Advertisement

ބަންކަރިން ހިދުމަތަށް ބޭނުންކުރާ ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި، ދެވަނަ ބޯޓު ބުދަ ދުވަހު އަންނާނެ

9 ސެޕްޓެންބަރު 2024 - 13:08 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަންކަރިންގެ ހިދުމަތަށް އެސްޓީއޯއިން ގެނައި މެރިން އޭންޖަލް ބޯޓު ކުޅުދުއްފުށި ބޭރުގައި ބަނދަރުކޮށްފަ --- ފޮޓޯ: ސޯޝަލް މީޑިއާ


ބަންކަރިން ހިދުމަތަށް ބޭނުންކުރާ ފުރަތަމަ ބޯޓު ކުޅުދުއްފުށީގައި ބަނދަރުކޮށްފި، ދެވަނަ ބޯޓު ބުދަ ދުވަހު އަންނާނެ

9 ސެޕްޓެންބަރު 2024 - 13:08 0

އުތުރުގައި ބަންކަރިން ހިދުމަތް ފަށަން އެސްޓީއޯ އިން ގެންނަ ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެ އައިސް ކުޅުދުއްފުށި ސިޓީގައި ބަނދަރުކޮށްފި އެވެ.

ރާއްޖޭގައި ބަންކަރިން ހިދުމަތް ދެނީ އެކަމުގައި އެންމެ މުޅި ދުނިޔޭގައި ވެސް އެންމެ ފުންނާބު އުސް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ވިޓޯލްއިންނެވެ. ރާއްޖޭގައި ބަންކަރިން ހިދުމަތް ފެށުމަށް ގެންނަނީ އެ ކުންފުނިން ސިންގަޕޫރުގައި ބޭނުންކުރި ދެ ތެޔޮ ޓޭންކަރެވެ.

އޭގެތެރެއިން "މެރިން އޭންޖެލް" މިހާރު އޮތީ ކުޅުދުއްފުށީ ބޭރުގަ އެވެ. ދެވަނައަށް އަންނަ "މެރިން ބެލާ" ރާއްޖެއަށް ދަތުރުކުރަމުންދާއިރު އެ ބޯޓު މިހާރު އޮތީ އަވަށްޓެރި ސްރީލަންކާގެ އިރު ދެކުނުގަ އެވެ. ކަނޑުބޯޓުތައް ޓްރެކް ކުރާ "ވެސެލްފައިންޑާ" އަދި "މެރިން ޓްރެފިކް" ފަދަ ސައިޓުތަކުން ދައްކާ ގޮތުގައި ބުދަ ދުވަހުގެ ރޭ އެ ބޯޓުވެސް ކުޅުދުއްފުށީގައި ބަނދަރުކުރާނެ އެވެ.

މި ދެ ބޯޓުގެ ތަފުސީލުތައް މީގެ ކުރިން "އަދަދު" ނޫހުން މީގެކުރިން ވަނީ ގެނެސްދީފަ އެވެ.

ބަންކަރިންގެ ހިދުމަތަށް ގެންނަ ދެ ބޯޓު މިހާރު އޮތް ސަރަހައްދު --- ފޮޓޯ: ވެސަލް ފައިންޑާ


ބަންކަރިންގެ ހިދުމަތް ފަށަން ސަރުކާރުން އެންމެ ފުރަތަމަ މަސައްކަތް ކުރީ ޖުލައި މަހު އެވެ. އޭގެ ފަހުން އޮގަސްޓު 22، ގައި އެ މަސައްކަތް ފެށޭނެ ކަމަށާއި އޮގަސްޓު 21، ގައި އެކަމަށް ބޭނުންވާ ބޯޓުތައް ރާއްޖެ އަންނާނެ ކަމަށްވެސް ސަރުކާރުން ބުންޏެވެ.

ނަމަވެސް، އެ މުއްދަތު ފާއިތުވުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެންމެ ފަހުން ވިދާޅުވީ ބަކްނަރިންގެ މަސައްކަތް ފެށޭނެ ތާރީހަކީ މި މަހު 12، ކަމަށެވެ. އެ ދުވަހަށް މި ދެ ބޯޓު އޮންނާނީ ތައްޔާރީ ހާލަތުގައި ކަމަށް ބެލެވެ އެވެ.

އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމަށްޓަކައި ގިނަ މަސައްކަތްތައް ކުރަމުންދަނީ އެމްޕީއެލްއިންނެވެ. މި ދެ ބޯޓަކީ ވެސް މީގެ ކުރިން އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަމުން އައި ބޯޓުތަކެކެވެ.

އޭގެއިތުރުން އެމްޕީއެލްއިން ވަނީ ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެ ރަށު ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށް، އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ އީއޯއައި ހުށަހެޅުމަށް ހުޅުވާލާފަ އެވެ.