Advertisement

ރައީސްއަށް ލިބިވަޑައިގެންނެވި އަނިޔާގެ ތަފްސީލެއް ސަރުކާރުން ނުދިން

27 އޮގަސްޓު 2024 - 13:30 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުއިއްޒު: ރައީސްއަށް ލިބިވަޑައިގެންނެވި އަނިޔާގެ ތަފްސީލެއް ސަރުކާރުން ދީފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް


ރައީސްއަށް ލިބިވަޑައިގެންނެވި އަނިޔާގެ ތަފްސީލެއް ސަރުކާރުން ނުދިން

27 އޮގަސްޓު 2024 - 13:30 3

ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބިވަޑައިގެންނެވި އަނިޔާގެ ތަފުސީލު އަދި މީގެ ތިން އަހަރު ކުރިން ކުރެއްވި ސާޖަރީގެ ތަފްސީލެއް ވެސް ރައީސް އޮފީހުން ހާމައެއް ނުކުރި އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް މުއިއްޒުއަށް ލިބިވަޑައިގެންނެވި އަނިޔާއާ ގުޅޭ ގޮތުން އެނގެނީ ރޭ އެމަނިކުފާނު ހާމަކުރެއްވި މިންވަރު އެކަނި ކަމަށެވެ.

"އެއީ ޒާތީ އަމިއްލަ މައުލޫމާތު ކަމެއް ކަމަށް އަޅުގަނޑު ދެކެނީ. ރައީސް ހާމަކުރެއްވީ އެކަން ވެފައި އޮތް ގޮތް. ރައީސް ހާމަކުރެއްވި މިންވަރު އަޅުގަނޑަށް ވެސް އެނގެނީ،" ހަލީލް ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރޭ ވެރިކަން ހިންގާ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވަނީ އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެންނާއި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރި ސާޖަރީއަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑު މީގެ ދެތިން ދުވަސް ކުރިން ދިޔައިން ހޮސްޕިޓަލަށް. އަޅުގަނޑަކީ މާ ކުޅިވަރުގެ މީހެއް ނޫނަސް ހަފްތާއަކު ތިން ދުވަހު ފުޓުބޯޅަ ކުޅެވޭތޯ ބަލަން އާ ރަށުގައި އޮންނަ ދަނޑުގައި. އެންމެ ފަހުން ކުޅުނު ރޭ އަޅުގަނޑަށްވީ ގޮތަކުން އިންޖަރީއެއްވީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މި ދެންނެވި އިންޖަރީ ވެގެން މާލޭގައި ޑޮކްޓަރުންނަށް ދައްކާފައި ސެކަންޑް އޮޕީނިއަންއަކާ އަދި ކުރީގައި މީގެ ދެތިން އަހަރު ކުރިން ކުރި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕް ވެސް އޮތުމާ އެކީގައި މިރޭ އެބަ ދަން ސިންގަޕޫރަށް."

މާލޭ ސިޓީގެ މޭޔަރަކަށް މުއިއްޒު ހުންނެވިއިރު ސިންގަޕޫރުން ކުރީ ކޮން ކަހަލަ ސާޖަރީއެއް ކަމެއް މިހާތަނަށް ހާމަކޮށްފަ އެއް ނުވެ އެވެ. ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ދެ ދުވަސް ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ސިންގަޕޫރަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ނުރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގަންނަވަ އެވެ. މީގެކުރިން ކުރެއްވި ދަތުރުފުޅުތަކާ ގުޅޭ ތަފްސީލެއް ހާމަކުރައްވާފައެއް ނުވެ އެވެ.