Advertisement

ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: އާދަމް ޝަރީފް

12 ސެޕްޓެންބަރު 2024 - 07:15 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އާދަމް -- ފޮޓޯ: ރައީސް އޮފީސް


ދުވާފަރު ނެރު ފުންކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: އާދަމް ޝަރީފް

12 ސެޕްޓެންބަރު 2024 - 07:15 1

މަސްވެރިންގެ ބޮޑު އާބާދީއެއް އޮންނަ ރ. ދުވާފަރު ބަނދަރަށް ވަންނަ ނެރު ތިލަވުމުގެ ސަބަބުން ލަފާ ފުރުމުގައި ދިމާވެފައިވާ ދަތިކަން ހައްލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އެ މައްސަލަ އަދަދު ނޫހުން އިއްޔެ ގެނެސްދީފައި ވަނިކޮށް މިނިސްޓަރު އާދަމް ޝަރީފު، އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުވާފަރު ނެރު ތިލަވުމުގެ ސަބަބުން ލަފާފުރުމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން ލޯކަލް ގަވަމެންޓު މިނިސްޓްރީން މިދަނީ އެމްޓީސީސީއާއެކު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ވަރަށް އަވަހަށް އެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން އެމްޓީސީސީގެ އެމްޑީ އަހުމަދު ސައުދީ ވަނީ މިރޭ [ރޭ] ދެއްވާފައި،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ދުވާފަރުން "އަދަދު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެރަށުގެ ނެރުމައްޗަށް ވެލި އަރައި ތިލަވުމުގެ ސަބަބުން، ހިކިދިޔައިގައި ދޯނިތައް ބީހުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ ހާދިސާއެއް މިހަފުތާގައި ވެސް ހިނގި އެވެ.

"މިހާރު ވަރަށް ބޮޑަށް ވެލި އެޅި ތިލަވެފައި ނެރުމަތި އޮންނަނީ، މިފަހުން ވެސް ހަތަރު ފަސްދޯނި ބީހިގެން ރައްޔިތުން ނުކުމެ ފުންކުރަން ޖެހުނު،" ދުވާފަރުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި ނެރުމަތި ތިލަވެ، ލަފައި ފުރަން ދަތިވުމުގެ ކަންބޮޑުވުން ދުވާފަރު ކައުންސިލުން ވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ވެސް ހުށަހަޅައިފަ އެވެ. އެކަމުގެ ޝަކުވާ އުފުލާތާ މިހާރު ދޮޅުމަހެއްހާ ދުވަސް ވެއްޖެ އެވެ.

ރ. ދުވާފަރަކީ އެ އަތޮޅު ކަނދޮޅުދޫގައި ދިރިއުޅުނު މީހުން ސުނާމީއަށް ފަހު އާބާދުކުރި ރަށެވެ. ކަނދޮޅުދުއަކީ ޒަމާނުއްސުރެ މަސްވެރި އާބާދީއެއް އޮތް ރަށެކެވެ. ދުވާފަރަށް ބަދަލުވި ފަހުން ވެސް އެކަން އޮތީ އެގޮތަށެވެ.

އެގޮތުން ކަނޑުމަސްވެރިކަން ކުރާ ބޮޑެތި ސައިޒުގެ 10 ވަރަކަށް މަސްދޯންޏާއި ހުއިފިލަނޑާ ނެގުމާއި މަސްވެރިކަމުގެ އެހެން މަސައްކަތްތައް ކުރާ އުޅަނދުތައް ހިމެނޭ ގޮތުން ސާޅީހަކަށް ގަނޑެތި އެރަށުގައި އޮވެ އެވެ. އައިސް ޕްލާންޓެއް ހުންނާތީ އެހެން ރަށްރަށުގެ މަސްދޯނިފަހަރު ވެސް ވަރަށް ގިނައިން އެރަށަށް ދަތުރުކުރެެ އެވެ.