަޅު ކުރަން ކަމަށް ވެސް ސިޓީގައި އިޔާޒް ތުހުމަތުކުރެއްވި އެވެ. އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ތިމާއަށް ފައިދާ ހޯދަން އުޅުމަކީ ޖިނާއީ ކުށެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންކަމާއެކު މިކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރަންޖެހޭ ބާވަތުގެ ކަމެއްކަން ވެސް ފާހަގަ ކުރަމެވެ،" ސިޓީގައި ލިޔެފައިވެ އެވެ.

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމް ވާހަކަދެއްކެވީ އިޔާޒާއި އޭނާގެ އަބިކަނބަލުންނަށް ކުޑައިމީސްވާ ގޮތަށެވެ. އޭނާ ވިދާޅުވީ ޑރ. އިޔާޒުގެ އަނބިކަނބަލުން އޭނާއަށް ކޮންޓްރޯލު ނުވާ ވާހަކަ އާއި "ބަސްނާހާ" ވާހަކަ މީހުންގެ ގާތުގައި އިޔާޒު ދައްކަމުންދާ ކަމަށެވެ.

"އަޅުގަނޑު އިޔާޒަށް ބުނެފައި ނޯންނާނެ, އިޔާޒަށް ގުޅާފައި އިޔާޒު އަންހެނުން ވަރިކުރާށެކޭ. އެހެން ނޫނަސް އިޔާޒުގެ އަންހެނުން, އިޔާޒު ބުނާ ބަސް ނާހާ އުޅެންޏާމުން, އަޅުގަނޑު މިއީ އިޔާޒުގެ ރަހުމަތްތެރިޔަކަށްވާ ކަމަށް ވަންޏާ މީހަކު މެދުވެރިކޮށް ވެސް އިޔާޒު ކައިރީގައި ބުނެފާނަން ބަސް ނާހާ މީހަކާ އެއްކޮށް ނޫޅޭށޭ," ޝަހީމް ވިދާޅުވި އެވެ.

ޝަހީމްގެ އެ ވާހަކަތައް މީސްމީޑިއާގައި އާންމުވުމުން ގިނަ ބައެއްގެ ނުރުހުން ޝަހީމްއަށް އަމާޒުވި އެވެ.

ހިޔާލުފާޅު ކުރި ގިނަ މީހުން ބުނީ ޝަހީމް އިއްޔެ ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި އެއީ ރައީސް އޮފީހުގެ ޕޯޑިއަމެއްގައި ހުރެގެން ދައްކަންވާ ވަރަށްވުރެ މުޑުދާރު ވާހަތަކެއް ކަމަށެވެ.

ޑރ. އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ހައްޔަރުކޮށް ޖަލަށްލީ އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް އަޑު އުފުލަމުންދަނިކޮށް އޯގަސްޓު 28، ގަ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ތިން ދުވަހަށާއި ފަސް ދުވަހަށް އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އަޑުނުއުފުލަން ޝަރުތުކޮށް އެ ދެ މީހުން ދޫކޮށްލީ މި މަހު ފަހެއްގަ އެވެ. ފުލުހުންގެ ފޯމުގައި އެދުވަހު ވެސް އެދިފައި އޮތީ 15 ދުވަހަށް ބަންދު ޖެހުމަށެވެ.

ޝާދިޔާ، 47، އާއި ޝަޒްރާ، 36، ހައްޔަރު ކުރުމުން އެކަން އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުށްވެރިކޮށް، އެ ދެ މީހުން ދޫކޮށްލަން ގޮވާލި އެވެ. ނަމަވެސް އެ ބަޔާންތަކާއެކު ސަރުކާރުން ވަނީ ޑިޕްލޮމެޓުންނަށް އުނދަގޫނުކޮށް ވެސް ފަލަސްތީނަށްޓަކާ އަޑުއުފުލޭނެ ކަމަށް ބުނެ ފުލުހުންގެ އަމަލު ދިފާއުކޮށްފަ އެވެ.

ޝާދިޔާ ހައްޔަރުކުރުމާއެކު އިޔާޒު ވެސް ވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓުތަކެއް ކުރައްވައިފަ އެވެ.

އިޔާޒުގެ އަނބިކަނބަލުން ޝާދިޔާ ވަރިކުރަން މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ވަޒީރަކު އޭނާއަށް އެންގި ކަމަށް އިޔާޒު ހާމަކުރެއްވީ ސެޕްޓެމްބަރު 8, ގަ އެވެ. ވާހަކަ ފެންމަތިވީ، ޝާދިޔާ އަދި އޭނާއާއެކު ބަންދުކުރި ޑރ. ޝަޒްރާ އިބްރާހިމް "އަދަދު" ނޫހަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ.