Advertisement

އަންހެނުންނާއި ފިރިހެނުން އަތްޖޯޑުކުރުމުގެ ހުކުމް؛ ތާރީހީ މައްސަލައެއް

6 ސެޕްޓެންބަރު 2024 - 09:23 11

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


އަންހެނުންނާއި ފިރިހެނުން އަތްޖޯޑުކުރުމުގެ ހުކުމް؛ ތާރީހީ މައްސަލައެއް

6 ސެޕްޓެންބަރު 2024 - 09:23 11

އުމުރުން ނުވަ އަހަރުގައި، އަޅުގަނޑު މާލެ އައިސް ހުރި ގެއިން އަޅުގަނޑުގެ އަތްމައްޗަށް އެރީ މިހާރުވެސް ނަން މަޝްހޫރު ދިވެހި ޝައިޚަކު ލިޔުއްވާފައިވާ އިލްމީ މަޤާލާއެކެވެ. މި މަޤާލާއަކީ، މަޝްހޫރު އެހެން ދިވެހި އިލްމުވެރިޔަކު ތަރުޖަމާކުރައްވާފައިވާ، ޑރ ޔޫސުފުލްޤަރަޟާވީގެ އިލްމީ މަޤާލާއަކަށް ރައްދުގައި ލިޔުއްވި ލިޔުމެކެވެ.

ޑރ ޔޫސުފުލްޤަރަޟާވީގެ ލިޔުއްވުމުގައި ބަޔާންކުރައްވާފައި އޮންނަ ގޮތުން ފިތުނައިން ސަލާމަތްވާނަމަ، އަދި ކޮންމެހެން ނުކޮށް ނުވެއްޖެނަމަ، ހިލޭ އަންހެނުންނާއި ފިރިހެނުން އަތާއިއަތްޖޯޑުކޮށް ސަލާންކުރުމަކީ ހުއްދަ ކަމެއް ކަމަށް ބަޔާންކުރައްވާފައިވެ އެވެ. ނަމަވެސް އެކަމުގައި ނުބަޔަކަށް މަގުފަހިވުމެއް އޮތްނަމަ، އެކަމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށް އިލްމުވެރިންގެ އިއްތިފާގު ވެސް އެލިޔުމުގައި ބަޔާންކުރައްވާފައިވެ އެވެ. އަދި ޑރ ޤަރަޟާވީ އެ މައުލޫގައި ދައްކަވާފައިވާ އެހެން ވާހަކަފުޅުތަކަށް ބަލާއިރުވެސް، އެކަމަކީ ކޮންމެހެން އެކަން ނުކޮށްގެން ހިތާމަފާޅުކުރަންޖެހޭ ބާވަތުގެ ކަމެއް ކަމަށް ޑރ ޤަރަޟާވީ ދެކެވަޑައެއް ނުގަންނަވައެވެ. އެބޭފުޅާ ދެކެވަޑައިގެންނެވީ އެކަން ކޮންމެހެން ކުރަންޖެހިއްޖެ ހާލަތެއްގެ ވާހަކަފުޅެވެ. އޭގެ މިސާލަކަށް ވިދާޅުވަނީ އާންމު ތަނެއްގައި މީހަކު ސަލާންކުރަން އަތްދިއްކުރުމުން މެދުވެރިވާ ހާލަތެވެ. ނަމަވެސް އެކަން ދިރުވާ އާލާކުރަންޖެހޭ ކަމެއް ގޮތަކަށް ޤަރަޟާވީ ދެކެވަޑައެއް ނުގަންނަވައެވެ.

ދެންނެވުނު ފަދައިން އެލިޔުން ތަރުޖަމާކުރި ދިވެހި އިލްމުވެރިޔާ އާއި އެލިޔުމާ ދެކޮޅަށް ލިޔުމެއް ލިޔުއްވި ދިވެހި އިލްމުވެރިޔާއާ ދެމެދު ހިނގާދިޔަ ކަންތަކަކީ އޭރުގެ ސަރުކާރުގެ ވެސް އެކަމުގައި ރައުޔެއް އޮތް މައްސަލައަކަށް ވާތީ، ހަރާން ކަމަށް ވިދާޅުވި އިލްމުވެރިޔާއަށް ޖެހިވަޑައިގަތީ މިހާރު އެކަން ހުއްދަކަމަށް ވިދާޅުވާނެ އިލްމުވެރިޔަކަށް މިއަދުގައި ޖެހޭނެ ހާލެވެ. އޭރު އޮތީ ރައީސް މައުމޫންގެ ވެރިކަމެވެ. އެ ދެ ބޭފުޅުންވެސް އަދި ދުނިޔޭގައި އެބަތިއްބެވި އެވެ. މިހާރު ސުވާލުކުރީމާ މިހާރު ދެކެވަޑައިގަންނަވާ ގޮތް ދެބޭފުޅުންގެ ވެސް ބަދަލުވެފައި އޮތުމަކީ ވެސް ވެދާނެ ކަމެކެވެ. އެނގޭނީ ސުވާލުކުރީމާތާ އެވެ. ފިޤުހީ މައްސަލަތަކުގައި ބޮޑެތި އިމާމްވެރި ބޭކަލުން ވެސް އެއް ކަމެއްގައި ރައުޔުފުޅު ބަދަލުވެފައިވުމަކީ ނާދިރުކަމެއް ނޫނެވެ.

މިދެންނެވުނު ހާދިސާގެ ބަރާބަރު 27 އަހަރު ފަހުން އަނެއްކާ ވެސް ހަމަ މި މައްސަލައާ ގުޅޭ ގޮތުން، ކުރީގެ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން މި މައުލޫގައި އެއްޗެއް ދަންނަވާއިރު އަޅުގަނޑު ބަހުސްކުރަން މިއުޅެނީ ފަހަރެއްގައިވެސް އެކަމުގެ ހުކުމް އޮތް ގޮތާ މެދަކަށް ނޫނެވެ. ސަބަބަކީ ހިލޭ އަންހެނުންނާއި ފިރިހެނުން އަތާއިއަތްޖޯޑުކޮށް ސަލާންކުރުމުގެ ހުކުމާމެދު ރާއްޖޭގެ ފުންނާބު އުސް އިލްމުވެރިންގެ ގޮތުގައި އަޅުގަނޑު ބަލާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން އާއި އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ އާއި އަދި ފަޟީލަތުއްޝައިޚް ހުސައިން ރަޝީދު އަހްމަދު ފަދަ ބޭބޭފުޅުން މީގެ ކުރިންވެސް ފަތުވާދެއްވާފައި އޮތުމާއި އެބޭފުޅުންނާއި އެއް ސަފެއްގައި އަޅުގަނޑަށް ފަތިގަނޑުވެސް ފިރުކައިނުލެވޭނެތީ އެވެ.

މިހާރު ވެސް މިރާއްޖޭގައި ކޮންމެ ހުކުރު ދުވަހަކު ހުކުރު ނަމާދުގައި އަޑުއިވޭ ހުތުބާތަކުގެ ތެރެއިން ވަރަށް ގިނަ ހުތުބާއަކީ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާ އެބޭފުޅާ ދީނަށް ކުރައްވާ ހިދުމަތުގެ ތެރެއިން ކުޑަ މިންވަރެކެވެ. ދިވެހިބަހުން އަމިއްލަފުޅަށް އެކުލަވާލި ފޮތްތަކާއި، ތަރުޖަމާކުރެއްވި ފޮތްތައް އަދަދުން ބަލައިފިނަމަ، މިހާރު މިޒަމާނުގައި އެފަދަ އެހެން މީހަކު މިދިވެހިރާއްޖޭގައި ނެތެވެ. ބައްލަވާށެވެ. ފިޤުހުގެ އެތައް ފޮތެކެވެ. ޒަމާނީ ފިޤުހުގެ މައްސަލަތަކާބެހޭ ވެސް އެތައް ފޮތެކެވެ. ދާދި އިހަކަށް ދުވަހަކު އިސްލާމިކް މިނިސްޓްރީން ފެއްޓެވި ދީނީ ފޮތް ތަރުޖަމާކުރުމުގެ މަޝްރޫއުގައި ވެސް އެބޭފުޅާ އެ އުޅުއްވަނީ އެހެން އިލްމުވެރިންނަށްވުރެ ކުރީގަ އެވެ. ދެ ފޮތް ތަރުޖަމާކުރައްވާފައި ހަވާލުކުރައްވާފައި ވަނީ އަގެއް ނުނަންގަވާ ގޮތަށް ކަމަށް އެމިނިސްޓްރީގެ މިނިސްޓަރު ލިޔުއްވާފައިވާ ޕޯސްޓް އަޅުގަނޑު ދުށީމެވެ. އަނގަބަހުން ދަރުސް ދެއްވުމުގައި މިއަދުގެ ދައުވަތުގެ މައިދާނުގައި އެ އުޅުއްވާ ހީވާގި ބޭފުޅުން އެބޭފުޅުންގެ އެ މަސައްކަތް އަދި ވިއްސަކަށް އަހަރު ކުރައްވައިގެން މެނުވީ، އިބްރާހީމް ރަޝީދު މޫސާގެ އަޑުފުޅުން ރޭޑިއޯ ޓީވީ މެދުވެރިކޮށް ކުރެއްވި ދީނީ ހިދުމަތާ ވެސް ގާތެއް ނުކުރެވޭނެ އެވެ. އަތާއިއަތްޖޯޑުކޮށް ހިލޭ އަންހެނުންނާއި ފިރިހެނުން ސަލާންކުރުން ހުއްދަކަމުގައި އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ދެކެވަޑައިގެންނެވިއެވެ. ޚުދު އަޅުގަނޑު ހުރި ތަނެއްގައިވެސް އެގޮތަށް ވިދާޅުވިއެވެ.

