30 އޮގަސްޓު 2024 - 15:41 2
މުހައްމަދު ޝަހްޒާން
ޖައިޝަންކަރު ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުމުގެ ތާރީހުގައި އަޑިގުޑަން ތަޖުރިބާ ކޮށްފި ކަމަށް -- ފޮޓޯ: ދަޑެއިލީގާޑިއަން
30 އޮގަސްޓު 2024 - 15:41 2
ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމާ ގުޅިގެން ގައުމުގެ މުސްތަގުބަލާ މެދު ކަންބޮޑުވުންތައް އުފެދިފައިވާ މި ދަނޑިވަޅުގައި ރާއްޖެ-އިންޑިއާ ގުޅުމަކީ ސާބިތުކަމާއެކު ދެމިއޮންނަންޖެހޭ ގުޅުމެއްކަން ދިވެހިން ގަބޫލު ކުރާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމާ ގުޅޭގޮތުން އިންޑިއާ ލިޔުންތެރިއެއް ކަމަށްވާ ރަޖިވް ސިކްރީ ލިޔުއްވި ފޮތް ނެރެން ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ އިންޑިއާއިން ވަރަށް އިސްކަމެއް ދޭ ގުޅުމެއް ނަމަވެސް އެ ގުޅުމުގެ ތާރީހުގައި އަޑިގުޑަންތައް ތަޖުރިބާ ކުރެވިއްޖެ ކަމަށެވެ. އަދި، ދެ ގައުމުގެ ގުޅުން އަބަދު އެއް ގޮތެއްގައި ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުގައި ރާއްޖެ-އިންޑިއާ ގުޅުން ވަރުގަދަކޮށް އޮތުން އެއީ މުހިންމު ކަމެއް ކަމުގައި ދިވެހީން އަނެއްކާ ވެސް ގަބޫލު ކުރަން ފަށާފައިވާކަން އެނގިވަޑައިގެންނެވި ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.
"ދިވެހިރާއްޖެއަށް ދިމާވެފައިވާ އިގުތިސާދީ ގޮންޖެހުންތަކާ ގުޅިގެން އެ ގައުމުގެ މުސްތަގުބަލާ މެދު ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި މި [އިންޑިއާ-ރާއްޖެ] ގުޅުމަކީ ސާބިތުކަމާއެކު ދެމި އޮންނަންޖެހޭ ގުޅުމެއްކަން އެމީހުން ގަބޫލު ކުރޭ،" ޖައިޝަންކަރު ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ވެސް ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. އެ ގުޅުމުގެ ތެރެއިން އެ ގައުމުން ވަނީ ރާއްޖޭގެ ތަރައްގީއަށް ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
ނަމަވެސް 2012 ވަނަ އަހަރު، އޭރު ވެރިކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، އުފެދުނު ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންޑިއާ-ރާއްޖެ ގުޅުން ހީނަރުވެގެންދިޔަ އެވެ.
އެއަށްފަހު މިދިޔަ ފަސް އަހަރު ފެނުނީ އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ވަރުގަދަވި ތަނެވެ. އެމްޑީޕީގެ ދެވަނަ ސަރުކާރުން އިންޑިއާ-ރާއްޖެ ގުޅުން ބަދަހި ކުރަން މަސައްކަތް ފެށުމުން އޭރު އިދިކޮޅުގައި ތިބި، މިހާރު ސަރުކާރަށް ނިސްބަތްވާ ބޭފުޅުން އެކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ވެސް ކުރި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް އިންޑިއާ އާ ދެކޮޅު ރޫހުގެ ކެމްޕޭނެއްގެ ތެރެއިންނެވެ. އިންޑިއާ-ރާއްޖެ ގުޅުން ތާރީހުގައި ވެސް ނުވާހައި ގޯސްވީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، މިދިޔަ ޖެނުއަރީގައި ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އިންޑިއާ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރުމުންނެވެ.
އެ ތިން ނައިބުން އަދިވެސް މުސާރަ ލިބޭ ގޮތަށް ސަސްޕެންޑު ކޮށްފައި ތިބިއިރު، އެ މީހުންގެ އަމަލުތަކުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިންތިހާއަށް މަދުވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment