Advertisement

ލޭނު އެޅުމާ ދެކޮޅަށް ހިންގާ ކެމްޕޭނަށް ފިޝަރީޒް މިނިސްޓްރީގެ ފާޑުކިޔުން

22 އޮގަސްޓު 2024 - 11:36 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ލޭނު އެޅުމާ ދެކޮޅަށް ހިންގާ ކެމްޕޭނަށް ފިޝަރީޒް މިނިސްޓްރީގެ ފާޑުކިޔުން

22 އޮގަސްޓު 2024 - 11:36 0

ދިވެހިރާއްޖޭގެ ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރުމާ ދެކޮޅަށް ހިންގަމުންދާ ކެމްޕޭނަށް ފިޝަރީޒް މިނިސްޓްރީން މިއަދު ފާޑުކިޔައިފި އެވެ.

ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރީން އެކުލަވައިލި ގަވާއިދުގެ ދެލިކޮޕީއެއް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި އެވެ.

އެ ގަވާއިދުގެ ދެލިކޮޕީ ޝާއިއުކުރުމާ އެކު މޯލްޑިވްސް އޯޝަން އެލަޔަންސް އަދި ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ގުޅިގެން އޮންލައިން ޕެޓިޝަނެއް ލޯންޗުކޮށްފައިވާއިރު ގިނަ ބަޔަކު ދަނީ އެ ނިންމުން މުރާޖާ ކުރުމަށް ސަރުކާރަށް ގޮވާލާމުންނެވެ.

"މިހާރު މިދާ ކެމްޕޭނަކީ އަޅުގަނޑަށް ބޮޑަށް ގަބޫލުކުރާ ގޮތުގައި ލޯންގް ލައިން މަސްވެރިކަމާ ދެކޮޅަށް ހިންގާ ކެމްޕޭނެއް ނޫން. އެހެން މި ދަންނަވާ ސަބަބުތަކުގެ ތެރޭގައި އެ ބޭފުޅުން ކުރެހުމާއި އެއްޗެހި ހަދައިގެން މަންޓާ ރޭ އާއި ވެލަ އާއި މިހެން ގޮސް އަޅުގަނޑުމެންނަށް ދުވަހަކު އެ ހިސާބު [ނުދާނެ]," އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވި އެވެ.

ލޭނު އަޅަން ހުއްދަ ދޫކުރުމުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި އަދި ޓޫރިޒަމަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ސޮއިކުރަން ފެށި ޕެޓިޝަނުގައި މިހާތަނަށް 24,700 މީހުން ވަނީ ސޮއިކޮށްފަ އެވެ. ބައިކެޗުގެ ގޮތުގައި ގިނަ މިޔަރުތަކެއް ލޭނުގައި ޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމުކެވެ.

"ފުރަތަމަ ބޮއި ލައިން ސެޓުވަނީ 60 މީޓަރު އަޑީގައި. އޭގެ އިތުރުން ދެން މިއިންނަ ކޮޅު އެ ލައިން މި އިންނަނީ 45 މީޓަރު އަޑީގައި. މުޅި އެތި ނިމޭއިރު މީތި އެބަ ދޭ ގާތްގަނޑަކަށް 150 މީޓަރު އަޑިއަށް. އެ ހިސާބުން މިޔަރު ޖެހޭނެ. މިޔަރު ނުޖެހުމަކީ ވެދާނެ ކަމެއް ނޫން. އެ މިޔަރު ޖެހޭ ޕަސެންޓަކީ ވެސް ބާނާ މަހުގެ ދެ ޕަސެންޓު," މުއްތަލިބު ވިދާޅުވި އެވެ.

އެ ދެ ޕަސެންޓަކީ "ހަޖަމް ކޮށްލެވެން ވާ ވަރުގެ ފިގާއެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިޔަރު މަރުވުމަށްފަހު އޭތި އެއްލާލިޔަސް, ގެނަޔަސް އޭގެއިން ތިމާވެއްޓަށް އަންނާނެ ވަކި ތަފާތެއް ނެތް. އަޅުގަނޑުމެން މި ހުއްދަ ކުރަނީ މަރުވާ މިޔަރު ލޭންޑް ކުރަން. އެކަން މިކުރަނީ އެންކަރޭޖު ކުރާ ކަމެއްގެ ގޮތުގައި ނޫން," މުއްތަލިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު ވަކާލާތު ކުރަންވީ އެކަން ކުރެވޭނެ ގޮތަކަށް, އަޅުގަނޑުމެންނާ ދެކޮޅަށް މި ކުރާ ކެމްޕޭނުތަކަކީ އެއްގޮތަކަށް ވެސް ގަބޫލުކުރަން މި މަސްވެރިކަމުން ލިބިދާނެ ގެއްލުމަކަށްޓަކައި ކުރެވޭ ކެމްޕޭނެކޭ."

ލޭނު މަސްވެރިކަމާ އެކު މިޔަރާއި, ފެހުރިއްސާއި, ވެލާ ކަހަނބާއި, އެންމަޑި އަދި އައިންމަތީ ދޫނިތަކުގެ އާބާދީއަށް އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ލޭނު އަޅަން ބޭނުންކުރާ ކަންވާރުތައް ކަނޑަށް ގެއްލި އުޅަނދުތައް އެއްގަމަށް މިސްރާބު ޖަހާ ފަހުން ވެސް ކަނޑުގެ ދިރުންތައް އޭގައި ޖެހި އެ ދިރުންތައް ނެތިދާކަން ދިރާސާތަކުން ދައްކަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 2022 ގައި އެކަނި ވެސް 740,000 ކިލޯމީޓަރުގެ ލޭނު ކަންވާރު ކަނޑަށް ވަނީ ދޫވެފަ އެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ޖުމުލަ 18 ޖަމިއްޔާއެއް ގުޅިގެން އެ ގަވާއިދަށް ހިޔާލު ވެސް ހުށަހެޅި އެވެ. ޖުމުލަ ނުވަ ނުކުތާއެއްގެ މައްޗަށް ބިނާކުރި ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު އެއަށް ރިއާޔަތްކޮށް ބަދަލުތަކެއް ގެންނަކަން އަދި ހާމަކޮށްފައި ނުވެ އެވެ.