ހަމަ މިމޭރުމުން، ފަޟީލައްތުއްޝައިޚް ހުސައިން ރަޝީދު އަޙްމަދުގެ ދީނީ ހިދުމަތަށް ބަލާއިރުވެސް ފާހަގަވަނީ ޝުކުރު ހައްގު މަންޒަރުތަކެކެވެ. ދީނީ ފޮތް ލިޔުއްވުމާއި ތަރުޖަމާކުރެއްވުމުގައި ދީނަށް ނުހަނު ބޮޑު އަދި މި ގައުމުގެ ދީނީ ހިދުމަތަށް ނުހަނު މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ވަޑައިގަންނަވާ ބޭފުޅެކެވެ. އެބޭފުޅާގެ ސިޔާސީ ގިނަ ވިސްނުންތަކާ ހިޔާލު ތަފާތުވާ މީހަކު ހުރެދާނެ އެވެ. އެކަމަކު ދީނީ ގޮތުން މިހާރުވެސް ކުރައްވަމުން ގެންދަވާ، މިސާލަކަށް ނަމަ، ޞަޙީޙް މުސްލިމްގެ ޝަރަޙަ ދިވެހި ބަހަށް ގެނައުމުގެ މަސައްކަތަކީ ކިހާވަރެއްގެ މަސައްކަތެއްކަން އަދި އެކަން ޝައިޚް ކުރައްވަމުން ގެންދަވާ ދުވެއްޔާމެދު އަޅުގަނޑު ހައިރާންވެ އެވެ. އަގުކުރަން ދަތި، އަދި ކަވި ހިދުމަތުގެ ގޮތުން ބޮޑު މަޝްރޫއުކެވެ. ހިލޭ އަންހެނުންނާއި ފިރިހެނުން އަތާއަތްޖޯޑުކޮށް ސަލާންކުރުމަކީ އެއްވެސް ހާލެއްގައި ހުއްދަވެގެން ނުވާނެ ހަރާން ކަމެއްކަމާއި އެކަމުގައި ހިލާފެއް ވެސް ނެތްކަމަށް ޝައިޚް ހުސައިން ރަޝީދު އަހުމަދު ދެކެވަޑައިގަތެވެ. ޚުދު އަޅުގަނޑު ހުރި ތަނެއްގައިވެސް އެގޮތަށް ވިދާޅުވި އެވެ.

ވަރަށް ގިނަ ދީނީ ކުލައިގެ ބޭފުޅުން ރައީސް މައުމޫނަކީ ދީނީ އިލްމުވެރިއެއްގެ ގޮތުގައި ބަލައިނުގަތް ނަމަވެސް، ހަގީގަތަކީ ރައީސް މައުމޫނަކީ ދީނީ އިލްމުވެރިއެކެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށްވީތީ، އެހެން އެއްވެސް އިލްމުވެރިޔަކަށް އެކަންކަމާމެދު މައުލޫމާތު ލިބިވަޑައިގެންފައި ނެތް ދުނިޔަވީ ކަންކަން މާގިނައިންވެސް ފެނިވަޑައިގެން، އެކަންކަމާ ކުރިމަތިލައްވަންޖެހި ވަޑައިގަތް ބޭފުޅެކެވެ. ވެރިމީހާ ކަމަށްވާތީ، ވަކި ކަމެއްގައި ދީނީ ގޮތުން ދެކޭގޮތް ބަޔާންކުރައްވާފައި އޭގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ފިއްލަވައި ގޭގައި އޮވެވަޑައިގަތުމުގެ އުޒުރު އޮތް ބޭފުޅެއް ނޫނެވެ. ގޮތް ނިންމަވަން ޖެހިވަޑައިގަންނަވަ އެވެ. ނަތީޖާއާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވައެވެ. ފެނިވަޑައިގަންނަވަމުންދަނީ ވެރިއެއްގެ ހައިސިއްޔަތުން އެހެން މަންޒަރުތަކެކެވެ.

މުސްތަގިއްލު ދައުލަތެއް ކަމަށް ކިޔައިގެން އުޅުނަސް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އަޅުވެތިކަމުގައި އޮތް ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވަމުން ގެންދެވިއިރު، އޭރުގެ އާންމު ހޭލުންތެރިކަން ހުރި މިންވަރަކީ މިހާރާ ތަފާތު ގޮތަކަށް މިހާރާ ތަފާތު ހާލަތެއްގައި އޮތް ކަމެކެވެ. ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން އިސްލާމީ އެހެންނަމަވެސް ޣައިރު ދީނުގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި އުރަތްޕެއް ނެތް ފަގީރު ގައުމެއްގެ ވެރިއެއްގެ ގޮތުގައި ސިޔާސީ އެތައް ކަމަކާ ގުޅުންހުރި ދީނީ ހުކުމްތައް އެމައްޗަށް ހުއްޓިފައި ހުރި މައްސަލަތަކުގައި ފާޅުގައި ބަސްފުޅުވިދާޅުވުމުގައި ހުރި ގޮންޖެހުންތައް އެނގިވަޑައިގަންނަވާނީ، ދީނީ އިލްމުވެރިއަކު އަލުން ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންފިނަމަ އެދުވަހަކުން އެބޭފުޅަކަށްތާ އެވެ. ހަމަ ގައިމު ވަޒީރުކަމާއި މެންބަރުކަން ލިބިވަޑައިގަންނަވާ ދީނީ އިލްމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ކުރިން ވިދާޅުވި އެތައް ބަސްފުޅެއް ފަހުން ބަދަލުވެގެންދާތަން އަހަރެމެންގެ ކުރިމަތިން މިފަހުން ފެނިދިޔައީ "ދީނީ ގޮތުން ބެއްޔަސް ރައީސް މައުމޫން މާބޮޑަށްވެސް ރަނގަޅުކަން" ސާބިތުކޮށްދެމުންނެވެ.

އަޅެ އެހެން ނުވޭތޯއެވެ. ރައީސް މައުމޫންގެ ދައުރުގައި ދީނީ އިލްމަށް ނިސްބަތްވި އެތައް ބަޔަކު، ގައުމީ ދިދައަށް އިހުތިރާމެއް ކޮށްލުމަކީ ޠާޣޫތަށް އަޅުކަންކުރުމުގެ ގޮތުގައި ސިފަކުރި އެވެ. އަދި އެ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނުން ހުއްދަ ނޫންކަމުގައި ވަކާލާތުކުރެއްވި އެތައް ބޭފުޅުންނެއް މިހާރު އެމަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ގޮތުގައި އެބަތިއްބެވި އެވެ.

ބައެއް ބާވަތުގެ ކަންކަމުގައި ދީނީ ފަތުވާ ދިނުމުގައި ރައީސް މައުމޫން ގެންގުޅުއްވި "މަސްލަހަތާއި އެއްބައިވަންތަކަމަށް ބެއްލެވުމުގެ އުސޫލު" އެއީ ރަތްލާޖެހި ކުފުރުކަމުގައި ދީނީ އިލްމަށް ނިސްބަތްވެވަޑައިގަންނަވާ އެތައް ބޭކަލުންނެއް އޭރު ފަތުވާދެއްވައި އެގޮތަށް ވަކާލާތުކުރެއްވި އެވެ. އެކަމަކު މިހާރު އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައި އޮތް މައްސަލަ އެމަޖިލީހުގައި ހުއްޓިފައި އެޔޮތީ "މަސްލަހަތު" ނޫން ކޮން އެއްޗެއްގެ ފައި ދަށުވެފައިތޯ އެވެ؟

