14 މޭ 2024 - 09:11 4
ހަސަން މުހައްމަދު
14 މޭ 2024 - 09:11 4
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދަކީ އިންޑިއާގެ މިލިޓަރީ ދިވެހި ފަސްގަނޑުން ބޭރުކޮށް، ދިވެހި "މިނިވަންކަމާއި އިސްތިގުލާލު" އިއާދަ ކުރުމެވެ.
އެކަމަކު، ވެރިކަން ލިބި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެވަޑައިގަނެވުމުން ރައީސް މުއިއްޒު ނިންމެވީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދަކީ އިންޑިއާގެ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބެހެއްޓުމަށްފަހު، ސިފައިންގެ ޔުނީފޯމް އެޅި މީހުން ފޮނުވާލުން ކަމަށެވެ.
އިންޑިއާގެ މިލިޓަރީ އުޅަނދުތައް އޮޕަރޭޓު ކުރަން އުޅުނު އެ ގައުމުގެ ސިފައިން ފޮނުވާލުމުން ވެސް އެ ތަކެއްޗާ ދިވެހިންނަކަށް ހަވާލެއް ނުވެވުނެވެ. އަނެއްކާ ވެސް ދިވެހި ސަރުކާރުން ނިންމީ ދެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން އިންޑިއާގެ "މަދަނީން" ގެނައުމަށެވެ.
އިންޑިއާގެ އަސްކަރިއްޔާ ފޮނުވާލުމުގެ ވައުދު ފުދިއްޖެ ކަމަށް ބުނެ ސަރުކާރުގެ އިސް ވެރިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވަނީ، އިންޑިއާގެ މަދަނީން ގެނައުމަށްވި އެއްބަސްވުމުގެ ތަފުސީލު ދެއްވަން ދެކޮޅު ހަދައިފަ އެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވިހާ ވެސް ވާހަކައަކީ އިންޑިއާގެ މިލިޓަރީ އުޅަނދުތައް ދުއްވަން ގެނައި އެ ގައުމުގެ މަދަނީންގެ ތެރޭގައި ހެލިކޮޕްޓަރު ހެދި ހިންދުސްތާން އޭރޮނެޓިކްސް ލިމިޓެޑުގެ މުވައްޒަފުން އައި ކަމަށެވެ. އަދި މިލިޓަރީ އުޅަނދުތައް އޮޕަރޭޓު ކުރަން އިންޑިއާއިން ފޮނުވީ މަދަނީ މީހުން ކަން ކަށަވަރުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިވަގުތަށް އަޅުގަނޑުމެންނަށް އެއްބަސްވެވުނީ އެ ޕްލެޓްފޯމްތައް ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ދެން ބޭނުން ކުރާނީ މަދަނީ މީހުން ބޭނުންކޮށްގެންކަން. މީގައި އެންމެ މުހިންމު ކަމަކަށް ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ އެ ޕްލެޓްފޯމްތަކުގެ ތެރޭގައި ހިމެނޭ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ހިމެނޭކަން،" ޣައްސާން ވިދާޅުވި އެވެ. "އަޅުގަނޑުމެން އެމީހުންގެ ޕާސްޕޯޓުތަކާއި އެމީހުންގެ ވަނަވަރުތައް ބަލާފައި، އަޅުގަނޑުމެންނަށް އެއީ ސިވިލިއަނުންކަން މިއަދު ދިވެހި ރައްޔިތުންނަށް ދެންނެވޭނެ."
އެހެންކަމުން ހިންދުސްތާން އޭރޮނެޓިކްސް ލިމިޓެޑުގެ މަސައްކަތް ކުރާ ގޮތާއި އެ ކުންފުންޏަށް ނުފޫޒޯ ފޯރުވާ ފަރާތްތަކާއި ކުންފުނީގެ ފަސްމަންޒަރު ބަލައިލުން މުހިންމު ކަމަށް ފެނެ އެވެ. ހިންދުސްތާން އޭރޮނެޓިކްސް ލިމިޓެޑުގެ ގަވާއިދުތަކަކީ ކޮބައި ހެއްޔެވެ؟ އެ ކުންފުނީގެ ހިއްސާ އޮންނަނީ ކޮން ބައެއްގެ ހެއްޔެވެ؟ ކުންފުނި ހިންގުމުގެ މައިގަނޑު ޒިންމާ އަދާ ކުރަނީ ކޮން ބައެއް ހެއްޔެވެ؟ އެ ކުންފުނިން ހަދާފައި ހުރި ޑީލުތަކަކީ ކޮބައި ހެއްޔެވެ؟
ހިންދުސްތާން އޭރޮނެޓިކްސް އުފަންވީ މީގެ 84 އަހަރު ކުރިން ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑުގެ ނަމުގައި 1940 ވަނަ އަހަރެވެ. އިންޑިއާގައި މަތިންދާބޯޓު އުފެއްދުމުގެ މަގްސަދުގައި ކުންފުނި އުދެއްދީ ޝްރީ ވަލްޗާންދް ހިރަޗާންދެވެ. އޭނާއަކީ މައިސޫރުގެ ސަރުކާރާ ގުޅުން އޮތް މީހެކެވެ.
