2 ސެޕްޓެންބަރު 2024 - 08:00 7
ސާއިފް ޝިޔާދު
2 ސެޕްޓެންބަރު 2024 - 08:00 7
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ސަރުކާރުން ހަރަދުކޮށްގެން ތައްޔާރުކުރި އޮންލައިން އެކްސްޕެޓު ސިސްޓަމް ބޭނުން ކުރުން ހުއްޓާލައި، އެ މަސައްކަތް މެލޭޝިއާ އަމިއްލަ ކުންފުންޏަކާ ހަވާލުކުރުމަކީ ގެއްލުން ބޮޑު ނިންމުމެކެވެ. ކޮރަޕްޝަންގެ ތުހުމަތާއެކު މުޑުދާރު ފަތިފުށެއް އޮތް އެ ކުންފުންޏަށް، ރާއްޖޭގެ ސަލާމަތާ ގުޅުން ހުރި ކަމެއް ހަވާލުކުރީ، މާލީ ގޮތުން ވެސް ބިލިއަން ރުފިޔާއިން ގެއްލުންވާ ގޮތަށެވެ.
ބެސްޓިނެޓަކީ 2008 ގައި މެލޭޝިއާގައި ރަޖިސްޓްރީކުރި ކުންފުންޏެކެވެ. ކުންފުނި އުފެއްދީ ސައިދު އަޒްމީ އަލްހަބްޝީ ނަމަކަށް ކިޔާ މީހެކެވެ. އެ ކުންފުނީގެ މިހާރުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ހުރީ ބަންގްލަދޭޝަށް އުފަން މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ އަމީން އަބްދުލް ނޫރު އެވެ.
އެއީ އިމިގްރޭޝަނާއި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން މެނޭޖުކުރުމުގެ ސިސްޓަމް އުފައްދައި ހިންގާ ކުންފުންޏެކެވެ. އެ ކުންފުނީގެ އެންމެ ބޮޑު މާކެޓަކީ މެލޭޝިއާ އެވެ. އެ ގައުމުގައި ގާއިމުކުރި "ފޮރިން ވޯކާ ސެންޓްރަލައިޒްޑް މެނޭޖުމަންޓު ސިސްޓަމް" (އެފްޑަބްލިއުސީއެމްއެސް) އަކީ އެ ކުންފުނީގެ އާމްދަނީގެ ބޮޑު ބައި ހިއްސާކުރާ ސިސްޓަމެވެ. މިއީ މެލޭޝިއާއަށް ލޭބަރުން ގެންނަ 15 ގައުމުގެ ހުރިހާ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމަށް މެލޭޝިއާގެ އިމިގްރޭޝަނުން ބޭނުންކުރާ ސޮފްޓްވެއާ އެވެ.
އެ ސިސްޓަމަކީ މެލޭޝިއާއަށް މަސައްކަތް ކުރުމަށްދާ ބިދޭސީންގެ ވިސާގެ ކަންކަމާއި, ހެލްތު ސްކްރީނިން އާއި އިންޝޫރެންސް އަދި އެހެނިހެން ހުރިހާ ކަމެއް ފުރިހަމަކުރެވޭ ގޮތަށް ގާއިމުކޮށްފައިވާ ސިސްޓަމެކެވެ.
މި ސިސްޓަމް މެދުވެރިކޮށް ބެސްޓިނެޓަށް ފައިސާ ލިބެނީ ބިދޭސީން ގެންނަ ވިޔަފާރިތަކާއި ރެކްރޫޓްމެންޓް އެޖެންސީތަކުން ނަގާ ފީތަކުންނާއި, ހެލްތު ސްކްރީނިންއަށް ދައްކަން ޖެހޭ ފީތަކާއި, އިންޝޫރެންސް ފީތަކުން ނަގާ ކޮމިޝަނުންނާއި, ރެކޯޑުތައް ބެލެހެއްޓުމަށް ނަގާ އަހަރީ ފީތަކާއި, ވޯކް ޕާމިތާއި ވިސާ ފީތައް އާކުރާއިރު ނަގާ ފީތަކާއި, ޑޭޓާތައް ބެހެއްޓުމަށް ނަގާ ފީތަކުންނެވެ. އެ ކުންފުންޏަށް 2022 ގައި 18 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.
ބެސްޓިނެޓަކީ ކޮރަޕްޝަނާއި އޮޅުވާލުމާއި މަކަރު ހެދުމުގެ ސީރިއަސް ތުހުމަތުތަކެއް އޮތް ކުންފުންޏެކެވެ. މެލޭޝިއާގެ އިތުރުން ބަންގްލަދޭޝާއި ނޭޕާލުގައި ވެސް އެ ކުންފުންޏަށް ތުހުމަތުތަކެއް ކުރެވި ބައެއް ކަންކަން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މިނިވަން ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި ބެސްޓިނެޓަކީ އެ ގައުމުގެ ޝާހީ އާއިލާއާއި ބާރުގަދަ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާ ގުޅުން އޮތް ކުންފުންޏެކެވެ.
އެފްޑަބްލިއުސީއެމްއެސްއަކީ އެތައް މިލިއަން ޑޮލަރަކަށް ހިޔާނާތްތެރިވިކަން ސާބިތުވި މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި ގާއިމުކުރަން ފެށި ސިސްޓަމަކެވެ. އެންމެ ފުރަތަމަ 2015 ގައި އެކަމަށް ބެސްޓިނެޓުން ބިޑުކުރިއިރު އެ ގައުމުގެ ކުރީގެ ހޯމް މިނިސްޓަރު އަޒްމީ ހާލިދު އަދި ލޭބާ ޑިޕާޓުމަންޓުގެ ޑިރެކްޓަރަކު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިއްބެވި އެވެ.
އެ މައްސަލައާ ގުޅިގެން މެލޭޝިއާގެ ސަރުކާރުން އެއް އަހަރަށް ބެސްޓިނެޓު ސަސްޕެންޑު ވެސް ކުރި އެވެ. ނަމަވެސް, އެކުންފުންޏާ ގުޅިފައިވާ ފަރާތްތަކުގެ ބާރުއެޅުމާއެކު އެ ނިންމުން ބަދަލުކޮށް އަހަރެއް ތެރޭ އަލުން ހުއްދަ ވެސް ދިނެވެ.
މެލޭޝިއާގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެސްޓިނެޓުގެ މައްސަލަ ދިރާސާކޮށް ނެރުނު ރިޕޯޓުގައިވާ ގޮތުން އެ ކަން ކުރިއަށްގެންދިޔުމަށް ސިޓީ ދިނުން ފިޔަވައި އިތުރު ކޮންޓްރެކްޓެއްގައި ރަސްމީކޮށް ސޮއިކޮށްފައި ނެތެވެ. އެ އެއްބަސްވުން އޮތީ ސަރުކާރުން ބޭނުންވިޔަސް ބާތިލު ނުކުރެވޭ ގޮތަށެވެ. އެއްބަސްވުން ބާތިލު ކުރެވޭނީ ސަރުކާރާއި ބެސްޓިނެޓުން ވެސް އެއްބަސްވެގެންނެވެ.
އެ ގައުމުގެ ގާނޫނާ ހިލާފަށް ހަ އަހަރު ދުވަސް ވަންދެން މި ސިސްޓަމް ބޭނުންކުރި އެވެ. އަންވަރުގެ ސަރުކާރުން ބެސްޓިނެޓުގެ އެއްބަސްވުން ބާތިލުކޮށް އަމިއްލަ އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތް ކުރުމުން އެކަމާ ދެކޮޅަށް ގިނަ ފިއްތުންތަކެއް ކުރިމަތިވި އެވެ. އެއީ ޝާހީ އާއިލާތަކުން ސިޔާސީ ނުފޫޒު ގަދަ މީހުންގެ ފަރާތުން ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ. އެންމެފަހުން އިތުރު ތިން އަހަރަށް ބެސްޓިނެޓަށް އެކަން ކުރަން ފުރުސަތު ދޭން މަޖުބޫރުވީ އެވެ.
އެ ސިސްޓަމުގެ ބެކްއެންޑުގައި ހުއްދަ ނެތް 24 މީހަކަށް އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމަށް ހުއްދަ ދީފައި އޮތުމުން އެ މައްސަލަ އެ ގައުމުގެ ފުލުހުން މިހާރު ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
ނޭޕާލުން މަސައްކަތްތެރިން ގެނައުމުގެ ނަމުގައި ބެސްޓިނެޓުން 42 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ 2012-2018 އާ ދެމެދު ނަގާފައިވާކަން ވެސް ފަޅާއެރި އެވެ. އެ މައްސަލަ ހައްލު ކުރަން ދެ ގައުމުގެ ސަރުކާރުން އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ.
ޖުލައި 2022, ގައި މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެސްޓިނެޓުގެ އޮފީސް ރެއިޑުވެސް ކުރި އެވެ. އެއީ ބަންގަލަދޭޝް މަސައްކަތްތެރިން ގެނައުމަށް 25 އެޖެންސީ ނެގުމުގައި ކޮރަޕްޝަނާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިމެނޭ ކަމަށް ތުހުމަތު ކޮށެވެ.
މެލޭޝިއާއަށް ލޭބަރުން ފޮނުވުމުގެ ނަމުގައި ބަންގްލަދޭޝްގެ މަޖިލީހުގެ ހަތަރު މެންބަރަކު މެލޭޝިއާގެ ކުންފުނިތަކަކާއެކު ހިންގި 1.8 ބިލިއަން ޑޮލަރުގެ މަނީ ލޯންޑަރިން މައްސަލައެއް ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މިއީ ބެސްޓިނެޓާއި އެ ކުންފުންޏާއި ގުޅިފައިވާ ރެކްރޫޓްމެންޓް އޭޖެންސީތަކާ ގުޅުން އޮތް މައްސަލައެއް ކަމަށް ތުހުމަތު ކުރެވެ އެވެ.
