26 އޮގަސްޓު 2024 - 17:14 0
މޫސާ ނާޝިއު
އެވިޑަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯސްތައް ހިންގަމުން އަންނަ ކޮލެޖެެއް---
26 އޮގަސްޓު 2024 - 17:14 0
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގެ ޕްރޮގުރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފުވެގެން އެވިޑް ކޮލެޖަށް އެޅި ފިޔަވަޅުތައް މިއަދު އުވާލައިފި އެވެ.
އެވިޑު ކޮލެޖަށް އެމްކިޔުއޭ އިން އެޅި ފިޔަވަޅުތަކަކީ އެވިޑުގެ ކަންކަން އިސްލާހުކުރަން އެންގުމާއެކު، އެ ކޮލެޖުގެ އިތުރު ޕްރޮގްރާމަކަށް އެކްރެޑިޓޭޝަނާއި ހިންގުމުގެ ހުއްދަ ހިފަހައްޓާފަ އެވެ. އަދި އެ ކޮލެޖުން ހިންގާ ޕްރޮގްރާމުތަކަކީ ގައުމީ ސަނަދުތަކުގެ އޮނިގަނޑާއި ޕްރޮގްރާމް އެކްރެޑިޓޭޝަންގެ މިންގަނޑުތަކާ ހިލާފަށް ހިންގާ ޕްރޮގްރާމުތަކެއް ކަން އާންމުކޮށް އިއުލާންކުރުމަށް ވެސް އެ ކޮލެޖަށް އެންގި އެވެ.
ޖުލައި 28، ގައި އެވިޑު ކޮލެޖަށް ފިޔަވަޅު އެޅީ އެމްކިޔުއޭ އަށް ލިބުނު ޝަކުވާތަކަކާއި ގުޅިގެން އެ އޮތޯރިޓީން ތައްޔާރުކުރި "ރެންޑަމް ބެޗް އޮޑިޓް"އަކަށް ފަހުގަ އެވެ. އެ އޮޑިޓުން ލެކްޗަރާއިންގެ މުސާރަ ޝީޓުތައް ހިއްސާނުކުރުމާއި ތާވަލާ އެއްގޮތަށް މޮޑިއުލްތައް ކުރިއަށް ނުގެންދާ ކަން ފާހަގަކުރެވުނު ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އޭގެ އިތުރުން އެވިޑުގެ ދަރިވަރުން އެންރޯލްކޮށްފައިވާ ތާރީހާއި އިންޓޭކް ތާރީހާ ދިމާނުވާ ކަމަށާއި ދަރިވަރުންގެ ހާޒިރީ އާއި ދަރިވަރުންގެ ނަތީޖާ ޝީޓުތައް ބަލަހައްޓާނެ އެކަށީގެންވާ ރަނގަޅު ނިޒާމެއް އެ ކޮލެޖުގައި ނެތް ކަން ވެސް އެ އޮޑިޓުން ދެނެގަނެވުނެވެ.
އެމްކިޔުއޭ އިން ނެރުނު އިއުލާނެއްގައި ބުނީ ޕްރޮގުރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުން އެވިޑް ކޮލެޖަށް އެޅި ފިޔަވަޅުތައް އުވާލީ އެމްކިޔުއޭ އާއި އެވިޑް ކޮލެޖާ ބައްދަލުކުރުމަށްފަހު، އޮޑިޓުން ފާހަގަކުރެވުނު ކަންތައްތައް ރަނގަޅުކޮށްފައިވާތީ ކަމަށެވެ.
"އެވިޑް ކޮލެޖަށް އެޅިފައިވާ ފިޔަވަޅުތައް މުރާޖައާކުރުމަށްފަހު އެމްކިޔުއޭ އާއި އެވިޑް ކޮލެޖު ބައްދަލުވުމެއް ބާއްވާ މަޝްވަރާކުރެވުނު ކަންތަކަށް ރިއާޔަތްކޮށް، އަދި އެމްކިޔުއޭ އިން އެވިޑް ކޮލެޖަށް ޒިޔާރަތްކޮށް ފާހަގަކުރެވިފައިވާ ކަންތައްތައް ބަލާ އެކަންތައްތައް ރަނގަޅުކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެ ކޮލެޖަށް އެޅިފައިވާ ފިޔަވަޅުތައް އުވާލައިފައިވާކަން އިއުލާނުކުރަން" އެ އިއުލާނުގައި އެމްކިޔުއޭ އިން ބުނެފައިވެ އެވެ.
އެވިޑަށް ފިޔަވަޅުތައް އެޅިކަމުގައިވިޔަސް ވެސް އެ ކޮލެޖުން އޭރު ކުރިއަށް ގެންދިޔަ ބެޗްތައް ހުއްޓާނުލާ ވަނީ ކުރިއަށް ގެންގޮއްސަ އެވެ.
Comment