Advertisement

ވ. މިޔަރު ކަނޑަށް ގެއްލުންވާ ގޮތަށް ރިސޯޓެއް ހަދަން އުޅޭތީ އަތޮޅު ކައުންސިލުގެ ކަންބޮޑުވުން

16 ސެޕްޓެންބަރު 2024 - 14:20 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިޔަރު ކަނޑުގެ ޗާޓެއް: އެއީ ވ. އަތޮޅުގެ މަޝްހޫރު ޑައިވް ޕޮއިންޓެއް -- ފޮޓޯ: މެރިޑިސް


ވ. މިޔަރު ކަނޑަށް ގެއްލުންވާ ގޮތަށް ރިސޯޓެއް ހަދަން އުޅޭތީ އަތޮޅު ކައުންސިލުގެ ކަންބޮޑުވުން

16 ސެޕްޓެންބަރު 2024 - 14:20 0

ހިމާޔަތް ކޮށްފައި އޮންނަ ވ. މިޔަރު ކަނޑާ އިންވެގެން އޮންނަ މެދުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކާނި ހޮޓެލްސްއަށް ސަރުކާރުން ދޭން އުޅޭތީ އެކަމާ އެ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވ. އަތޮޅު ކައުންސިލުގެ ރައީސް، ޝުޖާއު އަލީ ސޮއި ކުރައްވައި ޓޫރިޒަމް މިނިސްޓަރު ފައިސަލްއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރިސޯޓެއް ތަރައްގީ ކުރުމަށް ކާނި ހޮޓެލްސްއަށް އެ އަތޮޅުން ދޫކޮށްފައިވާ މެދުފިނޮޅަކީ 1995 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކޮށްފައި އޮތް މިޔަރު ކަނޑު ސަރަހައްދާ އިންވެގެން އޮތް ތަނަކަށް ވާތީ އެ ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުން ގާނޫނާ ހިލާފު ކަމަށެވެ.

"ރިސޯޓު ތަރައްގީ ކުރުމަށް ހިއްކުމަށް ފާހަގަކޮށްފައިވާ ސަރަހައްދުގައި އިންވެގެންވާ 'ވ. މިޔަރުކަނޑުސަރަހައްދު' (1382.54 ހެކްޓަރު) އަކީ 1995 ވަނަ އަހަރުން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަރަހައްދެއް ކަމުގައިވާތީ އެ ސަރަހައްދުގައި އެފަދަ މަޝްރޫއެއް ހިންގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމުގައި ވާތީ އެ ސަރަހައްދުގައި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށް ދެންނެވިން،" ވ. އަތޮޅު ކައުންސިލުން ފައިސަލްއަށް ފޮނުވި ސިޓީގައި ލިޔެފައިވެ އެވެ.

ކާނި ހޮޓެލްސްއަށް ރިސޯޓެއް ތަރައްގީ ކުރަން އެންމެ ފުރަތަމަ ސަރުކާރުން ދޭން މަސައްކަތް ކުރީ ވ. ބޮޑުފިނޮޅެވެ. ނަމަވެސް އެ ފިނޮޅަކީ އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ވަރަށް މުހިންމު ފިނޮޅަކަށް ވުމުން އެ ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކޮށްފި ނަމަ ފަތުރުވެރިކަމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ވިޔަފާރިވެރިންނާއި ވ. އަތޮޅު ކައުންސިލުތައް އެކަމާ ދެކޮޅު ހެދުމުން ސަރުކާރުން ނިންމީ ބޮޑުފިނޮޅުގެ ބަދަލުގައި އެހެން ފަޅެއް ކާނި ހޮޓެލްސްއަށް ދިނުމަށެވެ.

އެގޮތުން ކާނި ހޮޓެލްސްއަށް ވ. މެދުފިނޮޅު ދޭން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ބޮޑުފިނޮޅުގެ ބަދަލުގަ އެވެ.

ވ. އަތޮޅު ކައުންސިލުން މިއަދު ޓޫރިޒަމް މިނިސްޓަރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކާނި ހޮޓެލްސްއަށް މެދުފަޅު ދޭން ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

އެގޮތުން އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުން ކުރަންވާނީ ނުވަތަ ތަރައްގީ ކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަން ވާނީ އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް ކާނި ހޮޓެލްސްއަށް މެދުފިނޮޅު ދޭން ސަރުކާރުން މަސައްކަތް ކުރަނީ އެ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ބޮޑުފިނޮޅުގެ ބަދަލުގައި ވ. އަތޮޅުން އެހެން ފަޅެއް ކާނި ހޮޓެލްސްއަށް ދިނުމުގެ މަސައްކަތް ކުރާ ވާހަކަ ސަރުކާރުން ރަސްމީކޮށް މިހައިތަނަކަށް ހާމައެއް ނުކުރެ އެވެ.