ބަންގަލަދޭޝްގެ ރައްޔިތަކު މެލޭޝިއާއަށް މަސައްކަތް ކުރަން ދިޔުމަށް ހަރަދު ކުރަން ޖެހެނީ 1400 ޑޮލަރު ކަމަށް ލިޔެފައި އޮތް ނަމަވެސް އެ އަދަދު 5000 ޑޮލަރާ ގާތްކުރާކަން ވަނީ ހާމަވެފަ އެވެ.
ބިދޭސީ މުވައްޒަފުން ގެންނަ ރެކްރޫޓްމެންޓު އެޖެންސީތައް އޮޕަރޭޓުކޮށް އެހެން އެޖެންސީތަކާ ގުޅިގެން ގިނަ ފައިސާތަކެއް މި ކުންފުނިން އަތުލާ ކަމުގެ ތުހުމަތުތައް ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.
"އަދަދު" ނޫހުން މިކަން ރިޕޯޓު ކުރުމާއި ގުޅިގެން ހަމަ އެ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުރަތަމަ ފަހަރަށް އެ ކުންފުންޏާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަން ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު އަލީ އިހުސާން އެއްބަސްވެވަޑައިގަތެވެ. އެ ބޮޑު އެއްބަސްވުމުގެ އެއްވެސް ވާހަކައެއް އޭގެ ކުރިން ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ބެސްޓިނެޓު ފުރަތަމަ ރާއްޖެއައީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގަ އެވެ. އެ ސަރުކާރުގައި ވެސް ތިބި ބާރުގަދަ ބައެއްގެ ނިވަލުގައި އައިސް ބެސްޓިނެޓާއެކު ސަރުކާރުން 15 އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮއިކުރީ އޮކްޓޯބަރު 2016, ގަ އެވެ. އޭރު ކޮންޓްރޯލަރަކަށް ހުންނެވީ މުހައްމަދު އަންވަރު އެވެ. ބިދޭސީންގެ ކަންކަން އޭރު ބަލަހައްޓަމުން ދިޔައީ އިމިގްރޭޝަނުންނެވެ.
އިހުސާން ވިދާޅުވި ގޮތުން އެއީ "ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ އެއް ޕްރޮސެސް" ފުރިހަމަ ކުރުމުގެ އެއްބަސްވުމެކެވެ. ވަކިން ހާއްސަކޮށް ޓާގެޓު ކުރީ ބަންގްލަދޭޝް މަސައްކަތްތެރިންނަށެވެ. މި އެއްބަސްވުން ގާއިމުކުރިކަން ހަބަރުތަކުން ފެންނަން ނެތް ނަމަވެސް ނޮވެމްބަރު 6, 2016 އިން ފެށިގެން ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ދިނުން އިމިގްރޭޝަނުން މެދުކަނޑާލި އެވެ.
ބިދޭސީން މަސައްކަތްތެރިންގެ ކަންކަމަކީ ދިވެހި ދައުލަތުގެ ތެރޭގައި ސިއްރު ބޯޑު އަޅުވައިގެން ހިންގާ ޝައްކު އުފެދޭ ފަދަ ވިޔަފާރިއެއް ކަމަށްވާއިރު އެ ކުންފުންޏާއެކު އޭރުގެ ސަރުކާރުން ކޮށްފައިވާ މުއާމާލާތެއް ފެންނަން ނެތެވެ. ނޮވެމްބަރު 2018, ގައި އައި އެމްޑީޕީގެ ވެރިކަމުގައި ބިދޭސީން ގެނައުމުގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ.
އެ ސަރުކާރުން ސެޕްޓެމްބަރު 18, 2019 ގައި ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ދޫކުރުން ހުއްޓައިލި އެވެ. އެ ހިސާބުން ފެށިގެން އެ އެގްރީމެންޓަށް އަމަލުކުރުން އޮތީ ހުއްޓިފައި ކަމަށް އިހުސާން ވިދާޅުވި އެވެ. އެ ކުންފުނިން އެ ހިސާބުން ފެށިގެން އެގްރީމެންޓަށް ދެން ވާންވީ ގޮތެއް ހޯދުމަށް މަސައްކަތް ކުރި ކަމަށް އިހުސާން ވިދާޅުވި އެވެ.
ނަމަވެސް, އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި ބެސްޓިނެޓާއެކު ކުރިއަށް ނުދާން އެމްޑީޕީ ސަރުކާރުން ނިންމީ ރައީސް އޮފީހާ މަޝްވަރާ ކުރުމަށް ފަހު އެއީ ވަރަށް ހަރަދު ބޮޑު، އަދި ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އޮތް އެއްބަސްވުމަކަށް ވުމުންނެވެ. އެ ކުންފުންޏާ މުއާމަލާތް ކުރީ ރައީސް އޮފީހުންނެވެ.
ފައްޔާޒު އިސްމާއީލް ވިދާޅުވީ ބިދޭސީންގެ ކަންކަން މެނޭޖްކުރެވޭނޭ ސޮފްޓްވެއާއެއް ތައްޔާރުކޮށް އެ ނިޒާމު ހިންގައި ބެލެހެއްޓުމަކީ ދިވެހިންނަށް ކުރެވޭނޭ ކަމަކަށްވާތީ، އޭރު އެ މިނިސްޓްރީން ނިންމާފައިވާނީ މިނިސްޓްރީން އަމިއްލައަށް އެކަން ކުރުމަށެވެ. އެހެންވެ, އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ "އެކްސްޕެޓް ސިސްޓަމް" ދިވެހިންގެ ޓީމަކުން ޑިވެލޮޕްކޮށް ލޯންޗުކުރި އެވެ.
