ބާޒާރަށް ނެރުނު އައިފޯން 16: މުޅިން އާ ފީޗާސްތަކެއް ވަނީ ހިމަނާފައި
ޒަމާނީ އާ ފީޗާތަކާއެކު އެޕަލްގެ އައިފޯން 16 އަދި އައިފޯން 16 ޕްރޯ ރޭ ލޯންޗުކޮށްފި އެވެ.
އެޕަލްއިން ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން އައިފޯން 16 އަށް ޕްރީ އޯޑާ ކުރެވޭނެ ކަމަށާއި ސެޕްޓެމްބަރު 20، އިން ފެށިގެން އެޕަލްގެ ސްޓޯރުތަކުން އައިފޯން 16 ލިބެން ހުންނާނެ ކަމަށެވެ.
އައިފޯން 16 ގެ އާ ފީޗާސްތަކުގެ ތެރޭގައި ކެމެރާ ކޮންޓްރޯލް ބަޓަން އާއި ސިރީ އެންހޭސްމަންޓްތައް ހިމެނެ އެވެ.
އޭގެއިތުރުން އައިފޯން 16 ދެ ސައިޒެއް ވަނީ ބާޒާރަށް ނެރެފަ އެވެ. އެއީ އައިފޯން 16 ގެ 6.1 އިންޗި ފޯނު އަދި އައިފޯން 16 ޕްލަސް ގެ 6.7 އިންޗި ފޯނެވެ.
އައިފޯން 16 ގައި 17 ޕަސަންޓުގެ އިތުރު ސިސްޓަމް މެމޮރީ ބޭންޑްވިތެއްގެ އިތުރުން 50 ޕަސަންޓު ވަރުގަދަ ގްލާސް ސެރަމިކް ސްކްރީނެއްގެ އިތުރުން ޖީޕީޔޫ ކުރީގެ ފޯނުތަކަށްވުރެ 40 ޕަސަންޓު ހަލުވި އެވެ.
އައިފޯން 16 ޕްރޯގައި މިދިޔަ އަހަރުގެ މޮޑެލްތަކަށްވުރެ ސްކްރީން 0.2 އިންޗި ބޮޑެވެ އެގޮތުން އައިފޯން 16 ޕްރޯގައި 6.3 އިންޗި ހުންނައިރު އައިފޯން 16 ޕްރޯ މެކްސްގައި 6.9 އިންޗި ހުރެ އެވެ.
އައިފޯން 16 ޕްރޯގައި ބެޓަރި ވަރުގަދަވުމުގެ އިތުރުން މުޅިން އާ ކުލަތައް ވެސް ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި ވައިޓް ޓައިޓޭނިއަމް، ޑާކާ ޓައިޓޭނިއަމް، ނެޗުރަލް ޓައިޓޭނިއަމް އަދި ކަލާޑް ޑެޒާޓް ޓައިޓޭނިއަމް އެވެ.
އައިފޯން 16 ގެ އަގުތައް ފެށެނީ 799 ޑޮލަރުން ކަމަށްވާއިރު، އައިފޯން 16 ޕްލަސްގެ އަގުތައް ފެށެނީ 899 ޑޮލަރުންނެވެ. އަދި އައިފޯން 16 ޕްރޯގެ އަގުތައް 999 ޑޮލަރުން ފެށޭއިރު އައިފޯން 16 ޕްރޯމެކްސްގެ އަގުތައް ފެށެނީ 1،199 ޑޮލަރުންނެވެ.
އައިފޯން 12 2020 ގައި ލޯންޗު ކުރުމާ ހަމައިން 5ޖީ ކަނެކްޓިވިޓީއާއެކު އެޕަލްއިން ވަނީ އައިފޯނަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފަ އެވެ. އެގޮތުން ކެމެރާއާއި ހާޑްވެއާއަށް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ.
މިދިޔަ މަހު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އައިފޯން ގެންގުޅޭ 300 މިލިއަން މީހުން ފޯނު މަދުވެގެން ހަތަރު ވަރަކަށް އަހަރު ގެންގުޅޭ ކަމަށެވެ.
އެއާޕޮޑްސް 4 އަދި އެޕަލް ވޮޗް 10 ބާޒާރަށް ނެރުނީ ވެސް މުޅިން އާ ފީޗާސްތަކާ އެކުގަ އެވެ.
Comment