10 ސެޕްޓެންބަރު 2024 - 15:40 0
ލީވާން އަލީ ނާސިރު
ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުރީދޫއަށް ޒިޔާރަތް ކުރެއްވުން -- ފޮޓޯ؛ އުރީދޫ
10 ސެޕްޓެންބަރު 2024 - 15:40 0
ގަތަރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޖާސިމް ބިން ޖާބިރު ޖޭބީ އަލް-ސުރޫރަށް އުރީދޫ މޯލްޑިވްސްއަށް ޒިޔާރަތް ކުރައްވައިފި އެވެ.
ރާއްޖެ އާއި ގަތަރާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އުރީދޫ މޯލްޑިވްސްއަކީ ގަތަރުން ކުރާ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި އެ ޒިޔާރަތުގައި ގަތަރުގެ ސަފީރު ފާހަގަކުރެއްވި އެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސް ވެރިން ސަފީރަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.
އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްތަކާއި، އިނޮވޭޝަން ކުރިއެރުވުމުގައި އުރީދޫ މޯލްޑިވްސްއިން އަދާކުރާ ދައުރާއި، މުޖުތަމައަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްއަށް ޒިޔާރަތް ކުރައްވައި، ކުރަމުން ގެންދާ ހާއްސަ ޕްރޮޖެކްޓްތަކުގައި ހަރަކާތްތެރިވާ މުހިންމު ޓީމްތަކާ ބައްދަލުކުރެއްވި އެވެ.
އޭގެ އިތުރުން ޑިޖިޓަލް އެކްސެސިބިލިޓީ އިތުރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތައް ބާރުވެރިކުރުވުމުގެ މަގްސަދުގައި އުރީދޫއިން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ސަފީރު ވަނީ މައުލޫމާތު ހޯދަވާފަ އެވެ.
ސީއީއޯ ހާލިދު އަލް ހަމާދީ ވަނީ ސަފީރުގެ ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، "އުރީދޫ މޯލްޑިވްސްއަށް ހިޒް އެކްސެލެންސީ ޖާސިމް ބިން ޖަބީރް ޖޭބީ އަލް-ސުރޫރު ޒިޔާރަތްކުރައްވާ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.
"ސަފީރުގެ ޒިޔާރަތުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި، ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ހިންގުމުގައި އުރީދޫއިން އަދާކުރާ މުހިންމު ދައުރަށް ޔަގީންކަން ލިބިގެންދޭ،" ހާލިދު ވިދާޅުވި އެވެ.
ބައްދަލުވުން ނިންމާލީ އުރީދޫ މޯލްޑިވްސްއާއި ގަތަރާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ގައުމުގެ ކުރިއެރުމާއި، ދެ ގައުމުގެ މެދުގައި ކާމިޔާބަށް މަސައްކަތް ކުރުމަށް ދެ ފަރާތުގެ ވައުދާއެކުގަ އެވެ.
Comment