މި ސަރުކާރުން އެއްބަސްވުމަކަށް ދާން ނިންމި މައިގަނޑު ސަބަބެއް ކަމަށް ސަރުކާރުން ދައްކަނީ، ބެސްޓިނެޓާއެކު އޮތް އެއްބަސްވުމަށް އަމަލުނުކުރާތީ ބަދަލު ދޭން ޖެހޭ ކަމަށް އެކުންފުނިން ބުނާ ބުނުމެވެ. ސަރުކާރުން ބުނާގޮތުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 210 މިލިއަން ރުފިޔާ ނުވަތަ 13.7 މިލިއަން ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ޒިންމާވާން ޖެހޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
"މި ކުންފުނިން ކުރާ ކްލެއިމްތަކަށް އޭރުގައި ދެވިފައި ހުރި ޖަވާބުތަކަށް ބަލާއިރު އެއް ޖަވާބަކަށް މި އިންނަނީ ސަރުކާރުން އޭރު އަމަލުކުރަމުން އައި ސެޓެލްމަންޓު އެގްރީމެންޓެއްގެ ތެރެއިން އެ މީހުންނަށް ސެޓެލްމަންޓު ހައްދާފަ ލާރި ދައްކަން ޖެހޭ ވާހަކަ," އިހުސާން ވިދާޅުވި އެވެ.
ނަމަވެސް, އެ ކުންފުނިން ބަދަލު ހޯދުމަށް އެދުނު ކަމަށް އިހުސާން ވިދާޅުވި ވާހަކަތައް ކުރީގެ އިކޮނޮމިކް މިނިސްޓަރު ދޮގުކުރައްވި އެވެ.
"އަޅުގަނޑުމެންނާ އެ މީހުން މުއާމަލާތެއް ނުކުރޭ. ކީއްވެތޯ މިއޮއްހާ ދުވަސް ވަންދެން އެ މީހުން [ބެސްޓިނެޓް] އިން އެކަން އިތުރަށް ކުރިއަށް ނުގެންދިޔައީ, ކޯޓަށް ނުދިޔައީ ކީއްވެތޯ؟," ބަދަލު ހޯދުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވޭތޯ އެހުމުން ފައްޔާޒު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން، ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް އަންޑާ ސެކެޓަރީ އަހްމަދު މައުރޫފް ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު މި ކުންފުނިން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހަޅައިފައި ނުވާ ކަމަށެވެ.
"ގެއްލުމުގެ ބަދަލު ހޯދުމަށް އެދި އެއްވެސް ގޮތަކުން ހުށަހަޅާފައެއް ނުވޭ. ދައުވާއެއް ކޮށްފައެއް ނުވޭ. ސަރުކާރުގެ އެއްވެސް ތަނަކަށް ޝަކުވާއެއް ވެސް ހުށަހަޅާފައި ނުވޭ. ދެން މިހާރު ކުއްލިއަކަށް މިސަރުކާރުން މިގޮތަށް ނިންމުމުން ސުވާލު އުފެދޭ."
ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ނަމުގައި، ކުރީގެ ވެރިކަމުގައި، ނޮވެމްބަރު 28, 2022 ގައި ގެޒެޓުގައި އުސޫލެއް ޝާއިއުކުރި އެވެ. އަދި، މައްސަލަ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދީފައި ވެ އެވެ.
"އޭރު އޭސީސީގެ އެދުމުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކާއެކު، ރައީސަށް ފޮނުއްވި ސިޓީއަކުން އެންގެވީ ގެއްލުމުގެ ބަދަލު ދިނުމުގެ ކަންކަން ހާމަކަން ބޮޑު އުސޫލެއްގެ ތެރެއިން ކުރިއަށް ގެންދަން. އެކަމާ ގުޅިގެން އުސޫލެއް އެކުލަވައިލައި، ގެޒެޓު ކޮށް، ސަރުކާރާ ދެކޮޅަށް މި ބާވަތުގެ އެއްވެސް މައްސަލައެއް ނުވަތަ ޝަކުވާއެއް އޮތްނަމަ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ފުރުސަތު ހުޅުވާލި. މި ކުންފުނިން ހުށައެއް ނާޅާ. އެހެންވީމަ މިކަމުގައި ސެޓްލްމަންޓަކަށް ދިއުމަކަށް ސަރުކާރުގެ މައްޗަށް ކޮންމެހެން ލާޒިމެއް ނޫން. ކޯޓަކުން ނުވަތަ އާބިޓްރޭޝަނުން ނިންމަން ދޫކޮށްލަންވީނުންތޯ؟" މައުރޫފު ވިދާޅުވި އެވެ.
މައުރޫފް ވަނީ މި މައްސަލައާ ގުޅިގެން ގާނޫނީގޮތުން މުހިންމު ސުވާލުތަކެއް އުފައްދަވައިފަ އެވެ.
