މީގެ ދެ އަހަރު ކުރިން ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ކާޑު ދޫކުރި އިރު ބަޔަކު އެ ހަދިޔާ އާއި ހަވާލުވާން ގޮސް ގަލޮޅު ދަނޑުގައި ---- ފޮޓޯ: އަދަދު
މި އަހަރު ވެސް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޭ މަސްދަޅު ކޭސް ބެހުން އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޯދަ ހަދިޔާ ބެހުން މުޅި ރާއްޖޭގައި ފަށާނީ ޖެނުއަރީ 24، ގައި ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގެ 15 ތަނަކުން އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކިއުގައި ނުޖެހި މަސްދަޅު ނެގުމަށް ރޯދަ ހަދިޔާ ޕޯޓަލް މެދުވެރިކޮށް ޓޯކަން ނެގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ޖުމްލަ 118،673 މަސްދަޅު ތައްޔާރުކޮށްފައިވާ ކަމަށް އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ދައުލަތުގެ މީޑިއާއަށް ފިނޭންސް މިނިސްޓްރީން ހިއްސާކުރި ތަފާސްހިސާބުތަކަށް ހަވާލާދީ އެ މީޑިއާއިން ބުނެފައިވަނީ މިދިޔަ ރޯދައާއި ދިމާކޮށް ބެހީ 111،231 މަސްދަޅު ކޭހެވެ.
މިއީ މި ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ބަހާ ދެވަނަ އަހަރެވެ. ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބަހަން ނިންމައި އެކަން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ނޮވެމްބަރު 17، 2024، ގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއެއްގަ އެވެ.
މިދިޔަ އަހަރު މިކަން ކުރުމަށް ދައުލަތުގެ ބަޖެޓުން 111,805,270ރ. ހަރަދުކުރި ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، މިކަމަށް ހަރަދުވީ ބަޖެޓުން ފެންނަން އޮތް ވަރަށްވުރެ މަދު އަދަދެއް ކަމަށް ވެސް ފިނޭންސާއި ހަވާލާދީ ޕީއެސްްއެމް އިން ރިޕޯޓުކޮށްފައިވެ އެވެ. ޕީއެސްއެމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަސްދަޅު ކޭސް ބެހުމަށް ހަރަދުވީ 81 މިލިއަން ރުފިޔާ އެވެ. ބަޖެޓުގައިވާ ގޮތުން މިއީ 20 މިލިއަން ރުފިޔާގެ ތަފާތެކެވެ.
މިދިޔަ އަހަރު މަސްދަޅު ބެހީ ބަޖެޓުގައި އެކަން ކުރުމަށް ޖަހައިގެނެއް ނޫނެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެކަން ހިމަނާފައެއް ނުވެ އެވެ.
Comment