ކުންފުނި އުފެއްދިތާ އެންމެ އަހަރެއްގެ ތެރޭގައި އެ ކުންފުނީގެ ހިއްސާދާރަކަށް އިންޑިއާގެ ސަރުކާރުން ވި އެވެ. އޭގެ އެއް އަހަރު ފަހުން 1942 ގައި ކުންފުނީގެ ހިންގުމާ ސަރުކާރުން ހަވާލުވި އެވެ. އަދި އޭގެ ނުވަ އަހަރު ފަހުން އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އިދާރީ ކޮންޓްރޯލުގެ ދަށަށް އެ ކުންފުނި ގެނަ އެވެ.
ކުންފުނީގެ ފުރަތަމަ ދުވަސްވަރު އެމެރިކާގެ އިންޓާކޮންޓިނެންޓަލް އެއާކްރާފްޓް ކޮމްޕެނީއާ ގުޅިގެން ތިން މަރުކާއެއްގެ މަތިންދާބޯޓު އުފައްދަން ފެށި އެވެ. އެއީ ކާޓިސް ހޯކް ފައިޓާ އާއި ހާލޯ ޓްރެއިނާ އަދި ވަލްޓީ ބޮމްބާ އެއާކްރާފްޓެވެ.
އެހެން ގައުމުތަކުގެ ކުންފުނިތަކުގެ ލައިސަންސް ހޯދައިގެން މަތިންދާބޯޓު އިންޖީނު އުފެއްދުމުގެ މަސައްކަތް ވެސް ހިންދުސްތާން އޭރޮނެޓިކްސް އިން ކުރި އެވެ. އެ ކުންފުނިން ޑިޒައިންކޮށްގެން ބޯޓެއް އެންމެ ފުރަތަމަ ހެދީ 1951 ވަނަ އަހަރެވެ. އެއީ އެޗްޓީ-2 މަރުކާގެ ބޯޓެކެވެ. އޭގެ 150 އަށް ވުރެ ގިނަ ބޯޓު އުފައްދައި އިންޑިއާގެ ސިފައިން އަދި ބައެއް އެހެން ކަސްޓަމަރުންނާ ކުންފުނިން ހަވާލު ކުރި އެވެ.
މަތިންދާބޯޓު އުފެއްދުމަށް އޯގަސްޓު، 1963، ގައި އޭރޮނެޓިކްސް އިންޑިއާ ލިމިޓެޑުގެ ނަމުގައި އިންޑިއާ ސަރުކާރުން ވަކި ކުންފުންޏެއް އުފެއްދި އެވެ. އޭގެ ފަހުން އޮކްޓޯބަރު، 1964، ގައި އެ ދެ ކުންފުނި ސަރުކާރުން އެއްކޮށްލި އެވެ. ހިންދުސްތާން އެއާކްރާފްޓް ލިމިޓެޑުގެ ނަން ހިންދުސްތާން އޭރޮނެޓިކްސް ލިމިޓެޑަށް ބަދަލު ކުރީ އެހާ ހިސާބުންނެވެ.
އޭގެ ފަހުން ހިންދުސްތާން އޭރޮނެޓިކްސް އިން ބޮޑަށް ހާއްސަވީ ހެލިކޮޕްޓަރު އުފެއްދުމަށެވެ. އެކަމަކު ފަހުން ވެސް މަތިންދާބޯޓު މަރާމާތު ކުރުމާއި ބޯޓުފަހަރުގެ އިންޖީނު އުފެއްދުމާއި ބޯޓުފަހަރަށް ބޭނުންވާ އިކުއިޕްމަންޓްސް އުފައްދަމުންދިޔަ އެވެ.
ކުންފުނީގެ ހިއްސާ މާކެޓުގައި ވިއްކަން ފެށީ މާޗް، 2018، ވަނަ އަހަރެވެ. މީގެ ދެ އަހަރު ކުރިއާ ހަމައަށް އިންޑިއާ ސަރުކާރުން ހިންދުސްތާން އޭރޮނެޓިކްސްގެ 75.15 ޕަސެންޓު ހިއްސާ ކޮންޓްރޯލް ކުރެ އެވެ. ޕްރައިވެޓް ހިއްސާދާރުންގެ އަތުގައި އޮތީ 24.8 ޕަސެންޓެވެ.