"އެ ކުންފުންޏަށް ބަދަލު "ދޭންޖެހޭކަން" ކަނޑައެޅީ ކޮންފަރާތަކުންބާ؟ އެއީ ކިހާވަރެއްގެ ބަދަލެއްބާ؟ ކޮންކަހަލަ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް ނިންމި ކަމެއްބާ؟ ކޯޓަކުން ހުކުމެއް ކުރުމަކާނުލައި ބަދަލު ދިނުން ގޯސްކަމަށް ބުނި މީހުން މިހާރު ބަދަލު ދިނުމުގެ އައު އުސޫލެއް ހިންގަން ފެށީބާ؟"
ރާއްޖޭގައި ވަޒީފާ އަދާކުރަން އަންނަ ބިދޭސީއެއްގެ އަތުން މިހާރު އަހަރަކު 6,200ރ. ދައުލަތަށް ވަދެ އެވެ. އެއީ 2,000ރ. ގެ ކޯޓާ ފީ އާއި ކޮންމެ މަހަކު 350ރ. ގެ ރޭޓުން ނަގާ 4,200ރ. ގެ ވޯކް ޕާމިޓް ފީ އެވެ.
ބެސްޓިނެޓާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން ބިދޭސީއެއްގެ ބޮލަކަށް އަހަރަކު 100 ޑޮލަރު ނުވަތަ 1,542ރ. ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭނެ އެވެ. އަދި މެޑިކަލް އިންޝޫރަންސްގެ ކަންކަމަށް ބޮލަކަށް 50 ޑޮލަރު (771ރ.) ވަޒީފާ އަށް އަންނަ ފަރާތުން ބެސްޓިނެޓަށް ދައްކަން ޖެހޭނެ އެވެ. މިއީ މިހާތަނަށް އެނގިފައިވާ މިންވަރެވެ.
މިވަގުތު އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި 221,231 ވޯކް ޕާމިޓް އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެ ތެރެއިން ބަރާބަރަށް ފައިސާ ދައްކަމުން ދަނީ 50 ޕަސެންޓު މީހުންނެވެ. އަހަރަކު 685 މިލިއަން ރުފިޔާ ބިދޭސީން ފީތަކުން ދައުލަތަށް އާމްދަނީގެ ގޮތުގައި ވަދެ އެވެ. އަދި ބިދޭސީންގެ އަތުން ފީ ހޯދަން ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ ދައުލަތަށް އަހަރަކު 685 މިލިއަން ރުފިޔާ ގެއްލޭ ކަަމަށް އިހުސާން ވިދާޅުވި އެވެ.
އެއްބަސްވުން ގާއިމުކުރަނީ ލާރި ދައްކާ މީހުންގެ އަތުން އެކަނި ބެސްޓިނެޓަށް ފައިސާ ދާ ގޮތަށް ކަމަށް އިހުސާން ވިދާޅުވި އެވެ. އޭރުން ފައިސާ ދައްކާ މީހުންގެ އަދަދު 90 ޕަސެންޓަށް މަތިކުރެވޭނޭ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. އެއީ 199,108 ވޯކް ޕާމިޓެވެ.
ވޯކް ޕާމިޓް ފީގެ ގޮތުގައި އޭރުން އަހަރަކު ސަރުކާރަށް 1.2 ބިލިއަން ރުފިޔާ ވަންނާނެ އެވެ. ދައުލަތަށް ވަންނާނެ 303 މިލިއަން ރުފިޔާއަކީ ބެސްޓިނެޓަށް ދޭން ޖެހޭނެ ފައިސާ އެވެ. އެއީ 15 އަހަރަށް ބަލާނަމަ ދައުލަތަށް ގެއްލޭ 4.5 ބިލިއަން ރުފިޔާގެ އާމްދަނީ އެވެ. އަދި މެޑިކަލް އިންޝޫރަންސް ފީއާއެކު ބެސްޓިނެޓަށް 15 އަހަރުތެރޭގައި ލިބޭ އާމްދަނީ ޖުމުލަ 6.9 ބިލިއަން ރުފިޔާ އަރާނެ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ދެ ބިދޭސީއަކުން ލޮރީއަކަށް އެއްޗެހި އަރުވަނީ. -- ފޮޓޯ: އަދަދު
މިވަގުތު އޮތް އެކްސްޕެޓް ސިސްޓަމަކީ ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މަސައްކަތުން އެތައް ހޭދައަކަށް ފަހު ދިވެހިން ފަރުމާކޮށް ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ. މިއީ ކޯޓާތައް ދޫކުރުމާއި ޑިޕޮސިޓް ފީތައް ދެއްކުމާއި އަނބުރާ ދިނުމާއި އެމްޕްލޮއިމެންޓް ހުއްދަ ދޫކުރާ ސިސްޓަމެވެ.
