މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން ސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ
އޭޝިއަން ގޭމްސް އިން އެންމެ ފުރަތަމަ މެޑަލް އެއް ރާއްޖެ އަށް ހޯދާނެ ކުޅިވަރަކީ ސާފިން ކަމުގައި އަބަދުވެސް ދެކޭ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.
އިއްޔެ ރާއްޖޭގައި ފެށި އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ އެތައް ގޮތަކުން ވެސް ހާއްސަ މުބާރާތެކެވެ. މި މުބާރާތަކީ ރާއްޖޭގައި ބައިނަލްއަގްވާމީ ބޮޑު ގޭމްސް އެއް (އޭޝިއަން ގޭމްސް)ގެ ކޮލިފިކޭޝަނެއް ކުރިއަށްދާ ފުރަތަމަ ފަހަރެވެ.
މި މުބާރާތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮލިމްޕިކް ކޮމިޓީގެ ރައީސް، ސައްތާރު ވިދާޅުވީ، ސާފިންއާ މެދު ދެކެނީ އޮލިމްޕިކްސް އަށް ވެސް ކޮލިފައިވެވޭނެ ކުޅިވަރެއްގެ ގޮތުގައި ކަމަށެވެ.
"އަޅުގަނޑު އެމްއޯސީއާ ޖޮއިން ކުރީއްސުރެ, އެންމެ ފުރަތަމަ ވެސް އަޅުގަނޑު ވިސްނައިގެންދިޔައީ އޮލިމްޕިކްސް އަށް ކޮލިފައިވާނެ ކުޅިވަރަކީ ސާފިން ކަމަށް. ހަމަ އެހެން, އެންމެ ފުރަތަމަ އޭޝިއަން ގޭމްސް އިން ކޮލިފައިވެގެން, މެޑަލް އާ ހިސާބައް ދާނެ ކުޅިވަރަކީ ސާފިން ކަމަށް، އަޅުގަނޑު މި ދެކެނީ،" ސައްތާރު ވިދާޅުވި އެވެ.
އިއްޔެގެ ހަފްލާގައި ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވެސް ވަނީ އޭޝިއަން ގޭމްސްގައި މެޑަލަކާ ހަަމައަށް ދެވޭނެ ކުޅިވަރެއްގެ ގޮތުގައި ސާފިން ފާހަގަކޮށްފަ އެެވެ.
ކ. ތުލުސްދޫގައި މި ފަހަރު ވެސް އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، މި ފަހަރުގެ މުބާރާތުގައި 20 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި، ރާއްޖޭގެ ދެ ޓީމު ވެސް ހިމެނެ އެވެ. ރާއްޖޭގެ ދެ ވަނަ ޓީމަަަށް ނަން ދެވިފައިވަނީ، ތުލުސްދޫ ޓީމުގެ ނަމުންނެވެ.
ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އެއް ރަށެއްގައި އޭޝިއާ ލެވަލްގެ މުބާރާތެއް ހޯސްޓްކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައި މި ވަނީ، ތުލުސްދޫ އަށެވެ. ތުލުސްދޫ އިން ފުރަތަމަ ފަހަރަށް މިދިޔަ އަހަރު، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ހޯސްޓްކުރިއިިރު، ކަންކަން ރަނގަޅަށް ހަމަޖެހިފައި ހުރުުމުގެ ނަތީޖާ އަކީ، މި ފަހަރު ވެސް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ލިބުމެވެ.
Comment