ކުރިން ވެސް ބުނި ގޮތަށް ހިންދުސްތާން އޭރޮނެޓިކްސް ހިންގަނީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އެހެންކަމުން ކުންފުނީގެ މިސްރާބާއި ހިންގާ އުސޫލު ކަނޑައަޅަނީ އިންޑިއާގެ ސަރުކާރުންނެވެ. އެކަން ކަށަވަރު ކުރަން، ކުންފުނީގެ ހުރިހާ ބޯޑު މެންބަރުން އައްޔަން ކުރަނީ އިންޑިއާގެ ރައީސް އެވެ. އެކަމަކު ބޯޑަށް މެންބަރުން އައްޔަން ކުރުމަށް ޑިފެންސް މިނިސްޓްރީގެ ލަފާ ރައީސް ހޯދަންޖެހެ އެވެ.
ހިންދުސްތާން އޭރޮނެޓިކްސް ފުލްޓައިމް ޑައިރެކްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން ތިއްބަވަ އެވެ. އެއީ ޝްރީ ސީބީ އަނަންތަކްރިޝްނާ އާއި ޝްރީ ޖަޔަދީވާ އާއި ޑރ. ޑީކޭ ސުނިލް އާއި ޝްރީ އަތާސީ ބާރަން ޕްރަދާން އެވެ.
އެ ކުންފުނީގެ ޕާޓްޓައިމް އޮފިޝަލުންގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ ޝްރީ ޓީ ނަޓަރަޖާން އާއި އެމްޒީ ސިއްދީގެވެ. އެ ދެ ބޭފުޅުންނަކީ ސަރުކާރުން އައްޔަންކޮށްފައިވާ ނަން އެގްޒެކެޓިވް ޑިރެކްޓަރުންނެވެ. ކުންފުނީގެ މިނިވަން ޑިރެކްޓަރުންގެ ގޮތުގައި ވެސް ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ ޑރ. ދިވްޔާ ގުޕްޓާ އާއި ޝްރީ ދީޕަކް އަބާސާހެބް ސިންދޭ އެވެ.
ހިންދުސްތާން އޭރޮނެޓިކްސްގެ ހަތަރު ސީއީއޯއިންގެ ގޮތުގައި ތިއްބަވަނީ ޝްރީ ސަޖާލް ޕްރަކާޝް އާއި ޝްރީ އެސް އަންބުވެލަން އާއި ޝްރީ މިހިރް ކަންތީ މިޝްރާ އާއި ޝްރީ ސަކެޓް ޗަތުރްވެދީ އެވެ. އެ ހުރިހާ ބޭފުޅުންނަކީ ވެސް ކުންފުނީގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިންޖިނެއަރުންނެވެ. ކުންފުނީގެ ސެކްރެޓަރީގެ ގޮތުގައި ހުންނަވަނީ ޝްރީ ޝައިލޭޝް ބަންސާލް އެވެ.
އެ ކުންފުނީގެ ލިޔެކިޔުމުންތަކުން އެނގޭ ގޮތުގައި ސިފައިންގޭގައި މަސައްކަތްކޮށްފައިވާ މީހުންނަށް އަދި ސިފައިންގެއިން ރިޓަޔާކޮށްފައިވާ މީހުންނަށް ހިންދުސްތާން އޭރޮނެޓިކްސްއިން ވަރަށް ބޮޑު އަހަމިއްޔަތެއް ދެ އެވެ. އެގޮތުން އިތުރު މައްސަލައެއް ނުއުޅޭ ނަމަ ސިފައިންގޭގައި ކުރިން މަސައްކަތްކޮށްފައިވާ މީހުން ކުންފުންޏަށް ވެއްދުމުގެ ކުރިން އިތުރު ވެރިފިކޭޝަނެއް ހަދާކަށް ނުޖެހެ އެވެ.
ކުންފުނީގެ އެޗްއާރް މެނުއަލް ފޮތް ފަހެއްގައި ބުނެފައިވާ ގޮތުން ބޭރު ގައުމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ޖެހެނީ ކުންފުނީގެ ޗެއާމަނެވެ. ނަމަވެސް ބޯޑު ލެވެލްގެ މީހަކު އެހެން ގައުމަކަށް ފޮނުވާ ނަމަ ޑިފެންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހެ އެވެ.
