ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު : އޭނާ މިވަގުތު ހުންނެވީ އަވަށްޓެރި އިންޑިއާގައި --- ފޮޓޯ: ރައީސް އޮފީސް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގެންފި އެވެ.
މި ދަތުރާ ގުޅޭގޮތުން މާލީ ވުޒާރާއިން ބަހެއް ނުބުނާތީ މިއީ ރަސްމީ ނުވަތަ ނުރަސްމީ ދަތުރެއްކަން ކަށަވަރެއް ނުވެ އެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހުކުރު ދުވަހު ޒަމީރު ހުންނެވީ އިންޑިއާގަ އެވެ. އެގޮތުން އޭނާ ވަނީ އެ ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީގައ ބޭއްވި ގޮލްފު މުބާރާތެއް ނިންމުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެފަ އެވެ.
ޒަމީރު އާ އެކުގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބުވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. ނަމަވެސް މުއްތަލިބު މިހާރު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ.
ޒަމީރު އެނބުރި މާލެ ވަޑައިގަންނަވާނެ ތާރީހެއް ނޭނގުނަސް، މި މަހު 10 އިން 11 އަށް ދިއްލީގައި ކުރިއަށްދާ ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމުގައި އޭނާ ބައިވެރިވާނެކަން ވަނީ އިއުލާނުކޮށްފަ އެވެ.
މިއީ ބައިނަލްއަގުވާމީ ފެންވަރުގައި، ހާއްސަކޮށް އިންޑިއާ ހިމެނޭ މާލީ ސިޔާސަތުތައް ބިނާކޮށް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ. އެގޮތުން 2047 ގެ ކުރިން ކުރިއަރާފައިވާ ގައުމަކަށް ވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތަށް މި ފޯރަމުގައި ހިޔާލު ހޯދަނެ ކަމަށްވެ އެވެ.
ޒަމީރު އެންމެ ފަހުން އިންޑިއާއަށް ވަޑައިގެންނެވީ ފިނޭންސް މިނިސްޓަރުކަމާ ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ، އޮކްޓޯބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ފޮރިން މިނިސްޓަރުގެ ގޮތުގަ އެވެ.
މި ދަތުރުގައި ރާއްޖެއިން ވަނީ އިންޑިއާގެ ރިޒާވް ބޭންކާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭރު އޮތް މާލީ ކާރިސާއަށް މިހާރު ލިބިފައިވާ ވަގުތީ ލުއި ލިބުނީ މި އެއްބަސްވުމާއެކު ލިބުނު ފައިސާގެ ސަބަބުންނެވެ.
Comment