ދިވެހިންގެ ޓީމަކުން އެކްސްޕެޓް ސިސްޓަމް އިހުސާން ބޭނުންވާ ފެންވަރަށް ގެންދިޔުމަށް ވަގުތުތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އެހެންވެ ބެސްޓިނެޓަށް ދެނީ އަވަސް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
"މިހާރުގަ އިން ސިސްޓަމްގެ އެންފޯސްމަންޓު އަޅުގަނޑުމެންނަށް އެހާ އެފެކްޓިވްއެއް ނޫން. މާނައަކީ މީހުންނަށް ވަކިވަކިން ނޯޓިފިކޭޝަން ފޮނުވުމާއި އޮޓަމެޓިކުކޮށް ތަންތަން ބްލެކްލިސްޓުވެ މިކަހަލަ ސިސްޓަމެއް ނޫން މިވަގުތު ހުރީކީއެއް. މި ސިސްޓަމް މިގޮތަށް ޑިވެލޮޕް ކުރަންޏާ ވަގުތު ނަގާނެ" އިހުސާން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
މިއީ ބަހަނާއެކެވެ. މިހާރު ބޭނުންކުރާ ސިއްޓަމަކީ ކުރީގެ ސަރުކާރުން ޑޮވެލޮޕަރުން ހޯދައިގެން، ރާއްޖެ އަށް ބޭނުންވާ ގޮތަށް، ހުރި މައްސަލަތައް ފަސޭހަ ކުރެވޭނެ ގޮތަށް ފަރުމާކޮށް، ތައްޔާރުކުރި ސިސްޓަމެކެވެ. މިހާރު ބޭނުންކުރާ އެކްސްޕެޓު ސިސްޓަމްގެ އޮޑިޓެއް މިނިވަން ތަނަކުން ހެދިކަން ހާމައެއް ނުކުރެ އެވެ. އަދި ހައްލު ނުކުރެވޭނެ ވަރުގެ މާބޮޑު މައްސަލަތަކެއް ކުރިކަމަށް ވެސް އަދި ބުނެ ނުދެވެ އެވެ.
މިހާރުގެ ސިސްޓަމްގައި ހުރި މައްސަލައެއްގެ ގޮތުގައި އިހުސާސް ފާހަގަ ކުރީ ބިދޭސީ މަސައްކަތްތެރިޔަކު ފިލުމުން އެކަން ސިސްޓަމުން އެންގުނު ނަމަވެސް އޭނާ ފެނުމުން އެކަން ޑިކްލެއާ ކުރެވޭނެ ގޮތެއް މިވަގުތު ނެތް އެވެ. ފައްޔާޒުގެ ހިޔާލު އެކަމުގައި ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި މިވަގުތު އޮތް ސިސްޓަމަކީ ބަދަލު ގެނެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ.
"އެ ވިދާޅުވަނީ ރާއްޖޭގައި ތިއްބެވި ޓެކްނިކަލް ބޭފުޅުންނަށް, އެ ސިސްޓަމް ހަދައި އެ ވަރުކޮށްފައި ތިބި ބޭފުޅުންނަށް އެ ސޮފްޓްވެއާ ބަދަލުނުކުރެވެނީތޯ. މެލޭޝިއާ މީހުންނަށްތޯ ކުރެވޭނީ. ނޫން, ކުރެވޭނެ [ދިވެހިންނަށް]. އޭގައި އޮންނާނީ ޕްރިއޮޓްރައިޒް (އިސްކުރުން) ކުރުން. އޭރުގައި ޕްރިއޮރަަޓައިޒް ކުރި ކަންކަމަށް އަޅުގަނޑުމެންގެ ޓީމުން އޭރުގައި މަސައްކަތް ކުރީ. މިވަގުތު މިނިސްޓަރަށް މުހިންމީ މިސިން ރިޕޯޓަށް ދިމާވާ މައްސަލަ ކަމަށް ވަންޏާ ހަމަ މުޅި ޓީމު އެކަމަށް މަސައްކަތް ކޮށްލަންވީ. ބަދަލު ނުކުރެވޭނެ އެއްވެސް އެއްޗެއް އެ ސިސްޓަމްގައި ނޯންނާނެ," ފައްޔާޒު ވިދާޅުވި އެވެ.
މީގެ ކުރިން ދެތިން މަހުން ލިބުނު ވޯކް ޕާމިޓް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެ ސިސްޓަމްގެ ތެރެއިން ދެވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭގެ ކުރިން އޮތީ އޮންލައިން ސިސްޓަމެއް ކަމަށް ބުނި ނަމަވެސް މުއާމަލާތް ކުރަން ޖެހިފައި އޮތީ އީމެއިލްގެ ޒަރިއްޔާއިން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން, ވަރަށް ރަނގަޅަށް ޑިވެލޮޕް ކޮށްފައި އޮތް ސިސްޓަމެއް އެ ސިސްޓަމަކީ. ދިވެހިން އެކަން ކޮށްފައި އެ އޮތީ. ވަރަށް ގިނަ މަޝްވަރާތައް ކަމާ ބެހޭ ފަރާތްތަކާއި އެމްޕްލޯޔަރުންނާއި, އެމްޕްލޯއިމެންޓް އެޖެންސީތަކުންނާއި އޭޖެންޓުންނާއި އެކި މަޝްވަރާތައް ކޮށްގެން ދައުލަތުގެ އެކްސްޕެޓް ލޭބާ ސިޔާސަތާ ގުޅޭގޮތަށް އެކަން ކޮށްފައި އޮންނާނީ. ސިސްޓަމަކީ މިހާރު ވަރަށް ފަސޭހަ ސިސްޓަމެއް, ފައްޔާޒު ވިދާޅުވި އެވެ.