ދައުލަތެއްގެ ގޮތުގައި އިޒްރޭލު ބަލައިގަތުމަށް 1948 ވަނަ އަހަރު އދ. ގައި ނެގި ވޯޓުގައި އިންޑިއާއިން ވޯޓު ދިނީ އިޒްރޭލު ބަލައިނުގަތުމަށެވެ. އޭގެ ސަބަބަކަށްވީ އިޒްރޭލުން ޕާކިސްތާނު ބަލައިގަނެ، ކޮންމެވެސް ވަރަކަށް ޕާކިސްތާނާއެކު ގުޅުން ބޭއްވުމެވެ.
އޭގެ ފަހުން 50 އަހަރު ފާއިތުވި އިރު ވެސް އިންޑިއާއިން އިޒްރޭލާއެކު ރަސްމީކޮށް ގުޅުމެއް ނުބާއްވަ އެވެ. އޭގެ މައިގަނޑު ސަބަބަކީ އަރަބި ގައުމުތަކާއެކު އިންޑިއާއިން ބާއްވަމުންދިޔަ ގުޅުންތައް ދެމެހެއްޓުން ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. ނަމަވެސް އިންޑިއާއިން އޮތީ 1988 ވަނަ އަހަރު ފަލަސްތީނުގެ ދައުލަތް ބަލައިގަނެފަ އެވެ.
ސޯވިއެޓް ޔޫނިއަން 1992 ވަނަ އަހަރު ކޮލެޕްސްވުމާއި އޭގެ އަހަރެއްގެ ފަހުން އޮސްލޯ ޕީސް އެކޯޑުގައި ސޮއި ކުރި ދަނޑިވަޅު އިންޑިއާއިން އިޒްރޭލާއެކު އޮތް ގުޅުން "ނޯމަލައިޒްކޮށް" ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރި އެވެ. އޭގެ ފަހުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑުތަނުން ކުރިއެރި އެވެ. ހާއްސަކޮށް ޑިފެންސް އަދި ސެކިއުރިޓީގެ ދާއިރާއިން ދެ ގައުމުން ގުޅުން ބަދަހި ކުރަމުންދިޔަ އެވެ.
އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރަން އިޒްރޭލުން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 1999 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ކާގިލް ހަނގުރާމައިގައި އިޒްރޭލުން އިންޑިއާއަށް ހަތިޔާރު ހަދިޔާކުރި އެވެ. އަދި އިންޑިއާގެ ނިއުކްލިޔާ ބާރު ފުޅާ ކުރުމަށް ވެސް އިޒްރޭލުން ވަނީ އެހީތެރިވެދީފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2014 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމުން އިޒްރޭލާއެކު ބާއްވަމުންދިޔަ ގުޅުން އިތުރަށް ވަރުގަދަ ކުރި އެވެ. އިންޑިއާއިން ބަލައިގަންނަނީ ފަލަސްތީނުގެ ދައުލަތް ކަމަށާއި ހަމާސް ބަލައިނުގަންނަ ކަމަށް މޯދީ ވިދާޅުވި އެވެ. އަދި "ޓެރަރިސްޓު" ހަމަލާތަކާ ދެކޮޅަށް އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތަކަށް ވެސް މޯދީ ތާއީދުކޮށްފައިވެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އިޒްރޭލުން އުފައްދާ ހަތިޔާރު އެންމެ ގިނައިން ގަންނަ އެއް ގައުމީ ވެސް އިންޑިއާ އެވެ. އެގޮތުން އިޒްރޭލުން އެކްސްޕޯޓު ކުރާ ހަތިޔާރުގެ 40 ޕަސެންޓު އެކްސްޕޯޓް ކުރަނީ އިންޑިއާއަށް ކަމަށް ތަޖުރިބާކާރުން ލަފާ ކުރެ އެވެ.
-
ސަރުކާރުގެ ވައުދަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ބޭރު ކުރުމެވެ. ހިންދުސްތާން އޭރޮނެޓިކްސްއަކީ އިންޑިއާގެ އަސްކަރިއްޔާގެ މުހިންމު ތަނބެކެވެ. ކުންފުނި ހިންގަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ. ކުންފުނީގައި ކުރީގެ މިލިޓަރީ އަދި ޕެރަމިލިޓަރީ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ދެ ހެލިކޮޕްޓަރާއި ބޯޓު ދުއްވަން އެ ކުންފުނީގެ މުވައްޒަފުން ގެނައުމަކީ، ހަމަ އިންޑިއާގެ ސިފައިން ގެނައުމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment