16 ސެޕްޓެންބަރު 2024 - 15:24 0
ލީވާން އަލީ ނާސިރު
ހއ. މާރަންދޫ: މާރަންދޫ ކައުންސިލް ބައި-އިލެކްޝަނުގެ ކުރިން މާރަންދޫއިން 12 ވަޒީފާދީ، އާ ޖެނެރޭޓަރެއް އިންޖީނުގެއަށް ގެނައިކަން ވަނީ އެނގިފައި -- ފޮޓޯ: ޒުވާން މަސްވެރިޔާ
16 ސެޕްޓެންބަރު 2024 - 15:24 0
މާލީ ތާށިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ހއ. މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަނާ ދިމާކޮށް އެ ރަށުގެ 12 މީހުންނަށް ވަޒީފާ އިންކަން އެނގިއްޖެ އެވެ.
މާރަންދޫ ކައުންސިލްގައި ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބައި-އިލެކްޝަން ބޭއްވީ ހޮނިހިރު ދުވަހު އެވެ. އެ ގޮނޑި ހުސްވީ ނައިބު ރައީސްއަކަށް ހުންނެވި އަހުމަދު ރަމީޒު ކުއްލި ގޮތަކަށް ޖުލައި 13، ގައި ނިޔާވުމުންނެވެ.
"އަދަދު" އަށް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އިންތިހާބާ ދިމާކޮށް ސަރުކާރުގެ އެކި މަގާމުތަކުގެ އިސްވެރިން އެ ރަށަށް ގޮސް، ވޯޓުތައް ޔަގީންކޮށް އިތުރު ކުރުމަށް 12 މީހަކަށް ވަޒީފާ ހަމަޖެއްސީ ފެނަކަ ކޯޕަރޭޝަނުންނެވެ.
"12 މީހަކަށް ވަޒީފާ ހަމަޖެއްސީ. އޭގެ ތެރެއިން 11 މީހަކު ވަޒީފާއަށް ނިކުންނަން ފަށާފައި ވަނީ. އިންތިހާބާ ދިމާކޮށް މިކަން ނިންމީ،" ވަޒީފާ ދިންކަން އެނގޭ މީހަކު ބުންޏެވެ.
އޭގެ އިތުރުން, އެ އިންތިހާބާ ދިމާކޮށް އެ ރަށުގެ އިންޖީނުގެއަށް އާ ޖެނެރޭޓަރެއް ވެސް ގެންދިޔަ އެވެ. ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން "އަދަދު" އަށް ވިދާޅުވީ އެ ރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އިންތިހާބުގެ ދެ ދުވަހެއް ކުރިން 400 ކިލޯވޮޓުގެ އާ ޖެނެރޭޓަރެއް ގެންދިޔަ އެވެ.
"ރަށުގައި 250 ގެ ތިން އިންޖީނު އޮތްއިރު އެންމެ އިންޖީނެއް ވެސް ނެތް 100 ކިލޯވޮޓުގެ ލޯޑު ނެގޭވަރުގެ. އެ މައްސަލައިގައި ރައްޔިތުން އިހުތިޖާޖު ވެސް ކުރި ކުރިން. ރަށުގެ ސްކޫލްގެ ސިސްޓަމްތަކާއި ބައެއް ގޭގެ އޭސީތައް ވެސް ހަލާކުވި. ހިތް ނުތަނަވަސްކަމުގައި ތިއްބާ ޖެނެރޭޓަރު ލިބުނީ،" ޖައިލަމް ވިދާޅުވި އެވެ.
ޖެނެރޭޓަރު ރަށަށް ގެނައީ މިދިޔަ މަހު ފެނަކައިގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކާއެކު މާލޭގައި ކުރިއަށް ގެންދެވުނު މަޝްވަރާއަށްފަހުކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އާ ޖެނެރޭޓަރެއް ފޮނުވާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ވެސް ދީފައި އޮތް ކަމަށެވެ.
ބައި-އިލެކްޝަންގައި ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްހަމީދު އަބްދުއްސައްތާރު ކާމިޔާބުކުރެއްވީ 35 ވޯޓުގެ ތަފާތަކުންނެވެ. އޭނާއަށް 285 ވޯޓު ލިބުނުއިރު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދަށް ލިބުނީ 250 ވޯޓެވެ.
މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަނުގައި ޖުމުލަ 736 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރެއިން ވޯޓުލީ 560 މީހުންނެވެ. އަދި އޭގެތެރެއިން 25 ވޯޓަކީ ބާތިލު ވޯޓެވެ.
Comment