މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސިީއީއޯ ފިޒާނާ (ވ) އެ އޮތޯރިޓީގެ ބައްދަލުވުމެއްގައި: ރާއްޖޭގެ ޑޮކްޓޯރަލް ޕްރޮގްރާމުތަކަށް ހާއްސަ އުސޫލެއް މިހާތަނަށް އެމްކިޔުއޭއިން އެކުލަވާލާފައި ނުވޭ --- ފޮޓޯ: އެމްކިޔުއޭ
ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ (ޕީއެޗްޑީ) ޕްރޮގްރާމެއްގައި ވަޒީފާ އަދާކުރަމުން ބައިވެރިވާނަމަ ޕާޓްޓައިމް އުސޫލުން ކިޔަވަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިއްޔެ އަންގައިފި އެވެ.
އެމްކިޔުއޭއިން ނެރުނު އިއުލާނެއްގައި ވަނީ، ރާއްޖޭގައި ހިނގާ ޕީއެޗްޑީ ޕްރޮގްރާމުތަކަށް ވެސް، ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ޑޮކްޓޯރަލް ޑިގްރީ ގަބޫލުކުރާނެ ގޮތުގައި އުސޫލުގައިވާ މުއްދަތުތަކުގެ މިންގަނޑު، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން، ތަތުބީގުކުރަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ފުލްޓައިމް މުއްދަތު ކަމަށް ބަލާނީ، އެމްއެންކިއުއެފް ގައިވާ ގޮތަށް މަދު ވެގެން ތިން އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ޕާޓްޓައިމް މުއްދަތު ކަމަށް ބަލާނީ، މަދު ވެގެން ފުލް ޓައިމް މުއްދަތުގެ ދެ ގުނަ ނުވަތަ އެއަށް ވުރެ މަދު މަދު ނޫން މުއްދަތެކެވެ.
ޕީއެޗްޑީ ޕްރޮގްރާމަކީ، އެމްކިޔުއޭއިން ބުނި ގޮތުގައި، 360 ކްރެޑިޓު ހަމަ ވާން ޖެހޭ، ގިނަ އަދަދެއްގެ ދިރާސާތަކެއް އެކުލެވޭ ޕްރޮގްރާމެކެވެ. އަދި، މި ޕްރޮގްރާމް ތިން އަހަރުގެ ތެރޭގައި ފުރިހަމަ ކުރާ ނަމަ އެ މުއްދަތުގެ ތެރޭގައި 3،600 ގަޑިއިރު ފުރިހަމަ ކުރަން ޖެހެ އެވެ. މިހެންވެ، ވަޒީފާ އަދާކުރަމުން ފުލްޓައިމްކޮށް ޕީއެޗްޑީއަށް ކިޔެވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް އެމްކިޔުއޭއިން ބުންޏެވެ.
"ވަޒީފާ އަދާކުރާ ފަރާތްތަކުން [ޑޮކްޓޯރަލް ޑިގްރީ] ޕްރޮގްރާމުގައި ބައިވެރިވާނަމަ، ޕާޓްޓައިމް އުސޫލުން ކިޔެވުމަށް މި އޮތޯރިޓީން އަންގަން. ނަމަވެސް، ވަޒީފާއެއް އަދާނުކޮށް ހަމައެކަނި ކިޔެވުމަށް ހާއްސަވެގެން ތިބޭ ފަރާތްތަކަށް ފުލްޓައިމްކޮށް ކިޔެވިދާނެކަމަށް ގަބޫލުކުރެވޭ،" އެމްކިޔުއޭއިން ބުންޏެވެ.
ބޭރުގެ ޔުނިވާސިޓީތަކުގެ ޕީއެޗްޑީތައް ބަލައިގަތުމުގެ މިންގަނޑު ރާއްޖޭގައި ހަދާ ޕީއެޗްޑީތަކަށް ބޭނުންކުރަން އެމްކިޔުއޭއިން ނިންމީ، ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަރުތަކުން ހިންގާ ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމްތަކުގެ މުއްދަތާއި ޕްރޮގްރާމް ޑެލިވާކުރާ ގޮތާ ގުޅޭ ގޮތުން އަމަލުކުރާނެ ވަކި ހާއްސަ އުސޫލެއް މި ވަގުތު ނެތުމުންނެވެ.
އެމްކިޔުއޭއިން ވަނީ، ރާއްޖޭގެ ޕީއެޗްޑީ ޕްރޮގްރާމުތަކުގެ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ހިފެހެއްޓުމަށް ޓަކައި، މި މިންގަނޑާ އެއްގޮތަށް އަމަލުކުރަން އަންގާފަ އެވެ.
ރާއްޖޭގައި ޕީއެޗްޑީ ހެދެނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިންނާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިންނެވެ. އެމްއެންޔޫގައި 16 ޕްރޮގްރާމެއް އޮންނަ އިރު، އައިޔޫއެމްގައި އޮންނަނީ ތިން ޕްރޮގްރާމެވެ.
Comment