Advertisement

މަރާމާތަށް ބަންދު ކުރިތާ އަހަރުދުވަސް ފަހުން އާސަހަރާ މިސްކިތުގެ ތިރީބައި ހުޅުވައިފި

6 ސެޕްޓެންބަރު 2024 - 17:09 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަރާމާތަށް ފަހު މިއަދު އާސަހަރާ މިސްކިތުގެ ތިރީބައި ހުޅުވިއިރު، އެތަނުގެ ޖާގަ ކުރިއަށްވުރެ މާ ތަނަވަސް ވާނެ ކަމަށް އާޒިމް ވިދާޅުވި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް


މަރާމާތަށް ބަންދު ކުރިތާ އަހަރުދުވަސް ފަހުން އާސަހަރާ މިސްކިތުގެ ތިރީބައި ހުޅުވައިފި

6 ސެޕްޓެންބަރު 2024 - 17:09 0

މަރާމާތު ކުރަން ބަންދު ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އާސަހަރާ މިސްކިތުގެ ތިރީބައި މިއަދު ހުޅުވައިފި އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ އާސަހަރާ މިސްކިތުގެ ތިރީބައި މިއަދު ހުޅުވިއިރު، އެތަނުގެ ޖާގަ ކުރިއަށްވުރެ މާބޮޑަށް ވެސް މިހާރު ތަނަވަސް ވާނެ ކަމަށާއި މިސްކިތުގެ ނަމާދު ކުރާ ބައި އެއްކޮށް ހުންނާނީ އެއާކޮންޑިޝަން ކޮށްފައި ކަމަށެވެ.

"ބޭރަށް އޮތް ބަޔާއި އެތެރެ ބަޔާ އެއްކޮށްލާފައި ހުޅުވީ، އެއާ އެކު މުޅި މިސްކިތް ވެސް އެއާ ކޮންޑިޝަން ކޮށްފައި، ދެން މިހާރު އިމާމު މީހާ ނަމާދު ކުރާ ބައި ވެސް ކުރިއަށްވުރެ ތަނަވަސް ވާނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަހަރާ މިސްކިތުގެ މަތިބައިގެ މަސައްކަތްތައް ނިންމައި މީހުންގެ ކަށުކަމާކެމީގެ ކަންކަން ވެސް ކުރެވޭ ގޮތަށް މިމަހުގެ ފަހުކޮޅު ހުޅުވައިލެވޭނެ ކަމަށެވެ.

ސެޕްޓެމްބަރު ފަހުކޮޅު މުޅިތަން އެއްކޮށް އިރާދަކުރެއްވިއްޔާ ހުޅުވޭނެ، ހުޅުވިގެންދާއިރު އަންހެނުންނަށް ވަކިން ހާއްސަ ފާހާނާއާއި ވުލޫ ކުރާ ބަޔާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ހާއްސަ އިންތިޒާމުތައް އާސަހަރާގައި ހަމަޖެހިފައި ހުންނާނެ،" އާޒިމް ވިދާޅުވި އެވެ.

މަރާމާތުގެ މަސައްކަތަށް އާސަހަރާ މިސްކިތް ބަންދު ކުރީ މިދިޔަ އަހަރުގެ މެއި 27، ގަ އެވެ. ސިޓީ ކައުންސިލުގެ މޭޔަރަކަށް އޭރު ހުންނެވި، މިހާރުގެ ރައީސް މުއިއްޒު އާސަހަރާ މިސްކިތް ބަންދު ކުރީ ދެ މަސްދުވަހަށެވެ. ނަމަވެސް ދެފަހަރެއްގެ މަތިން އާސަހަރާ މިސްކިތުގެ މަސައްކަތް ނިންމާ ތާރީހު ބަދަލުކުރުމަށްފަހު މިދިޔަ ނޮވެމްބަރު 5، ގައި މާލެ ސިޓީ ކައުންސިލުން މަރާމާތު ކޮންޓްރެކްޓު ބާތިލު ކުރި އެވެ.

އޭގެފަހުން އާސަހަރާ މިސްކިތުގެ މަސައްކަތް ހިނގައިގަތީ މިހާރުގެ މޭޔަރު، އާދަމް އާޒިމް މަގާމާ ހަވާލުވެވަޑައިގެން ފަހުންނެވެ. އާޒިމް ވިދާޅުވީ އާސަހަރާ މިސްކިތް މަރާމާތަށް ބަންދު ކުރުމުގެ ސަބަބުން މާލޭގައި މަރުވާ މީހުންގެ ޖަނާޒާތައް ހުޅުމާލޭގައި ބާއްވަން ޖެހުމުން އާންމުންނަށް ބޮޑު ތަކުލީގެއް އުފުލަން ޖެހޭ ކަމަށެވެ. ނަމަވެސް އާސަހަރާ މިސްކިތުގެ މަސައްކަތް ނިންމައި ބޭނުން ކުރަން ފެށުމުން އެ ތަކުލީފުތަކަށް ލުޔެއް ލިބިގެން ދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދުން ފެށިގެން އާސަހަރާ މިސްކިތުގެ ތިރީބައި ހުރިހާ ނަމާދު ވަގުތުތަކެއްގައި ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.