Advertisement

ލާޒިއޯ އާއި މިލާން އެއްވަރު، ލުކާކޫގެ އެހީގައި ނަޕޯލީ އަށް މޮޅެއް

1 ސެޕްޓެންބަރު 2024 - 10:35 0


ލާޒިއޯ އާއި މިލާން އެއްވަރު، ލުކާކޫގެ އެހީގައި ނަޕޯލީ އަށް މޮޅެއް

1 ސެޕްޓެންބަރު 2024 - 10:35 0

ނޭޕްލްސް، އިޓަލީ (ސެޕްޓެމްބަރު 1) - އިޓާލިއަން ލީގުގައި ރޭ ލާޒިއޯ އާއި އޭސީ މިލާން ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ރޮމެލޫ ލުކާކޫގެ އެހީގައި، ނަޕޯލީން ފަހަތުން އަރައި 2-1 އިން ޕާމާ އަތުން މޮޅުވެއްޖެ އެވެ.

ނަޕޯލީއާ މި ސީޒަނުގައި ހަވާލުވި ކޯޗު އެންޓޯނިއޯ ކޮންޓޭ ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި މި ވަނީ ކާމިޔާބު ހޯދައިފަ އެވެ.

ނަޕޯލީގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 19 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޕާމާ އިން ލީޑުނެގީ، އަންގޭ ބޮނީ ޖެހި ގޯލުންނެވެ. މި ލަނޑާ އެކު ޕާމާ އިން މެޗުގެ ބޮޑުބައިގައި ލީޑުގައި އޮތެވެ.

އެކަމަކު، ޕާމާ އަށް މައްސަލަ ދިމާވީ، އެ ޓީމުގެ ގޯލްކީޕަރު، ޖަޕާންގެ ޒިއޯން ސުޒޫކީ އަށް މެޗުގެ 75 ވަަނަ މިނިޓްގައި ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ދެ ވަނަ ރީނދޫ ކާޑެއް ދެއްކުމަށް ފަހު އެވެ.

ޕާމާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ނަޕޯލީން ނަތީޖާ އަނބުރާލީ، އިތުރު ވަގުތުގެ ހަ މިނިޓް ތެރޭ ދެ ލަނޑު ޖަހައިގެންނެވެ. އިތުރު ވަގުތުގެ ދެ ވަނަ މިނިޓްގައި ނަޕޯލީ އަށް އެއްވަރުކޮށްދިނީ ދާދި ފަހުން ޗެލްސީ ދޫކޮށް، ނަޕޯލީ އަށް ބަދަލުވި، ލުކާކޫ އެވެ.

އޭގެ ހަތަރު މިނިޓް ފަހުން، ޑޭވިޑް ނެރެސް ދިން ބޯޅައަކުުން ޒަމްބޯ އަންގީސާ ވަނީ ނަޕޯލީ މޮޅުކޮށްދީފަ އެވެ.

ޕައޮލޯ ފޮންސޭކާ ހަވާލުވި މިލާނުން މި ވަނީ ލީގުގެ ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެފަ އެވެ. ފުރަަތަަމަ މެޗުގައި ޓޮރިނޯއާ އެއްވަރުވިއިރު، މިލާން ދެ ވަނަ މެޗުގައި ޕާމާ އަތުން މޮޅުވީ ވެސް ކިރިޔާ އެވެ. އަދި ރޭ ލާޒިއޯ އަތުން ވެސް މިލާނަށް ލިބުނީ ޕޮއިންޓެކެވެ.

ލާޒިއޯ ދަނޑުގައި ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި ސްޓްރަހިންޔާ ޕަވްލޮވިޗް ވަނީ މިލާނަށް ލީޑުނަގައިދީފަ އެވެ.

އެކަމަކު، ލާޒިއޯގެ ވެލެންޓިން ކަސްޓެޔާނޯސް އާއި ބުލާއޭ ޑިއާ، ދެ ވަނަ ހާފުގެ މެދުތެރެއިން، ދެ މިނިޓް ތެރޭ ދެ ލަނޑު ޖަހައި، ނަތީޖާ އަނބުރާލި އެވެ.

މިލާނުން އެއްވަރުކުރީ، 72 ވަނަ މިނިޓްގައި ރަފައެލް ލެއާއޯ ޖެހި ގޯލުންނެވެ. މި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ ދާދި ފަހުން، ރޯމާ ދޫކޮށް، ލޯން ޑީލެއްގައި މިލާނަށް ބަަދަލުވި، އިނގިރޭސި ފޯވާޑް ޓެމީ އަބްރަހަމް އެވެ. މިލާނުން އަބްރަހަމް ގެނައީ، ލޯނަކަށް، އެ ޓީމަށް ކުޅޭ އަލެކްސް ސަލެމޭކާ ރޯމާ އަށް ދޫކޮށްލުމަށް ފަހު އެވެ.

އިޓާލިއަން ލީގުގައި މި ހަފްތާގެ މެޗުތައް ފެށީ، އެންމެ ފަހުގެ ޗެމްޕިއަން، އިންޓަ މިލާނުން 4-0 އިން އެޓަލަންޓާ އަތުން ހޯދި މޮޅާ އެކު އެވެ. އިޓާލިއަން ލީގުގައި މިރޭ، ޔުވެންޓަސް އިން ރޯމާއާ ބައްދަލުކުރާނެ އެވެ،