Advertisement

ރިޒްނާގެ އިސްތިއުފާ ޖޭއެސްސީން ގަބޫލުކޮށް، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގުން އެހެން ބޭފުޅަކާ ހަވާލުކުރަނީ

10 ސެޕްޓެންބަރު 2024 - 16:57 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޗީފް ޖުޑީޝަލް އެޑްމިސްޓްރޭޓަރުކަމުން އިސްތިއުފާދެއްވި އާއިޝަތު ރިޒްނާ، އޭނާ އެމަގާމަށް ވަޑައިގެންނެވީ 2020 ވަނަ އަހަރު. ފޮޓޯ:ޑީޖޭއޭ


ރިޒްނާގެ އިސްތިއުފާ ޖޭއެސްސީން ގަބޫލުކޮށް، ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގުން އެހެން ބޭފުޅަކާ ހަވާލުކުރަނީ

10 ސެޕްޓެންބަރު 2024 - 16:57 1

ޝަރުއީ ނިޒާމާ ގުޅޭ އިދާރީ މަސައްކަތްތައްް ކުރާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އެންމެ އިސް މަގާމު ކަމަށްވާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުން އާއިޝަތު ރިޒްނާ ވަކިވެވަޑައިގަންނަވަން، ހުށަހެޅުއްވި އިސްތިއުފާ، ޖުޑީޝަލް ސާވިސް ކޮމިޝަނުން ގަބޫލުކޮށްފި އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާގެ މަގާމުން އިސްތިއުފާދެއްވުމުގެ ނޯޓިސް ރިޒްނާ ޖޭއެސްސީއަށް ފޮނުއްވީ މިދިޔަ ބުރާސްފަތިދުވަހު އެވެ. އޭނާގެ އިސްތިއުފާ ގަބޫލުކޮށް، ޖޭއެސްސީން އިއްޔެ އޭނާއަށް ފޮނުއްވި ސިޓީގައިވާ ގޮތުން ޑީޖޭއޭގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރާނީ ޖޭއެސްސީގެ އިންްސްޕެކްޓާ ޖެނެރަލް މުހައްމަދު ޝުޖާއުއާ އެވެ.

ސިޓީގައި ޖޭއެސްސީން އެދިފައި އޮތީ ޑީޖޭއޭ ގައި ރިޒްނާ ކުރެއްވި މަސައްކަތްތައް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ، ޝުޖާއުއާ ހަވާލުކޮށް ނިންމެވުމަށެވެ. އެ ޑިޕާޓްމަންޓުގެ ހިންގުމާ ޝުޖާއު ހަވާލުވާނީ ޖޭއެސްސީގެ ނިންމުމުގައިވާ ގޮތުން މިމަހުގެ 20 ގަ އެވެ.

ރިޒްނާ މަގާމުން އިސްތިއުފާ ދެއްވައި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހުސައިން ރިޒާއަށް މިދިޔަ ބުރާސްފަތިދުވަހު ފޮނުއްވި ސިޓީގެ ކޮޕީއެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ. ސިޓީގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގަން ތަންޒީމުކޮށްފައިވާ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސަައްކަތް ކުރެއްވޭނެ މާހައުލެއް ނެތް ކަމަށް ގަބޫލުކުރައްވައިގެންނެވެ.

"ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އީޖާބީ ތަސައްވުރެއް ހާމަކުރައްވާފައިނުވާކަމާއި މާނަވީ ގޮތެއްގައި އިރުޝާދެއް ނުވަތަ ލަފަޔެއް ވެސް މިހާތަނަށް ލިބިފައި ނުވާކަންވެސް ފާހަގަކުރަން،" އިސްތިއުފާގެ ސިޓީގައި ރިޒްނާ ވިދާޅުވި އެވެ.

ޖޭއެސްސީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް ނިންމުންތައް ނިންމަ ވާފައި ނުވާ ކަަމަށާއި އެކަން ހައްލުކުރަން މިހައި ތަނަށް ކުރެވުނު މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާ އެއް ލިބިފަ އިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށް ގެންދަން އެކަމުގެ ސަބަބުން ހުރަސްއެޅިފައިވާ ކަމަށް ވެސް ސިޓީގައި ރިޒްނާ ވިދާޅުވި އެވެ.

ރިޒުނާ ވަނީ މީގެކުރިން ސިވިލް ކޯޓާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމުވެސް ފުރުއްވާފަ އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމާ ހަވާލުވުމުގެ ކުރިން އޭނާ ހުންނެވީ ޔޫއެންޑީޕީގެ އެސިސްޓަންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގަ އެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒްނާ އައްޔަން ކުރީ ސެޕްޓެމްބަރު 27، 2020 ގަ އެވެ