"އިތުރަށް ބަޔަކަށް ލާރި ދީގެން އޭގައި ކުރަން ޖެހޭ ކަމެއް ނޯންނާނެ. އަދިވެސް އިތުރަށް ފަސޭހަ ކުރަން އެބަ ހުރި މަސައްކަތްތަކެއް ކުރަން. އަދިވެސް އޮޓަމޭޓް ކުރަން. އެ ކަންކަން ކުރަން ތަންދޮރު ދަންނަ ވަރުގަދަ ޓީމެއް އޮންނާނެ."
އޭރުގެ އިކޮނޮމިކް މިނިސްޓްރީން އިސްވެ އޮވެ ކުރި މަސައްކަތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީންގެ ކަންކަމުގައި ހޯދުނު ފަސޭހަތަކުގެ ވާހަކަ ދެއްކުން އޭނާ ދޫކޮށްލީ އެމްޕްލޯޔަރުންނާއި އެމްޕްލޯއިމެންޓް އޭޖެންސީތަކަށެވެ.
ރާއްޖޭގެ ބައެއް ކުންފުނިތަކާއި ބޭރު މީހުން ގެންނަ އެޖެންސީތަކާ "އަދަދު" ނޫހުން ވާހަކަ ދައްކައި މައުލޫމާތު އެއްކުރީމެވެ.
ބިދޭސީން ގެންނަ ދިވެހި އެޖެންސީއެއްގެ އިސްވެރިޔަކު ބުނީ މިހާރު ބޭނުންކުރާ އެކްސްޕެޓު ސިސްޓަމްގައި ހައްލު ނުކުރެވޭނެ ބޮޑެތި މައްސަލަތަކެއް ނެތް ކަމަށެވެ. އަދި ބޭރު ބަޔަކަށް އަގުބޮޑުކޮށް ކުއްލިއަކަށް ދޫކޮށްލަން ޖެހޭ ވަރުގެ މައްސަލައެއް މިހާރު ވެސް ނެތް ކަމަށެވެ.
"ބައެއް ކަންކަން އެބަ ހުރި ރަނގަޅު ކޮށްލަން ޖެހޭ. ނަމަވެސް އެއީ މާބޮޑު މައްސަލަތަކެއް ނޫން. އަބަދު ވެސް ހުންނާނެ އޭގެ ޒާތުގައި ގެންނަންޖެހޭ ބަދަލު. އެފަދަ ކަންކަން އެއީ. [ސަރުކާރުން] އެ އުޅެނީ ސިސްޓަމް ގޯސްވެގެން ކަމަށް ގަބޫލުކުރަން އުނދަގޫ. ސަބަބަކީ އެ ސިސްޓަމް ބޭނުން ކުރަނީ އަހަރެމެން. އަހަރެމެންނަށް އެކަމުގައި މައްސަލަތަކެއް ނެތް،" ރައީސް މުއިއްޒު ވެރިކަމަށް ގެނައުމުގެ ކެމްޕޭނުގައި ވެސް ބައިވެރިވި، އެ ވިޔަފާރިވެރިޔާ ބުންޏެވެ.
އެހެން ވިޔަފާރިވެރިޔަކު ބުނީ، މިހާރު ބޭނުންކުރާ އެކްސްޕެޓު ސިސްޓަމްގެ ސަބަބުން ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށެވެ. ކުރިން ކަރުދާހުގައި ކުރަމުން ދިޔަ ހުރިހާ ކަމެއް އޮންލައިންކޮށް ބަދަލުވެ، ދިގު ކިޔޫ އާއި، އެތައް ދުވަހެއް ހޭދަކުރަންޖެހޭ ކަންކަން މިހާރު ފަސޭހަކަމާއެކުވާ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޓެކްނޮލޮޖީ އަށް އަންނަ ބަދަލާއެކު ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވޭނެ ކަމަށެވެ.
"ބޭރު ބަޔަކަށް މިފަދަ ސިސްޓަމެއް ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން،" އޭނާ ބުންޏެވެ.
ރާއްޖޭގައި ޓެކް ދާއިރާގައި ވެސް ހަރަކާތްތެރިވާ މީހަކު ބުނީ އެކްސްޕެޓް ސިސްޓެމްއެއް އެންމެ ފެންވަރު ރަނގަޅަށް ވެސް ފަސް މިލިއަން ރުފިޔާ އަށް ހެދޭނެ ކަމަށެވެ. އެހެންވެ، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ބަލަހައްޓާ އޮންލައިން ސިސްޓެމް ބޭރު ބަޔެއްގެ އަތަށް، ބޮޑު އަގުގައި ދޫކޮށްލަން ނުވާނެ ކަމަށް އޭނާ ދެކެ އެވެ.