ފަލަސްތީނު މައްސަލަ ފަދަ ކިތަންމެ ރަނގަޅު ޤަޟިއްޔާއެއްގައި ވިޔަސް، އެމްބަސީތަކާއި އެމްބަސަޑަރުންގެ ގެތައް ކައިރީ އެއްވެ އެވާހަކަތައް ދެއްކުން ހާރިޖީ ގުޅުމަށް އަސަރުކުރާތީ، އެއީ މަސްލަހަތު ހުރިގޮތް ނޫންކަމަށް މިއަދު ޓްވީޓްކުރައްވާ އެތައް ބޭފުޅުންނެއް އެބާވަތުގެ އެތައް ކަމެއްގައި ރައީސް މައުމޫންގެ ދައުރުގައި ފަތުވާ ދެއްވި ގޮތް އަޅުގަނޑު ހަނދާނުގައި އެބަހުއްޓެވެ. ރައީސް މައުމޫނުގެ ދުވަސްވަރު ގައުމިއްޔަތު ކުރިއަރުވައި، ގައުމިއްޔަތުގެ ވާހަކަ ދެއްކުން އިސްލާމްދީނާ އެއްގޮތަކަށް ނުބައްދަލުކަމަށް ވަކާލާތުކުރެއްވި ބައިވަރު އިލްމުވެރިން މިއަދު ޕްރިއޮރަޓައިޒްކުރައްވާ މައުލޫއަކަށް އެމައުލޫ ނުވަނީ ކާކު ކާކާ ކޮން ގުޅުމެއް ކިހިނެއް އޮތީމާކަން ނޭނގެނީ ކާކަށްތޯ އެވެ؟

ތާރީހަށް ތެދުވެރިވުމުގެ ގޮތުން ދަންނަވާނަމެވެ. ރައީސް މައުމޫނުގެ ދައުރުގައި ވެސް މައުމޫން ދެކެވަޑައިގަންނަވާ ގޮތާ ހިލާފު ދީނީ ރައުޔެއް ފާޅުކުރެއްވި ކޮންމެ އިލްމުވެރިއަކަށްމެ ދިމާވެފައި އޮތީ މާ ރަނގަޅު ނަތީޖާތަކެއް ނޫނެވެ. ކުރައްވަންޖެހިވަޑައިގެންފައި އޮތީ މާއެދެވޭ ދަތުރުތަކެއް ނޫނެވެ. ރައީސް މައުމޫން ދެކެވަޑައިގަންނަވާ ގޮތާ ހިލާފަށް ރައުޔެއް ފާޅުކުރުމުގެ ފުރުސަތެއް އޭރު އޮތްކަމަކަށް ހަމައިގައިމު ތާރީހުން ބުނެއެއް ނުދެއެވެ. އެއީ އޭރު ހިނގާފައި ހުރި ކަންކަމާއި އޭރުގެ އިލްމުވެރިންނަށް ދިމާވެފައި ހުރި ކަންކަމުގެ ހަގީގަތްތަކުން ހާމަޔަށް ފެންނާން އޮތް ތާރީހުގެ ސާފު ކުލަ މަންޒަރުތަކެވެ. އެވާހަކަވެސް އަޅުގަނޑު ދަންނަވާލީ އެވެ.

އޭރުވެސް މައްސަލައަކީ ތަފާތު ރައުޔަށް ފުރުސަތު ނެތުމުގެ މައްސަލައެވެ. މިހާރުވެސް އެކަން އޮތީ އެހެންނެވެ. ބަދަލުވީ ނުފޫޒުވެރި ފަރާތެވެ. މަޒުހަބެވެ. ދީނީގޮތުން މިހާރުވެސް މިހާރުގެ ނުފޫޒު އޮތް ފަރާތްތަކުން ބުނާ ބަހާ ތަފާތު ރައުޔެއް ހާމަކުރާ މީހާ އެއީ އިލްމުވެރިއަކަށް ވެސް ނުވަނީއެވެ. ރަތްލާޖެހި ލާދީނީ މީހެއްގެ ލަގަބުވެސް އެމީހަކަށް ލިބެނީ އެވެ.

މި ލިޔުން ނިންމާލުމުގެ ކުރިން އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ތައާރަފުކޮށް މި އަރުވަނީ މިމައްސަލައިގެ ހައްލުގެ ގޮތުގައި ފޮތެކެވެ. ދީނީ އިލްމަށް ލޯބިކުރާ މީހުން އެއްފަހަރަށްވުރެ ގިނަ ފަހަރަށް ކިޔަން ޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރާ ފޮތެކެވެ. އަރަބި ބަހުން އޮތް ފޮތް ދިވެހި ބަހަށް ތަރުޖަމާކުރައްވާފައިވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޒު ހުސައިން އަބްދުއްރަހްމާނެވެ. އެފޮތުގެ މައުލޫއަކީ، "މުސްލިމުންގެ މެދުގައި ހިލާފު އުފެދުން ހުއްދަވެގެން ނުވާނެ ކަންކަން" މިއެވެ. އަލްއުސްތާޒު ހުސައިން އަބްދުއްރަހްމާންގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަހުމަތާއި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި އެވެ!