Advertisement

އިންޑިއާގެ ހެލިކޮޕްޓަރުތަކުގައި އަނެއްކާ ވެސް ބަލިމީހުން އުފުލަން ފަށައިފި

4 ސެޕްޓެންބަރު 2024 - 15:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާއިން ހަދިޔާ ކުރި ހެލިކޮޕްޓަރެއް: މި ސަރުކާރުން މިހާރު ވަނީ އިންޑިއާގެ ހެލިކޮޕްޓަރުތަކުގައިވެސް ބަލިމީހުން އުފުލަން ފަށާފަ --- ފޮޓޯ: އަދަދު


އިންޑިއާގެ ހެލިކޮޕްޓަރުތަކުގައި އަނެއްކާ ވެސް ބަލިމީހުން އުފުލަން ފަށައިފި

4 ސެޕްޓެންބަރު 2024 - 15:13 0

ރާއްޖޭގައި އޮޕަރޭޓު ކުރާ އިންޑިއާ އަސްކަރިއްޔާގެ ދެ ހެލިކޮޕްޓަރުގައި ބަލިމީހުން އުފުލުން ހުއްޓާލާފައި އޮތުމަށްފަހު، އެ އުޅަނދުތަކުގައި އަލުން ބަލި މީހުން އުފުލަން ފަށައިފި އެވެ.

"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ ހެލިކޮޕްޓަރުގެ ތެރެއިން ލ. ކައްދޫގައި އޮންނަ ހެލިކޮޕްޓަރުގެ އިއްޔެ ވަނީ ބަލިމީހަކު އުފުލާފަ އެވެ. އެގޮތުން ކައްދޫއިން ގއ. ކޫއްޑޫއަށް ދިޔުމަށްފަހު ބަލިމީހަކު ގޮވައިގެން އިންޑިއާގެ ހެލިކޮޕްޓަރު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކޮށްފަ އެވެ.

ވީއައިއޭ އަށް ހެލިކޮޕްޓަރު ޖެއްސިކަން މަންޒަރުދުށް ފަރާތްތަކުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

އިންޑިއާގެ ދެ ހެލިކޮޕްޓަރުގެ އިތުރުން އެ ގައުމުން ހަދިޔާކޮށްފައި އޮންނަ ޑޯނިއާއިން ދެމުންދިޔަ ހިދުމަތްތައް ހުއްޓާލީ މި ވެރިކަމުގެ ކުރީކޮޅު އެވެ. އޭރު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ރާއްޖެއިން އިންޑިއާގެ އަސްކަރިއްޔާ ފޮނުވާލުމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް މަސައްކަތް ކުރަމުންނެވެ.

ދެތިން މަހަށް ދިގުދެމިގެންދިޔަ މަޝްވަރާތަކަކަށްފަހު ނިމުނީ، ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުތައް ދުއްވަން އަސްކަރީ ޔުނިފޯމުގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި، އިންޑިއާ އަސްކަރިއްޔާގެ ކޮންޓްރޯލް އޮންނަ ހިންދުސްތާން އޭރޮނެޓިކްސް ކުންފުނީގެ މުވައްޒަފުން ގެނައުމަށެވެ.

މިފަހަރު ގެނައި މަދަނީން ވެސް އަމަލުކުރާނީ އިންޑިއާގެ ސިފައިންވެސް އަމަލުކުރި އެއްބަސްވުމަށް ކަމަށާއި އެ މީހުންގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެ ގައުމުގެ ސަރުކާރުން ކަމަށް ޑިފެންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.

މި މަސައްކަތުގެ ތެރެއިން ބަލިމީހުން އުފުލުމާއި ސަވައިލެންސް އަދި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަަކުގައި އެ އުޅަނދުތައް ބޭނުންކުރުން ހުއްޓާލާފައި އޮތުމަށްފަހު ޑޯނިއާ އަލުން ބޭނުންކުރަން ފެށީ މިނިވަންދުވަހު އެވެ. އެކަން ޖުލައި 26، ގެ ރަސްމީ ޖަލްސާގައި ރައީސް ފާހަގަކުރެއްވި އެވެ.

އިންޑިއާގެ އުޅަނދުތައް އުދުއްސުން ހުއްޓާލުމަށްފަހު މި ސަރުކާރުން ވަނީ އެ ތަކެތިން ދެމުންދިޔަ ހިދުމަތްތައް އަމިއްލައަށް ދިނުމަށް ބޮޑެތި ހަރަދުތަކެއް ކޮށްފަ އެވެ. އެގޮތުން ސަވައިލެންސްގެ ބޭނުމަށް 37 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތުރުކީން ވަނީ އަސްކަރީ ޑްރޯންތަކެއް ވެސް ގަނެފަ އެވެ. އަދި، ބަލިމީހުން އުފުލުމަށް މޯލްޑިވިއަންގެ ޑޭޝް-8 ގެ ބޯޓަކާއި ސީޕްލޭނެއްގެ ކުލަ ބަދަލުކޮށް އެއާއެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރި އެވެ.

އޭރު ބެލެވުނީ މި މަސައްކަތްތަކާއެކު އިންޑިއާގެ އުޅަނދުތަކުގެ ބޭނުމެއް ދެން ނުޖެހޭނެ ކަމަށެވެ. ޕީއެންސީއަށް ނިސަބަތްވާ މަޖިލިސް މެންބަރުން ވެސް އޭރު އެ ގޮތަށް ވާހަކަ ދެއްކެވި އެވެ. ނަމަވެސް ޑޯނިއާގެ ހިދުމަތް ފެށިތާ މަހެއް ފަހުން ހެލިކޮޕްޓަރުތައް ބޭނުންކުރާ ފަށާފައިވާއިރު އެއާއެމްބިއުލާންސްގެ ގޮތުގައި ބަދަލުކުރި ސީޕްލޭން މިހާރު ވަނީ އަލުން ކުލަ ބަދަލުކޮށްފަ އެވެ. އެ ބޯޓުގައި މިހާރު އުފުލަނީ ފަތުރުވެރިންނެވެ.

ހެލިކޮޕްޓަރު އަލުން ބޭނުންކުރަން ފަށާފައިވާއިރު، މީގެ ކުރިން ދިމާވި ސިއްހީ ކުއްލި ހާލަތްތަކާއި ގެއްލުނު ބައެއް މީހުން ހޯދުމުގައި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުން ނުކުރާތީ، އާންމުންގެ ފާޑުކިޔުން ވެސް ސަރުކާރަށް އަމާޒުވި އެވެ.

އިންޑިއާގެ އުޅަނދުތައް އަލުން ބޭނުންކުރަން ފަށާފައިވާއިރު، މި ސަރުކާރުގެ ކުރީކޮޅު އަދި ޕީއެންސީން އިދިކޮޅުގައި އޮތް އިރު އިންޑިއާއާ ދެކޮޅަށް ހިންގި އަމަލުތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ނަމަވެސް އޭގެ ފަހުން ދިވެހި ސަރުކާރާއި ރައީސް މުއިއްޒު ވަނީ ދޫދެއްވައި އިންޑިއާއާއެކު ގުޅުން ބަދަހިކުރަން މަސައްކަތް ފަށްޓަވާފަ އެވެ.

އެގޮތުން އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތަށް ރައީސް ވަޑައިގެންނެވި އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވެސް މި ފަހުން ވަނީ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފަ އެވެ.

ގުޅުން ބަދަހިވެ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ކާރިސާއިން އަރައިގަތުމަށް ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކީ 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ގާއިމުކުރުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އޮގަސްޓު 29، ގައި ބުނެފައިވެ އެވެ.