"ކިތަންމެ ވަރުގަދަކޮށް ހެދިޔަސް، އަދި މިހާރު ބޭނުންކުރާ ސިސްޓަމް ގޯސްވެގެން އާ މެނޭޖުމެންޓު ސިސްޓަމެއް ހެދިޔަ މާ ހަރަދު ކުޑަވާނެ،" އޭނާ ބުންޏެވެ.
ބިދޭސީ މަސައްކަތްތެރިންގެ ފީތަކުން ދައުލަތަށް ލިބެން ޖެހޭ ވަރާ ގާތަށް ވެސް ފައިސާ ނުލިބެނީ އެ ފައިސާ ހޯދުމުގައި ކަލެކްޝަން މައްސަލަތަކެއް އުޅޭތީ އެވެ. އެންފޯސްމަންޓުގައި މައްސަލަތަކެއް އުޅޭތީ އެވެ. އޭގެ ސަބަބެއް ކަމަށް ސަރުކާރުން މެދުވެރިކުރަނީ ދިވެހިން ތައްޔާރުކުރި އެކްސެޕްޓް ސިސްޓަމެވެ. އޭގައި ފަސޭހައިން ކުރެވޭނެ ބައެއް ކަންކަން ނެތުމެވެ.
ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން
އެކަމަށް ވަގުތު ނެގި ނަމަވެސް އެއީ ދިވެހި ޑިވެލޮޕަރުންނަށް ނުކުރެވޭ ވަރު ކަމެއް ނޫނެވެ. އެކްސްޕެޓް ސިސްޓަމަށް ސަރުކާރުން ބޭނުންވާ ބަދަލުތައް ސަރުކާރުގެ ޓީމަކުން ގެނައުން މާ ރަނގަޅުވާނެ އެވެ. އިދިކޮޅު މައި ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވެސް ގަބޫލުކުރައްވާ ގޮތުގައި އެކްސްޕެޓް ސިސްޓަމް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލަން ނުޖެހެ އެވެ.
"އޭގެ ބޮޑު ބައި އެ އޮތީ ނިމިފައި. ދެން އޭގެއިން ލިބޭ އާމްދަނީގެ ޕަސެންޓޭޖެއް ބޭރު ބަޔަކަށް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން އަތުގައި ޓެކްނޮލޮޖީ އެބަހުރި. އަޅުގަނޑުމެންގެ އެ ހުނަރު އެބަ ހުރި. އެކަން އެންމެ ރަނގަޅަށް ކުރަން އެނގޭނީ ދިވެހިންނަށް," ފައްޔާޒު ވިދާޅުވި އެވެ.
ކޮންޓްރެކްޓްގެ 15 އަހަރުގެ މުއްދަތުގައި އަހަރަކު މަދުވެގެން 460 މިލިއަން ރުފިޔާ ބެސްޓިނެޓަށް ދެއްކުމަށް ވުރެ މިހާރު ބަދަލު ދިނުން މާ ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ އިގުތިސޯދު ވަރުގަދަވާ ވަރަކަށް ބެސްޓިނެޓަށް ދޭން ޖެހޭ ފައިސާގެ އަދަދު ވެސް އިތުރުވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ބެސްޓިނެޓަކީ ކޮރަޕްޝަމްގެ ތުހުމަތު އެކި ގައުމުތަކުގައި އޮތް ކުންފުންޏެކެވެ. ރާއްޖެއަކީ ބިދޭސީން މަސައްކަތްތެރިން ގެނައުމުގައި ހުތުރު ތާރީހެއް އޮތް ގައުމެއް ކަމަށްވާއިރު ފާއިތުވި އެކި ސަރުކާރުތަކަށް އެކި ކުންފުނިތަކުން މިފަދަ ސިސްޓަމްތައް ގާއިމުކުރުމަށް ރިޝްވަތު ހުށަހެޅި ވާހަކަތަކަކީ ވެސް ފެތުރުނު ވާހަކަތަކެކެވެ. ވަން.ގަވްގެ ތެރެއިން އެމްޑީޕީ ސަރުކާރުން އެކްސްޕެޓް ސިސްޓަމް ގާއިމުކުރީ އެ ތުހުމަތުތަކަށް ނިމުމެއް ގެނައުމުގެ ގޮތުންނެވެ.
ބަދަލުގެ ގޮތުގައި 13 މިލިއަން ޑޮލަރު ދީގެން ލިބޭ ގެއްލުމަށް ވުރެ، މިހާރު ހަދާފައިވާ އެއްބަސްވުމުން ދައުލަތަށް ލިބޭ ގެއްލުން މާބޮޑެވެ. އަދި ވޭތުވެދިޔަ ފަސް އަހަރު ބަދަލު ހޯދަން އޮތް އުސޫލުން ކުރަންޖެހޭ އެއްވެސް ކަމެއް ބެސްޓިނެޓުން ކޮށްފައި ނެތުމަކީ، އެކަން މި ސަރުކާރުން ވަގުތުން ވަގުތަށް ބޮލުގައި އަޅަންޖެހޭ ކަމެއް ނޫނެވެ. އަދި އެއްވެސް ބަދަލެއް ދޭންޖެހޭނެ ކަމެއް ކަމަށް ނުފެނެ އެވެ.
Comment